ސްވިޑެން

ޔޫރޯ އަށް ފަހު އިބްރޮހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

Jun 21, 2016

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ސްވިޑެންގެ ކެޕްޓަން ޒަލްޓާން އިބްރޮހިމޮވިޗް ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ އިބްރޮހިމޮވިޗް ވަނީ 115 މެޗްގައި ސްވިޑެންއަށް ކުޅެ 62 ލަނޑު ކާމިޔާބު ކޮށްފައެވެ.

"މިފަހަރުގެ ޔޫރޯ ގައި ސްވިޑެން ކުޅޭ ފަހު މެޗަކީ އަހަރެން ސްވިޑންގެ ޖޯޒީގައި ކުޅޭ ފަހު މެޗް. އަހަރެން އުންމީދު ކުރަނީ ފަހު މެޗަކީ މާދަމާ ކުޅޭ މެޗަށް ނުވާނެ ކަމަށް،" އިބްރޮހިމޮވިޗް ބުންޏެވެ. ސްވިޑެން އޮތީ އެއް ޕޮއިންޓާއެކު ގުރޫޕް އީ ގެ ތިން ވަނައިގައެވެ.

އިބްރޮހިމޮވިޗް ބުނީ އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރަނީ ހިތް ނުތަނަވަސް ކަމާއެކީ ނުން ކަމަށާއި ސްވިޑެންގެ ކެޕްޓަން ކުރުމަކީ އޭނާއަށް ލިބުނު ފަހްރެއް ކަމަށެވެ.

މިދިޔަ ސީޒަންގެ ޕީއެސްޖީއަށް ކުޅުނު އިބްރޮހިމޮވިޗް ވަނީ ޕީއެސްޖީ ދޫކޮށްލާފަ އެވެ. އަންނަ ސީޒަންގައި އޭނާ ކުޅޭނެ ވަކި ކުލަބެއް އަދި ނިންމާފައެއް ނުވެއެވެ.

ސްވިޑެންގެ ކޯޗް އެރިކް ހެމާ ބުނީ، ޔޫރޯއަށް ފަހު ޒަލްޓާން ގައުމީ ޓީމަށް ހުއްޓާލާނެ ކަން މާ ކުރިންވެސް އެނގޭ ކަމަށެވެ.

"އޭނަ މިއަދު އަހަރެން ގާތު ބުނީ. އެކަމަކު އަހަންނަށް އެނގޭ މާ ކުރިން ވެސް އެދުވަސް އަންނަކަން. އެއީ އަހަރެން ޖަނަވަރީ މަހު އޭނާއަށް ގުޅާފަ ބުނިން އަހަރެންވެސް ގައުމީ ޓީމު ދޫކޮށްލަން އުޅޭ ވާހަކަ. އޭނާ ވެސް ބުނީ ތިމަންނަވެސް ކުޅުން ހުއްޓަލުން ވަރަށް ގާތޭ،" ހެމާ ބުންޏެވެ.

ހެމާ ބުނީ ޒަލްޓާންއަކީ "މެސީއާއި ރޮނަލްޑޯ ފެންވަރުގެ ކުޅުންތެރިޔެއް" ކަމަށެވެ.