ބޭރު ކުޅިވަރު

މޮރާޓާ އެނބުރި ރެއާލް މެޑްރިޑަށް

Jun 21, 2016

މިދިޔަ ދެ ސީޒްންގައި އިޓަލީގެ ޔުވެންޓަސްއަށް ކުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް އަލްވާރޯ މޮރާޓާ އަލުން ރެއާލް މެޑްރިޑަށް ގެންގޮސްފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު މޮރާޓާ، ރެއާލްއިން ޔުވެންޓަސްއަށް ބަދަލުވީ 32 މިލިއަން ޔޫރޯ އަށެވެ. ރެއާލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔޫރޯއަށް ފަހު ރެއާލްގެ ޕްރީ ސީޒަން ޓްއާގައި މޮރާޓާ ބައިވެރިވާނެ ކަމަށެވެ.

މޮރާޓާ ދޫކޮށްލަން ރެއާލްއާ ޔުވެންޓަސް 2014 ވަނަ އަހަރުވި އެއްބަސްވުމުގެ ދަށުން ރެއާލްއިން މޮރާޓާ އަނބުރާ އެޓީމަށް ގެންދިޔައީ 30 މިލިއަން ޔޫރޯއަށެވެ. މޮރާޓާ އަލުން ރެއާލްއަށް ގެންދިޔައިރު ރެއާލްގެ އަނެއް ފޯވަޑް ޖޭޒް ރޮޑްރިގޭޒް ވިއްކާލަން އުޅޭ ވާހަކަވެސް ވަނީ ފެންމަތިވެފައެވެ.

މޮރާޓާ މިވަގުތު ހުރީ ޔޫރޯގައި ވާދަ ކުރާ ސްޕެއިން ޓީމާއެކު ފްރާންސްގައެވެ. އޭނާ ވަނީ މިހާތަނަށް ޔޫރޯގައި ދެ ލަނޑު ޖަހާފައެވެ.

ރެއާލްއިން ވަނީ ޔުވެންޓަސްގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް ޕޮގްބާ ދޫކޮށްލުމަށް ޔުވެންޓަސްއިން ކުރާ ޝަރުތަކީ 160 މިލިއަން ޔޫރޯގެ އިތުރުން، ރެއާލްގެ މެދު ތެރޭގެ އެންމެ މުހިންމު ތަނބު ޖަރުމަންގެ ޓޯނީ ކްރޫޒް ޔުވެންޓަސްއަށް ދޫކުރަން އެއްބަސްވުމެވެ.