މޯލްޑިވްސް ޕޮލިސް ސާވިސް

ކުއްލި ޕްރެސް ކޮންފަރެންސަކަށް ފުލުހުން ތައްޔާރުވެއްޖެ

ކުއްލި ޕްރެސް ކޮންފަރެންސެއް ދިނުމަށް ފުލުހުން ތައްޔާރުވެއްޖެ އެވެ. ފުލުހުންގެ މި ޕްރެސް ކޮންފަރެންސް އޮންނާނީ މިރޭ 11:15 ގަ އެވެ. ފުލުހުން މި ޕްރެސް ކޮންފަރެންސް ދެއްވާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުއްލި ޕްރެސް ކޮންފަރެންސަކަށް ފުލުހުން ތައްޔާރުވެފައިމިވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އުމަރު އިސްތިއުފާ ދެއްވި ސަބަބެއް މިކަމާ ގުޅިގެން އުމަރު އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވާއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އުމަރުގެ އިސްތިއުފާ ގަބޫފުޅު ކުރައްވާފަ އެވެ.

އުމަރު އިސްތިއުފާ ދެއްވާފައިވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު މިރޭ ވަނީ ނާޒިމް ފްރޭމްކުރިކަން ފުލުހުންނަށް ސާބިތުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ފެނުނު ޑީއެންއޭއަކީ އަދީބުގެ ޑީއެންއޭ ކަމަށް ވެސް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، އެ މައްސަލާގައި އަދީބަށް ދައުވާކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ޕީޖީއަށް މައްސަލަ ވައްދާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.