ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނީ އެމްއެންޑީއެފްގެ ފިސްލޯތައެއް ކަމަށް ވިޔަސް ނާޒިމްގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ބުނެފި އެވެ. ދައުލަތުން ބުނީ، އެ ފިސްތޯލައަކީ އެމްއެންޑީއެފްގެ ފިސްތޯލައެއް ކަމެއް ސާބިތުކޮށްދެވިފައިވެސް ނުވާ ކަމަށެވެ.
މި މައްސަލާގައި ކެޕްޓަން އަލީ އިހުސާން ހެކި ބަސް ދެމުން ކުރިން ވިދާޅުވެފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އެމްއެންޑީއެފްގެ އެއްޗެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ޔަގީންނުވާ ކަމަށެވެ. އެކަން އިހުސާނަށް ޔަގީންކޮށްދެވިފައިނެތުމުން އެއީ އެމްއެންޑީއެފްގެ ފިސްތޯލައެއް ކަމަށް ނުބުނެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެމްއެންޑީއެފްގެ ފިސްތޯލައަކަށް އެ ފިސްތޯލަވުމަކީ ނާޒިމަށް ކުށުން ބަރީއަވެވޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ފާހަގަކުރި ގިނަ ކަންތައްތަކަށް ޖަވާބުދީފަ އެވެ. ކްރިމިނަލް ކޯޓުން ނާޒިމް 11 އަހަރަށް ޖަލަށްލުމަށްކުރި ހުކުމާއި ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށް ކުރި ހުކުމް ބާތިލުކޮށް ދިނުމަށް އެދި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނާޒިމްގެ ވަނީ ދަށު ކޯޓުން ނަގައިނުދިން ބައެއް ހެކިންގެ ހެކި ބަސް ނަގައިދިނުމަށް އެދިފަ އެވެ.
ހެކި ބަސް ނަގައިދިނުމަށް ނާޒިމް އެދުނު ފަރާތްތައް
- ހޯމް މިނިސްޓަރު އަމަރު ނަސީރު
- ކުރީގެ ޕީޖީ މުހުތާޒު މުހުސިން
- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
- ކުރީގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު
- ކުރީގެ ސީޕީ ހުސެއިން ވަހީދު
- އާސިފު ކިޔާ ފުލުހެއް
އުމަރު ނަސީރުގެ ހެކިބަސް ނަގައިދިނުމަށް އެދިފައިވަނީ ނާޒިމަށް އަދީބު އިންޒާރުދިންކަން ސާބިތުކުރުމަށެވެ. އަދީބާއި ސީޕީ އަދި މުހުތާޒުގެ ހެކި ބަސް ނަގައިދިނުމަށް އެދިފައިވަނީ ފުލުހުން ނާޒިމް ގެއަށް ވަނުމުގެ ކުރިން އެ ގޭގައި ފިސްތޯލައެއް އޮތްކަން އަދީބަށް އެނގުނު ގޮތް ސާބިތުކޮށްދޭށެވެ. އަބްދުﷲ ގާޒީގެ ހެކި ބަސް ނަގައިދިނުމަށް އެދުނީ، ދޮގު މައުލޫމާތުތަކެއް ދީގެން ނާޒިމްގެ ގެ ބަލާ ފާސްކުރުމަށް އަމުރެއް ނެރުނުކަން ސާބިތުކުރުމަށެވެ. އާސިފު ހާޒިރުކުރުމަށް އެދިފައިވަނީ ނާޒިމް ގެއަށް ފިސްތޯލަ ވެއްދީ އޭނާކަން ސާބިތުކުރުމަށެވެ.
ނާޒިމް ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ހަތިޔާރުން ފެނުނު ފިންގަޕްރިންޓަކީ ނާޒިމާއި ނާޒިމްގެ އަންހެނުން އަފާފުގެ ފިންގަޕްރިންޓް ނޫނެވެ. އެހެންކަމުން އޭގެން ފެނުނު ފިންގަޕްރިންޓަކީ ކާކުގެ ފިންގަޕްރިންޓެއްތޯ ބަލަންޖެހޭ ކަމަށް ނާޒިމްގެ ފަރާތުން ފާހަގަކުރި އެވެ. އަދި ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ނާޒިމް ވަނީ ފާހަގަކޮށްފަ އެވެ.
މި ނުކުތާތަކަށް ޖަވާބު ދެއްވަމުން މިއަދު ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ހެކި ބަސް ދީފައިވާ ކެޕްޓަން އިހުސާން އަލީގެ ހެކި ބަހުން ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަކީ އެމްއެންޑީއެފްގެ ފިސްތޯލައެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް އެކަން ކަށަވަރުކުރެވިފައިނުވާ ކަމަށެވެ.
ދައުލަތުން ބުނީ ފިސްތޯލަ ފެނުނީ ނާޒިމްގެ ފުރިހަމަ ބާރު އޮތް ތަނަކުން ކަމަށާއި އެ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫންކަން ނުވަތަ އެހެން މީހެއްގެ އެއްޗެއްކަން ވެސް ނާޒިމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. މީގެއިތުރުން ނާޒިމްގެ ގެ ބަލާ ފާސްކުރި އޮޕަރޭޝަން ކުރިއަށް ގެންދެވީ އޭރުގެ ސީޕީ ހުސެއިން ވަހީދު އިސްކޮށް ހުންނަވައިގެން ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
އޭގެއިތުރަށް އަދީބުގެ ހެކި ބަސް ނަގައިދިނުމަށް ދަށު ކޯޓުގައި ނާޒިމް އެދިފައިނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި ނާޒިމްގެ ގެ ބަލާ ފާސްކުރުމަށް އަމުރު ނެރެފައިވަނީ އަދި ތަހުގީގުކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ނާޒިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވުމުން، މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިޖުރާއީ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ.
ކެޕްޓަން އިހުސާން ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައަކީ އެމްއެެންޑީއެފްގެ ފިސްތޯލައެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައިވާއިރު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފައިވެ އެވެ. އެ އޮޑިޓާ ގުޅޭ ގޮތުން އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލާގައި ސިއްރު ހެކިވެރިޔަކު މައުލޫމާތު ދީފައިވެ އެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގުކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް އޭނާ ބުނެފައިވެ އެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ބަޑި ގުދަނުން ގިނަ އަދަދެއްގެ ހަތިޔާރު މަދުވެފައިވާ ކަމާއި ހިބަނޅިދޫއިން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވެ އެވެ. ހިބަނޅިދޫއިން ފެނުނު ހަތިޔާރުތަކާ އަދީބާ ގުޅުމެއްވާ ކަމަށް ތުހުމުތަކުރެވެ އެވެ.