ބޮލީވުޑް

ބިއުޓީ ޕްރޮޑަކްޓްސްތަކާބެހޭ ގޮތުން އަޑު ފެތުރުމުން މާދުރީ ރަތަށް!

Jun 21, 2016
1

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްޝިޓްގެ ވާހަކަ އަނެއްކާވެސް މިވަނީ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފަ އެވެ.

ފެޝަން މެގަޒިން އަކަށް މިފަހުން މާދުރީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ކަމަށް ބުނެ ވަނީ މާދުރީ ބޭނުންކުރާ ބިއުޓީ ޕްރޮޑަކްޓްސް ތަކަކީ އޭނާ އެންޑޯޒްކުރާ ޕްރޮޑަކްޓްސްތަކެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އޭނާގެ ރީތިކަން ދެމެހެއްޓުމަށް ބޭނުންކުރަނީ އެހެން ޕްރޮޑަކްޓެއް ކަމަށެވެ.

މާދުރީ ވަނީ ވަރަށް ފަހަކާ ޖެހެންދެން ވެސް އޮލޭ ބްރޭންޑްގެ ބިއުޓީ ޕްރޮޑަކްޓްސް އެންޑޯޒްކޮށްފަ އެވެ.

މާދުރީ މިހެން ބުނުމާ އެކު ގިނަފަރާތްތަކަކުން ވަނީ މަޝްހޫރު ސެލެބްރިޓީން އެންޑޯޒްކުރާ މިފަދަ ބިއުޓީ ޕްރޮޑަކްޓްސްތަކުން ރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމާ މެދު ސުވާލު އުފައްދާފަ އެވެ. އަދި މިފަދަ ތަރިން އިޝްތިހާރުތަކުގައި ދައްކާ ވާހަކަތައް ދެން އިތުރަށް އާންމުން ހެއްލިދާނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

މާދުރީ އޮލޭގެ އިޝްތިހާރެއްގައި:

ކޮންމެ އަކަސް މާދުރީ ބުނިކަމަށް އެންޑޯޒްކުރާ ބިއުޓީ ޕްރޮޑަކްޓް ބޭނުންނުކުރާ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް އޭނާ ވަނީ ކުރި ޓްވީޓްތަކެއްގައި އޭނާ ދެއްކި ވާހަކަތަކުގެ ހަގީގަށް އޮޅޭ ފަދަ ގޮތަށް ދޮގު ހަބަރު މީޑިއާތަކުން ފަތުރާފައިވާ ކަމަށް ބުނެފަ އެވެ.

މާދުރީ ވަރަށް ރުޅިގަދަވެފައި ހުރެ ފުލުފުލުގައި ކުރި ޓްވީޓްތަކެއް ވަނީ ފޭކް ފެޝަން ވެބަސައިޓެއްގައި އޭނާ ނުބުނާ ވާހަކައެއް ބުނި ކަމަށް ބުނެ ލިޔުމުން އެވާހައިގެ ހަގީގަށް ނުހޯދާ އެހެން ނޫސްތަކުގައި އެވާހަކަ ލިޔެ ބޮޑު ކަންތައް ގަނޑަކަށް ހަދާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭނާ މިހާރު ވަނީ އޮލޭ އަށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށާއި ސަބަބަކީ އެމްބެސްޑަރެއްގެ ގޮތުން އޭނާގެ ޒިންމާ އެނގޭ ކަމަށް ބުނެފަ އެވެ. އިރުތަށް މާދުރީ ވަނީ ދޮގު ހަބަރުތައް ގެނެސްދިން ނޫސްތަކުން ކިޔުންތެރިންނާއި އިޝްތިހާރުކުރާ ފަރާތްތަކަށް ތެދު ހަބަރުތައް ގެނެސްދިނުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށް ބުނެފަ އެވެ.

ދަކް ދަކް ގާލްގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ މާދުރީ 2014 ވަނަ އަހަރުގެ ފަހުން ފިލްމަކުން ފެނިގެން ގޮސްފައިނުވާއިރު، ހަމަ އެހަރާއި ހަމައަށް ވަނީ ކަލާސް ޗެނަލުން ދައްކާ ރިއަލިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގެ ޖަޖެއްގެ ގޮތުގައި ފެނިގެން ގޮސްފަ އެވެ. މާދުރީ އަކީ ސޯ ޔޫތިންކް ޔޫކޭން ޑާންސްގެ އިންޑިއާން ވާޝަންގެ ޖޫރީ އެކެވެ.