ވިޔަފާރި

މީރާއަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީގެ ބޮޑު ބައި ޑޮލަރުން!

  • ޓީޖީއެސްޓީގެ ގޮތުގައި 4.15 ބިލިއަން ރުފިޔާ
  • ގްރީން ޓެކްހަށް 45.5 މިލިއަން ރުފިޔާ
  • ރިސޯޓު ކުލި އިތުރުކޮށްގެން 1.10 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ލިބުނީ ޑޮލަރުން ކަމަށް ހިސާބު ތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު މީރާ އަށް ބަލައިގަތް އާމްދަނީގެ 60.8 ޕަސެންޓް ހިއްސާކުރަނީ އެމެރިކާ ޑޮލަރެވެ. ޑޮލަރުން އާމްދަނީގެ ގޮތުގައި 518.3 މިލިއަން ޑޮލަރު (7.94 ބިލިއަން ރުފިޔާ) އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 449 މިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާ ޑޮލަރުން އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއިންނެވެ. މީގެ ތެރެއިން ރިސޯޓް ކުލިން ލިބުނު އާމްދަނީގެ ހިއްސާއަކީ 14.8 ޕަސެންޓެވެ. އަދި ރިސޯޓު ކުލީގެ މުއްދަތު އިތުރުކޮށްގެން ފީގެ ގޮތުގައި ލިބުނު އާމްދަނީގެ ހިއްސާއަކީ 13.8 ޕަސެންޓެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މީރާށް ބަލައިގަންފައިވާ ޖުމްލަ އާމްދަނީއަކީ 13.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 0.2 ޕަސެންޓް ދަށް އަދަދެކެވެ. މިގޮތުން ދައުލަތައް ލިބުނު ޖުމްލަ އާމްދަނީގެ 78.6 ޕަސެންޓް ހިއްސާކުރަނީ މީރާއަށް ލިބުނު އާމްދަނީ އެވެ.

މިދިޔަ އަހަރު އާމްދަނީގެ މުހިންމު ބައިތައް

  • ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި 4.15 ބިލިއަން ރުފިޔާ
  • ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) 2.64 ބިލިއަން ރުފިޔާ
  • ރިސޯޓު ކުލީގެ ގޮތުގައި 1.20 ބިލިއަން ރުފިޔާ
  • ރިސޯޓު ކުލި އިތުރުކޮށްގެން 1.10 ބިލިއަން ރުފިޔާ
  • ބޭންކް ޕްރޮފިޓް ޓެކްސް 512 މިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖު 496.7 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް 45.5 މިލިއަން ރުފިޔާ

މީރާގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ހުރި ހަތް ބޭންކުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 496.7 މިލިއަން ރުފިޔާ ދައުލަތައް ދައްކާފައިވެ އެވެ. މިއީ 2014 ވަނަ އަހަރު 482 މިލިއަން ރުފިޔާއާ އަޅާބަލާއިރު 6.3 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރެވެ.