ދީން

186 މިސްކިތް ބިނާކޮށް، 2 މިލިއަން މީހުން އިސްލާމްކުރި މުޙައްމަދު އަލީ

މި ބަރަކާތްތެރި ރަމަޟާންމަސް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް މުޅި އިސްލާމީ އުންމަތަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ޤަދަރުހުރި އިސްލާމީ ޝަޚްޞިއްޔަތެއްކަމުގައިވާ މުޙައްމަދު ޢަލީ ކްލޭ މި ދުނިޔެ ދޫކުރުމެވެ. މުޙައްމަދު ޢަލީ ކްލޭ ދުނިޔެއަށް މަޝްހޫރުވެފައިވަނީ ކުޅިވަރުގެ މައިދާނުގައި ނަންހުރި ފަހުލަވާނެއްގެ ގޮތުގައެވެ. އެއީ، ދުނިޔޭގެ ތާރީޚު މިހާތަނަށް ދުށް އެންމެ ހުޝިޔާރު ހެވީވެއިޓް ބޮކްސިން ޗެމްޕިއަނެވެ. 3 ފަހަރެއްގެ މަތީން ކުޅިވަރުގެ މި ފަޚުރުވެރި މަޤާމް މުޙައްމަދު ޢަލީ ޙާޞިލްކޮށްފައިވާއިރު، ހެވިކަމުގެ ހުނަރާ، ބާރާ، އާދަޔާ ޚިލާފު ވިސްނުމާ ސަމާލުކަން އެއްކޮށްލައިގެން ކުޅޭ މި ކުޅިވަރުގެ ޕްލެޓްފޯމްތަކުގައި އޭނާ ސިފަކުރެވިފައިވަނީ "ކޮކާލެއްފަދަ ހަލުވި، ކުޅަނދުރެއްހައި ގަދަޔަށް ކަށިޖަހާ" ކުޅަދާނަ ހެތްވެއްގެ ގޮތުގައެވެ. ހެވީވެއިޓް ބޮކްސިންގައި ދެން ދުވަހަކުވެސް މުގުރައި ނުލެވޭނެކަމަށް ޤަބޫލުކުރެވޭ ރެކޯޑްތައް މުޙައްމަދު ޢަލީ ހަދާފައިވަނީ ބަލަންތިބި އެންމެންނާ މުޅި ދުނިޔެ ޙައިރާންކޮށްލުމަށްފަހު އެވެ.

އެމެރިކާގެ ކަޅުނަސްލުގެ މެދު ފަންތީގެ ޢާއިލާއަކަށް އުފަން މި "ކުޅިވަރު ލެޖެންޑް" ގެ މައިންބަފައިންނަކީ ކްރިސްޓިއަނުންނެވެ. މުޙައްމަދު ޢަލީގެ އެންމެ ޅަ ދުވަހުގެ އަސަރު ގަދަ ހަނދާނަކީ، ކޮންމެ ރެއަކު ނިދަން އޮށޯވެ އޮވެ، ކަޅު ނަސްލުގެ މީހުންނާމެދު އެމެރިކާގައި އިންތިހާ ދަރަޖައަށް އިހާނެތިކޮށް ހިތާތީ އެކަމާ ވިސްނައި އަޑުން އަޑުނަގާ ރުއިމެވެ. ނިދެނީ މި ހިތާމަތަކުގެ ތެރޭއެވެ. ހޭލެވެނީ، ޙައްޤުތައް ހޯދުމުގައި ހިތްވަރު ކުރުމަށް ޢަޒުމު ކަނޑައެޅުމުގެ އައު ދުވަހަކާ އެކުއެވެ.

އުމުރުން 12 އަހަރުގައި މުޙައްމަދު ޢަލީ (އޭރުގެ ނަމުންނަމަ : ކަޝިއަސް މާސެލަސް ކްލޭ ޖޫނިއަރ) ގެ ބައިސްކަލް މީހަކު ވަގަށް ނެގި ދުވަހު، ފިސާރި އަޑު ހަރުކޮށް އެކަމާ ނުރުހުން ފާޅުކޮށް، ބައިސްކަލް ވަގަށް ނެގި މީހާ ހޯދިއްޖެ ނަމަ ވަރަށް ވަރުގަދަޔަށް އެމީހެއްގެ ފުށުން ބަދަލު ހިފާނެކަމުގައި އޭނާ ވާހަކަ ދެއްކިއެވެ. ބާރަ ވަރަކަށް އަހަރުގެ ހިމަތޮޅި "ސޮރަކު" މިހާ ގަދަބަސް ބުނާތީ، އެ ވާހަކަ އަޑު އަހަންހުރި ފުލުހަކު ވަރަށް މަލާމާތުގެ ރާގެއްގައި ބުނިކަމަށް ވަނީ، "ކަލޯ ކަހަލަ ހިމަތޮޅި ޢުމުރުން ހަގު ސޮރަކު މީހެއްގެ ފުށުން ބަދަލު ހިފަންޏާ ފުރަތަމަ ޖެހޭނީ ބޮކްސިން ތަޅަން ރަނގަޅަށް ދަސްކުރަން" ކަމަށެވެ.

ބޮކްސިންގެ ތެރެއަށް ކުޑަކުޑަ މުޙައްމަދު ޢަލީ ކްލޭއަށް ވަދެވެނީ މިހިސާބުންނެވެ. 12 އަހަރުގައި މި ކުޅިވަރުގައި ފަށައިގަތް މަސައްކަތުގައި ޢުމުރުން 18 އަހަރާ ހަމަޔަށް ދިޔައިރު، އޭނާ ދިރިއުޅޭ ސްޓޭޓްގެ ފެންވަރުގައި އަދި އެމެރިކާގެ ޤައުމީ ފެންވަރުގައި ބޭއްވުނު އެތައް ބޮކްސިން މުބާރާތަކުން ރަންވަނަ ތަކެއް ޙާޞިލްކުރިއެވެ. ޢުމުރުން 18 އަހަރުގައި އެމެރިކާގެ ބޮކްސިން ޓީމް ތަމްސީލުކުރުމަށް އޮލިމްޕިކްސްގައި ބައިވެރިވެ، ޤައުމަށް ރަން މެޑެލް ޙާޞިލްކޮށްދިނެވެ. ކާމިޔާބުގެ ހަރުފަތަކަށް ފަހު ހަރުފަތެއް ހަލުވި ކަމާއެކު ކަޑައްތު ކުރަމުން އައިސް ޢުމުރުން 22 އަހަރުގައި (1964 ވަނަ އަހަރު) ދުނިޔޭގެ ހެވީވެއިޓް ބޮކްސިން ޗެމްޕިއަންކަމުގެ ފަޚުރުވެރި މަޤާމު މުޙައްމަދު ޢަލީ ކްލޭ ޙާޞިލްކުރީ މުޅި ދުނިޔެ ޙައިރާންކޮށްލުމަށް ފަހުއެވެ. އެ ޢުމުރުގެ ޒުވާނަކަށް އަދާ ހަމަޔަށްވެސް ޙާޞިލްކުރެވިފައި ނުވާ އެ މަޤާމު، ދުނިޔޭގެ ރެކޯޑަކާ އެކު ލިބުންވީ ހުރިހާ ޤައުމެއްގައި އަދި ކުޅިވަރުގެ ހުރިހާ ދަނޑުތަކެއްގައި ލިބުނު ބޮޑު މަޝްހޫރު ކަމަކަށެވެ.

އެންމެ ނޫކަށިފުރައިގެ ޒުވާންކަމުގައި މިލިބުނު ޝުހުރަތާ، އެންމެތަކުންގެ ހިތްކިޔާ ފަޚުރުވެރި "ފިރިހެންވަންތަ" މަޤާމާ، މުއްސަނދިކަމާއެކު ދެން ފެނުނު ޙައިރާން ކުރުވަނިވި މަންޒަރަކީ، އެތައް ބަޔަކު އެއްވެ ތިބި ކުޅިވަރުގެ މައިދާނެއްގައި ބައިނަލްއަޤްވާމީ މީޑިއާގެ ކުރިމަތީގައި އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްކަން ފައުޅު ކުރުމެވެ. އެ ދުވަހުން ފެށިގެން އޭނާގެ ނަމަކީ މުޙައްމަދު ޢަލީ ކްލޭ ކަމުގައި އިޢުލާން ކުރުމެވެ.
ޒުވާން ކަމުގައި ލިބުނު ބޮޑު މަޤްބޫލުކަމާ ތަނަވަސްކަން މަޖާ ނެގުމުގައި ހޭދަކުރުމަށް ވުރެ ޙައްޤު ދީނަށް ނަޞްރު ދިނުމަށް މި ޒުވާނާ މާ ޝައުޤުވެރިއެވެ. މީޑިއާއަށް ކިޔައިދިން ގޮތުގައި ފުރާވަރުގެ ޢުމުރަށް އެޅީއްސުރެ ޙައްޤު ދީނާމެދު އޭނާގެ ބަހުސްތައް ފަށައިފިއެވެ. ވަކީން ޚާއްޞަކޮށް މިދުނިޔެއާ ކައުނާމެދު ފިކުރު ކުރުމެވެ. ކްރިސްޓިއަން ދީނާ އެހެން ދީންތަކާ އަޅައިކިޔުމެވެ. ކްރިސްޓިއަން ދީނުގައި ކީރިތި ﷲއަށް ޝަރީކުކޮށް، 3 ކަލާނގެ ވާކަމުގައި ބުނާ ބުނުމާމެދު ވިސްނުމެވެ. އިސްލާމްދީން ދަޢުވަތު ދެނީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، މުޙައްމަދު ނަބީކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާ ކަމުގައި ޤަބޫލުކުރުމަށް ކަމުގައި ބުނާތީ އިވުނު ދުވަހަކީ އެ ޚަބަރާއެކު މުޅި ހަށިގަނޑަށް އާދަޔާ ޚިލާފު "ލޮޅުމެއް" އައި ދުވަހެއްކަމުގައި މުޙައްމަދު ޢަލީ ބުނެއެވެ. ދެން ފެށުނީ އިސްލާމްދީން ދިރާސާ ކުރުމެވެ. ޤުރުއާނުގެ ތަރުޖަމާއާ ތަފްސީރު ވިސްނުންތެރިކަމާއެކު ކިޔުމެވެ. ބުއްދިވެރީންނާ އިސްލާމީ މުފައްކިރުންނާ ބައްދަލުވެ ބަހުސްކުރަން ފެށުމެވެ.

ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމުގައި މުޙައްމަދު ޢަލީ ކްލޭ ޤަބޫލުކުރަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި އޭނާގެ އިސްލާމްކަން މުޅި ދުނިޔެއަށް ހާމަކުރި ދުވަހެވެ. އެ ދުވަހަށްފަހު މުޅި ދުނިޔެއަށް މަޝްހޫރު މި ޒުވާނާގެ މުޅި ދިރިއުޅުމުގެ އާދަތަކާ، ކެއިންބުއިމާ، މުޢާމަލާތުވެސް އިސްލާމީ ރިވެތި އުޞޫލުތަކަށް ބަދަލުވެގެން ދިޔައީއެވެ. ވަގުތު ވީވަރަކުން މައްކާ މަދީނާއަށް ޒިޔާރަތްކުރުން ގިނަކުރުމާ، ދުނިޔޭގެ އެތަން މިތަނުގައި ތިއްބެވި އިސްލާމީ ޢިލްމުވެރީންނާ ޝަޚްޞިއްޔަތުތަކާ ބައްދަލުވުން އާދައަކަށް ވީއެވެ.

މުޙައްމަދު ޢަލީ ވެގެންދިޔައީ ވަރުގަދަ އިސްލާމީ ޢާއިލާއެއްގެ ބައްޕައަކަށެވެ. އޭނާގެ 9 ދަރީންނަށްވެސް ދިނީ ރީތި އިސްލާމީ ނަންތަކެވެ. ކީރިތި ޤުރުއާނާ އިސްލާމްދީން އުނގަންނައިދޭ މަރުކަޒުތަކަށް އެކުދީން ކިޔަވަން ފޮނުވިއެވެ. ދަރީން ގޮވައިގެން މިސްކިތަށް ނަމާދަށް ދިއުން އުފަލެއްކަމުގައި ހެދިއެވެ.

އިސްލާމްދީނަށް ނަޞްރުދީ، ތައުޙީދުގެ އަޑު އުފުލުމުގައި މިއީ މި ޒަމާނަށް ނަމޫނާއެކެވެ. އެމެރިކާއިން ވިއެޓްނާމަށް އަރައިގަނެ، ހަނގުރާމަ ފެށުމުން އެ ހަނގުރާމައާ އޭނާ ދެކޮޅުހެދިއެވެ. އެ ހަނގުރާމައިގާ ބައިވެރިވުމަށް އެމެރިކާ ސިފައިންގެ ލަޝްކަރަށް ވަނުމަށް ލިބުނު ފުރުޞަތު ދޫކޮށްލިއެވެ. ޤައުމުތަކަށް އަރައަރައިގަނެ، މީހުން މަރައި، ކުޑަކުދީން ޙާލުގައި ޖައްސާ، ގެދޮރު ސުންނާފަތި ކުރުމަކީ އިސްލާމީ އުޞޫލެއް ނޫންކަމުގައި އިޢުލާންކުރިއެވެ. އަދި ވިއެޓްނާމަށް އެމެރިކާއިން އަރައިގަނެ ފެށި ހަނގުރާމައަކީ ކީރިތި ޤުރުއާނުގެ ތަޢުލީމު ޤަބޫލުކުރާ ހަނގުރާމައެއް ނޫންކަމުގައި ބުނެ ޙުއްޖަތް ޤާއިމްކުރިއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ޢަސްކަރީ ޚިދުމަތަށް ފުރަގަސްދިންކަމުގެ ތުހުމަތުގައި 5 އަހަރުދުވަހަށް މުޙައްމަދު ޢަލީ ޖަލަށް ލުމަށް ޙުކުމް ކުރިއެވެ. އަދި ބޮކްސިން ޗެމްޕިއަންކަމުގެ ފަޚުރުވެރި ލަޤަބު ނިގުޅައިގަނެ، ކުޅިވަރު ކުޅުމުން 4 އަހަރަށް ސަސްޕެންޑް ކުރިއެވެ.
މި ހުރިހާ ފިއްތުންތަކެއްގެ ކުރިމަތީގައި އޭނާ ސާބިތުވީ އީމާންކަމުގެ އަޑު އުފުލުމުގައެވެ. އެންމެފަހުން، ޝަރީޢަތުގެ އިސްތިއުނާފް މަރުޙަލާގައި ހުރިހާ ހުރަސްތަކަކުން ނެއްޓި އޭނާގެ ބޮކްސިން ޗެމްޕިއަން ލަޤަބު އަނބުރާ ލިބުނެވެ. ޖަލުގެ ޙުކުމް ތަންފީޒުކުރުމުން ސަލާމަތްވެ، ކުޅިވަރު ކުޅެން އަލުން ނުކުތުމުގެ އިޒްނަވެސް ލިބުނެވެ.

އޭގެފަހުން 1974 ވަނަ އަހަރާ 1978 ވަނަ އަހަރުވެސް ދުނިޔޭގެ ހެވީވެއިޓް ބޮކްސިން ޗެމްޕިއަންކަމުގެ ފަޚުރުވެރި މަޤާމު މުޙައްމަދު ޢަލީ ކްލޭ ވަނީ ހޯދާފައެވެ. އޭނާގެ އާދަޔާ ޚިލާފު ބާރާ ކުޅަދާނަކަމުގެ ސަބަބުން ލިބޭ ކޮންމެ މަޝްހޫރުވުމަކާއެކު އިސްލާމްދީން ޕްރޮމޯޓްކުރުން އިތުރު ކުރިއެވެ.

އެމެރިކާގެ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި އިސްލާމްދީނުގެ ވާހަކަދެއްކުމުގައި މުޙައްމަދު ޢަލީ ވަރަށް މަޤްބޫލެވެ. 1990 ވަނަ އަހަރު އެމެރިކާގެ ވައިޓްހައުސްގައި އޭރު ދުނިޔޭގެ ބޮޑު ދެބާރުގެ ވެރީންކަމުގައިވާ އެމެރިކާގެ ރައީސް ޖޯޖްބުޝްއާ ރަޝިއާގެ ރައީސް މިޚައިލް ގަރބަޗޯފްގެ ބައްދަލުކުރެއްވުމެއްގައި ބައިވެރިވުމުގެ ފުރުޞަތު މުޙައްމަދު ޢަލީއަށް ލިބުމުން އެ ބައްދަލުވުމުގައި ރަޝިއާގެ ރައީސަށް ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް މުޙައްމަދު ޢަލީ ހަދިޔާ ކުރިއެވެ. އަދި ޤުރުއާން ދިރާސާކުރައްވައި، އިސްލާމްދީން ޤަބޫލުކޮށްފިކަން އިޢުލާނު ކުރެއްވުމަށް ރަޝިޔާގެ ރައީސަށް ދަޢުވަތު އެރުވިއެވެ.

މުޙައްމަދު ޢަލީ އަކީ އަބަދުވެސް ފަލަޞްޠީނުގެ މުސްލިމުންގެ ހައްޤުގައި އަޑު އުފުލި ޝަޚްޞިއްޔަތެކެވެ. ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހިނގި ޤަތުލު ޢާއްމާ ދެކޮޅަށް، އަދި ގުޅިފައިވާ ބާރުތަކުން ޢިރާޤަށާ އަފްޣާނިސްތާނަށް އަރައިގަނެ މުސްލިމުން ޙާލުގައި ޖެއްސުމާ ދެކޮޅަށްވެސް ބައިނަލްއަޤްވާމީ ކެމްޕޭނެއް މުޙައްމަދު ޢަލީ ވަނީ ހިންގާފައެވެ.

2001 ވަނަ އަހަރު ސެޕްޓެމްބަރުން 11 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ކުރިމަތިވި ޢުދުވާނާ ގުޅިގެން އިސްލާމީ އުންމަތާ ދެކޮޅަށް ޓެރަރިސްޓުންގެ ތުހުމަތުކޮށް ނަފްރަތު އުފެއްދުމަށް ކުރެވުނު މަސައްކަތްތަކާ ފާޅުގައި ދެކޮޅު ހަދާ، ކުށެއްނެތް މީހުން މަރައި ލޭ އޮހޮރުވައި ތަންތަން ސުންނާފަތި ކުރުމަކީ ކީރިތި ރަސޫލާ ގެންނެވި އިސްލާމީ މަތިވެރި އަދި ޞުލްޙަވެރި ރިސާލަތުގައި އޮތްކަމެއް ނޫންކަމުގައި މުޙައްމަދު ޢަލީ ވަކާލާތު ކުރިއެވެ. އަދި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއާ އިސްލާމީ އުންމަތާ އެއްވެސް ގުޅުމެއް ނެތްކަމުގައި އަޑު އުފުލުން ހުއްޓައިނުލާ ކުރިއަށް ގެންދިޔައެވެ.

އެމެރިކާގައި މިހާރު ހިނގަމުންދާ ރިޔާސީ ކެމްޕޭންގައި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރިޕަބްލިކަނުންގެ ކެންޑިޑޭޓަކަށް ވުމަށް ވާދަކުރާ މަހުޖަނު ޑޮނަލްޑް ޓްރަމްޕްޓް މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާކުރާނެކަމުގައި އިޢުލާނުކޮށް، އިސްލާމްދީނާ ދެކޮޅަށް ހަރުކަށިކަން އިސްކުރުމުން، އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ބަޔާން ނެރި ޓްރަމްޕްޓަށް ރައްދު ދިނީ މުޙައްމަދު ޢަލީ ކްލޭއެވެ. އެމެރިކާގައި އިސްލާމްދީނާ މުސްލިމުންނަށް އިހާނެތިކޮށް ނުހިތޭނެކަމުގެ ބަސް މުޙައްމަދު ޢަލީ މިކަމާއި ގުޅިގެން ތަކުރާރު ކުރިއެވެ.

ކޮންމެ ބޮކްސިން މެޗަކަށް ނުކުމެ، ނަމާދުކޮށް، ކަރުނައާއެކު ﷲއަށް ދުޢާކުރާ މަންޒަރަކީ މުޙައްމަދު ޢަލީގެ ކިބައިން ދުނިޔެ ތަކުރާރުކޮށް ދުށް މަންޒަރެކެވެ. ކުޅިވަރު ރަން ޙަޔާތުގައި ބޮކްސިންގެ ވަރުގަދަ 61 ކުރިމަތިލުމުގައި އޭނާ ވާދަކުރިއެވެ. އޭގެ ތެރެއިން 56 ކުރިމަތިލުން ފަޚުރުވެރި ވަނަތަކާއެކު ކާމިޔާބު ކުރިއެވެ.

ކުޅިވަރުގައި އެހެން މީހަކަށް އަރައި ހަމަނުކުރެވޭނެ މި ކާމިޔާބީތަކުގެ ސަބަބުން އެންމެ ނަންހުރި ކުޅިވަރު ލެޖެންޑްގެ ޝަރަފްވެރި ނަން މުޙައްމަދު ޢަލީއަށް ވަނީ ލިބިފައެވެ. އަދި ބީބީސީއިން 1999 ވަނަ އަހަރު ހޮވި ޤަރުނުގެ ކުޅިވަރު ޝަޚްޞިއްޔަތުގެ ފަޚުރުވެރި މަޤާމުގެ ޙައްޤުވެރިއަކީވެސް މުޙައްމަދު ޢަލީއެވެ.

އެކި ދާއިރާތަކުން ދުނިޔޭގެ އެންމެ މަޤްބޫލު ތަރީން ޚިޔާރުކޮށް، އެއިން ކޮންމެ ތަރިއެއްގެ ނަމަށް ޝަރަފްދީ ހޮލީވުޑްގައި ހަދާފައިވާ ސަރާސަރު "ހިނގާރު" ގެ ފާރުގައި ނަން ލިޔެފައިވާ ހަމައެކަނި ތަރިއަކީ މުޙައްމަދު ޢަލީ ކްލޭ އެވެ. މުޙައްމަދު ޢަލީގެ ބަހުން ނަމަ، އެ ހިނގާރުގައި މީސްތަކުންގެ ފައިވާންތައް ބީއްސާފައިދާ ތަޅުންގަނޑުގައި ތަރީންގެ ނަންތައް ލިޔެވިފައިވުމަކީ ޝަރަފެއް ކަމުގައި އޭނާ ޤަބޫލެއް ނުކުރެއެވެ. އަދި އަމުދުން "މުޙައްމަދު" މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެވެސް ނަންފުޅުކަމަށް ވުމާއެކު އެ ނަންފުޅު މީސްތަކުންގެ ފައިބީއްސާ ގޮތަށް ލިޔެވިފައި އޮތުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެންކަމުން އެ ހިނގާރު ގައި މުޙައްމަދު ޢަލީގެ ނަމަށް ޝަރަފް ދިނުމަށް ހަމަޖެހިފައިވާ ހިސާބުގެ ފާރުގައި އޭނާގެ އެދުމުގެ މަތީން އެ ނަން ލިޔާން ޖެހުނީއެވެ.

މުޙައްމަދު ޢަލީ ކްލޭއަކީ މުޅި ދުނިޔޭގެ ލޯބި ހޯދި ޝަޚްޞިއްޔަތެކެވެ. ކޮންމެ ދީނަކާ ކޮންމެ ނަސްލަކާ ކޮންމެ ފިކުރެއްގެ އަހުލުވެރީންގެ ތެރެއިންވެސް މި މާތް އަޚްލާޤުގެ ވެރިޔާގެ ބުއްދިވެރި ބަސްމަގާ ހަރުދަނާ ޝަޚްޞިއްޔަތުގެ މައްޗަށް ލޯތްބާ ތާރީފު މިހާރުވެސް އޮހެމުން ދަނީއެވެ. މުޙައްމަދު ޢަލީގެ ހިތްވަރު ގަދަކަމާ، ކުޅަދާނަކަމުގެ އަގު ވަޒަންކޮށް، އަދި އިންސާނިއްޔަތަށް އޭނާ ކުޅަ ބޮޑެތި ޚިދުމަތްތައް ފާހަގަކޮށް ދުނިޔޭގެ ފެންވަރުގެ ގިނަ މެޑެލްތަކާ ޝަރަފްތައް ވަނީ ލިބިފައެވެ.

ޢުމުރުން 74 އަހަރުގައި މުޙައްމަދު ޢަލީ އަޅުގަނޑުމެންނާ ވަކިވެ ދިޔައިރު، ޙަޔާތުގެ އެންމެ ފަހު ތިރީހަކަށް އަހަރު ހޭދަކޮށްފައިވަނީ ނާރުތަކުގެ ބާރުދެރަވެ، ވާގިދޫވާ ބައްޔެއްގެ އުނދަގޫތައް ކެތްތެރިކަމާއެކު ތަޙައްމަލު ކުރަމުންނެވެ. އެ ޙާލަތުގައިވެސް ފެނިގެން ދިޔައީ މުޙައްމަދު ޢަލީގެ އީމާންތެރިކަމެވެ. "މީހުން އަހަރެންނަކީ އެންމެ ގަދަފަދަ މީހާއޭ ބުނާތީ، އެންމެ ގަދަފަދަ ވަންތަ ފަރާތަކީ ﷲކަން މި ބަލީގެ އުނދަގޫތަކާއެކު އަހަރެންނަށް ވިސްނައިދެއްވަނީއެވެ. ﷲ އަހަރެން އިމްތިޙާން ކުރައްވަނީ އެވެ." މިއީ ގިނަދުވަސްތަކެއް ބަލި ޙާލާއެކު ހޭދަކުރަން ޖެހުނު އިރުވެސް އޭނާގެ ކެތްތެރި ބަސްމަގެވެ.

ބަލިޙާލާ އެކު އެންމެ ފަހު ނޭވަޔާ ހަމަޔަށްވެސް އިސްލާމްދީނަށް ޚިދުމަތްކުރުމާ، އިންސާނިއްޔަތަށް ހެޔޮ ފޯރުކޮށްދިނުމުގައި މުޙައްމަދު ޢަލީއަކީ ލާމަސީލު ނަމޫނާއެކެވެ. ދުނިޔޭގެ އެތަން މިތަނުގައި 186 މިސްކިތް އޭނާ ބިނާކުރިއިރު އެމެރިކާގެ ޗިކާގޯގެ އެންމެ ބޮޑު މިސްކިތް އޭގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. 2 މިލިއަނަށްވުރެ ގިނަ މީހުން އޭނާގެ ދަޢުވަތަށް އިސްލާމްދީން ޤަބޫލުކުރިއެވެ.

މުޙައްމަދު ޢަލީ ހަޤީޤަތަކަށް ހެދި އެންމެ ބޮޑު ހުވަފެނަކީ އެމެރިކާގައި އޭނާގެ ނަމުގައި ޚާއްޞަ މަރުކަޒެއް ބިނާކުރުމެވެ. 141 ޤައުމުގެ ދިދަ ނަގާފައިވާ އެމަރުކަޒު ބިނާކުރުމަށް 75 މިލިއަން ޑޮލަރު އޭނާ ހޭދަކުރިއެވެ. އެ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޢިލްމު ފެތުރުމާ، ދުނިޔޭގެ އެތަން މިތަނުގައި ޙާލުގައި ޖެހިފައިވާ ކުޑަކުދީންނަށް ދާއިމީކޮށް އެހީވުން ހިމެނެއެވެ. އިސްލާމްދީނަށް ދަޢުވަތުދިނުމާ އިސްލާމީ ފޮތްތައް ބެހުމަކީ މި ތާނގައި ދާއިމީކޮށް ހިނގާ ޙަރަކާތެކެވެ.

މުޙައްމަދު ޢަލީގެ މަޝްހޫރުކަމާއެކު ކޮންމެ އަހަރަކު އެވްރެޖްކޮށް އޭނާއަށް ލިބެމުން އަންނަ 200 މިލިއަން ޑޮލަރުގެ އާމުދަނީ އެކުގައި ހޭދަކުރަނީ އިސްލާމްދީނަށް ނަޞްރު ދިނުމަށާ، ދުނިޔޭގެ އެތަން މިތަނުގައި ޙާލުގައި ޖެހިފައިވާ ކުޑަކުދީންނަށް އެހީވުމަށެވެ. މި ކަމަށްޓަކައި މުޙައްމަދު ޢަލީވަނީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށްފައެވެ.

މުޙައްމަދު ޢަލީ އޭނާގެ އަމިއްލަގެވެސް ބަދަލުކޮށްފައިވަނީ ކީރިތި ޤުރުއާން ކިޔަވައިދީ އިސްލާމީ ތަޢުލީމުދޭ އެދުރުގެއަކަށެވެ. މި ގެއިންނާ، އަހަރީ އާމުދަނީއިން ދަރީންނަށް ވާރުތަވާކަށް މުޙައްމަދު ޢަލީ ބޭނުމެއް ނޫނެވެ. އޭނާގެ އެދުމަކީ ދެމިހުންނަނިވި ގޮތުގައި ﷲގެ މަގުގައި ކުރެވޭ ޞަދަޤާތެއްގެ ގޮތުގައި މިކަންކަން ހިނގަހިނގައި ހުރުމަށެވެ.

މިއީ މުޅި ދުނިޔެއަށް އަދި މުޅި އިސްލާމީ އުންމަތަށް މި ޤަރުނުގެ އެންމެ އަގުހުރި އެއް ނަމޫނާއެވެ. މަރުޙޫމް މުޙައްމަދު ޢަލީ ކްލޭ މާތްﷲ ގެ ތަނަވަސް ރަޙްމަތުގައި އަދި އެ އިލާހުގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވާށިއެވެ. ސުވަރުގޭގެ އެންމެ ތަނަވަސް މަޤާމުތަކުގެ ޙައްޤުވެރީންގެ ތެރޭގައި އިސްލާމްދީނަށް ކެނޑިނޭޅި ނަޞްރުދިން މި އަގުހުރި ޝަޚްޞިއްޔަތު ލަހައްޓަވާށިއެވެ. އާމީން.