ބޮލީވުޑް

ބޮންޑް ގާލް ރޯލުގެ ހުށަހެޅުމެއް ދިޕިކާ އަކަށް ނުލިބޭ

Jun 22, 2016

ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންގެ މަޝްހޫރުކަން ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ވިން ޑީސަލް އާއެކު ދިޕިކާ ކުޅުނު "ޓްރިޕަލް އެކްސް" ގެ ޝޫޓިން މިހާރު ނިމިފައިވާއިރު، މިފިލްމަށް ވަގުތު ދޭން ބޭނުންވެގެން ދިޕިކާ މިއަހަރުގައި ކުޅޭނެ އިތުރު ބޮލީވުޑް ފިލްމުތަކެއް ނިންމާފައެއް ނުވެ އެވެ.

އެނބުރި ދިޕިކާ އިންޑިއާ އަށް އައިސްފައިވާއިރު ދެން ކުޅޭނެ ބޮލީވުޑްގެ ފިލްމުތަކާ ބެހޭގޮތުން އަދި ވާހަކަ ދެއްކެން ނެތް ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެނގިންދާނެ ކަމަށް ބުނެފަ އެވެ.

މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ވަނީ އޭނާ ޑައިރެކްޓަރު ކަބީރް ޚާންގެ ދެފިލްމަކާއި ސަންޖޭ ލީލާ ބަންސާލީގެ "ރާނީ ޕަދްމާވަތީ" ކުޅެން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަތަައް ދޮގުކޮށްފަ އެވެ.

ކުރިއަށް ކުޅެން ހުރި ހިންދީ ފިލްމުތަކުގެ އިތުރުން ދިޕިކާ ވަނީ ބޮންޑް ގާލްގެ ރޯލަށާއި ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓާ ލީޑްރޯލުން ފެނިގެންދާ ފިލްމަކަށް އޮޑިޝަންދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ދިޕިކާ ވަނީ ބައެއް ފަހަރު މިގޮތަށް ދެކެވޭ ވާހަކަތަކުން ވަރަށް އަޖައިބުވާ ކަމަށާއި އެހެންނަމަވެސް އޭނާ އަކީ އެގޮތަށް ދެކެވޭ ކޮންމެ ވާހަކައަށް ބަސްބުނޭ ހަދާ މީހެއް ނޫންކަމަށް ބުނެފަ އެވެ.

"ހޮލީވުޑްގެ މިދެފިލްމާ ގުޅޭގޮތުން ދެކެވެނީ މުޅިންވެސް ދޮގު ވާހަކަތައް" ދިޕިކާ ބުނެފައިވެ އެވެ.

"ޓްރިޕަލް އެކްސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އަދި އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ދިޕިކާ ފެނިގެންގޮސްފައިވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅު ނިކުތް "ބާޖީރާއޯ މަސްތާނީ" އިންނެވެ.

ބޮންޑް ގާލްގެ ރޯލު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ވެސް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. އެގޮތުން ޕްރިޔަންކާ ވަނީ އޭނާ ކުޅެން ބޭނުންވަނީ ބޮންޑުގެ ރޯލު ކަމަށް ބުނެފަ އެވެ.