ޓިސީ 3-2އިން ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތިން ވަނަ އަށް ވެލެންސިއާ ކުރިއަށް ޖެހިލައިފި އެވެ.
މި މެޗުގެ ފުރަތަމަ ތިން ލަނޑު ޖެހީ ވެލެންސިއާ އެވެ. މެޗު ފަށައިގެން ލީޑު ހޯދައިދިނީ ތިން ވަނަ މިނިޓްގައި ސްޕޭންގެ މިޑްފީލްޑަރު އެންހެން މުނޯޒް ނަގައިދިން ކޯނަރަކުން ވެލެންސިއާގެ ކެމަރޫން ފޯވަޑް ހަންސްލީ އަވީލޯ އެވެ. ނަމަވެސް އޭގެ ފަހުން ހުސްކޮށް ލިބުނު ގިނަ ފުރުސަތުތަކެއް އޭނާ ވަނީ ނަގާލައިފަ އެވެ.
ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން މުނޯޒް އެވެ. ފަހު ހާފުގައި ތިން ވަނަ ލަނޑު ޖެހީ ހުސައިން ނިހާން އެވެ. ޓީސީގެ ދެ ލަނޑު ވެސް ޖެހީ ލިބުނު ދެ ޕެނަލްޓީން އަލީ ފާސިރު (ސެންޓޭ) އެވެ. ޓީސީ އަށް ވަނަ ޕެނަލްޓީ މެޗުގެ 86 ވަނަ މިނިޓްގައި ލިބުނީ ވެލެންސިއާގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކުރި ފައުލަކުންނެވެ. މި ފައުލާއެކު ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
މި މެޗުން މޮޅުވުމުން ވެލެންސިއާ އަށް ތިން ވަނަ ލިބެނީ އަށް ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ނުވަ ޕޮއިންޓާއެކު އީގަލްސް އެވެ. އެއްވަނާގައިވަނީ 13 ޕޮއިންޓާއެކު މާޒިޔާ އެވެ. ޓީސީ އޮތީ ހަތް ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.