ގައުމީ ފުޓްބޯޅަ ޓީމާއެކު މަސައްކަތް ކުރުމަށް އޭނާ އަށް ފަހިކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށްނުދޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ގައުމީ ކޯޗުކަމުން ވަކިވި ރިކީ ހާބަޓް ބުނެފި އެވެ.
ވޯލްޑް ކަޕުގައި ނިއުޒީލޭންޑަށް ކޯޗުކޮށްދިން ރިކީ ހާބަޓް މިހެން ބުނެފައިވަނީ އޭނާގެ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ނެރުނު ބަޔާނުގަ އެވެ. ކޯޗު ބުނެފައިވަނީ ހުސްވި މަހުގެ 31ގައި ބޭއްވި އެފްއޭއެމުގެ އިންތިހާބަށް ފަހު މަގާމުން ވަކިވާން އިސްވެ އެފްއޭއެމުގައި އެދުނީ އޭނާ ކަމަށެވެ.
"އަހަރެން އިސްވެ ބުނީ ކޮންޓްރެކްޓް ބާތިލްކޮށްދޭން. ރާއްޖޭގެ އެފްއޭއިން އިންޓަނޭޝަނަލް ފެންވަރުގައި ވާދަކުރަންވާ ޓީމެއް އުފައްދަން އަހަންނަށް ފުރުސަތު ފަހިކޮށްނުދޭ،" ކޯޗު ބުންޏެވެ.
ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމާ އޭނާ ހަވާލުވިއިރު ޒުވާން ކުޅުންތެރިން ޓީމަށް ގެނައުމަށާއި އަދި ޓްރޭނިން ކޭމްޕް ޖަހަން ފުރުސަތު ހޯދައިދޭން އެފްއޭއެމުން ބުނެފައިވީ ނަމަވެސް އެކަން ވެސް ކޮށްނުދޭ ކަމަށް ކޯޗު ބުންޏެވެ.
"ޓީމަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުނު. އެއީ ވޯލްޑް ކަޕް ކޮލިފައިން އާއި ދެ މުބާރާތެއްގައި (ސާފް ޗެމްޕިއަންޝިޕާއި ބަންގްބަންދު ގޯލްޑް ކަޕް) ބައިވެރިވުމުން. އަހަންނަށް ކުޅުންތެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ. ކޯޗެއްގެ ގޮތުން އަހަރެން ބޭނުންވީ ދަނޑުމަތީގައި ކުޅުންތެރިންނާއެކު މަސައްކަތް ކުރަން. އިންޓަނޭޝަނަލް ސްޓޭންޑަޑްގައި ވާދަކުރާނެގޮތް ދަސްކޮށްދޭން. އެކަމަކު އެކަމެއްނުވި،" ކޯޗު ބުނެފައިވެ އެވެ.
ހާބަޓް، 55، ބުނީ އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ދިގުލައިދިއުމުން ގައުމީ ފުޓްބޯޅަ އިދާރާ އޮތީ ހުއްޓިފައި ކަމަށާއި މަސައްކަތް ކުރަން އުނދަގޫވި ކަމަށެވެ.
"ފީފާއިން އޮތީ 31މެއިގެ ކުރިން އިންތިހާބު ނުބާއްވައިފިއްޔާ ރާއްޖެ ސަސްޕެންޑްކުރަން ފަހު ފުރުސަތު ދީފައި. އަހަރެން ކޯޗަކަށް ގެންދިޔަ ޗެއާމަަން (މުހައްމަދު ޝަވީދު) ހިނގައްޖެ. އޭނާގެ ބަދަލުގައި އައި ޗެއާމަން (އަހުމަދު ތޯރިގް، ޓޮމް)ގެ ފޯކަސް ހުރީ ސިޔާސީ މަސައްކަތްތަކަށް. ކޮންގްރެސްގައި ވެސް މަސައްކަތް ކުރީ އެގޮތަށް. އަހަންނަކަށް ނުފެނޭ އެއްވެސް ކަމެއް ބަދަލުވެގެންދިޔަ ތަނެއް. އޭގެ ސަބަބުން އަހަރެންގެ ބޭނުންވާ ފެންވަރުގައި މަސަައްކަތް ކުރެވޭނެ ކަމަށް ނުފެނުނު. (މިހެންވެ) ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އަހަރެން ދޫކޮށްދޭން އަހަރެން އެދުނީ،" ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތުދިން ކޯޗު ބުންޏެވެ.
ހާބަޓް ބުނީ އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު 14 މެޗުގެ ތެރެއިން މާލޭގައި ކުޅުނީ އެންމެ ތިން މެޗު ކަމަށާއި ހަ މެޗަކުން މޮޅުވި ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހުރިހާ ގޮތަކުން ޝައުގުވެރިކުރުވަނިވި ކަމަކަށްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ނަތީޖާ އޭނާ ބަލަމުންދާނެ ކަމަށެވެ.
އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ އޭނާގެ އެކަޑަމީގައި ކަމަށާއި ނަމަވެސް ސިންގަޕޫރާއި މެލޭޝިޔާ ލީގުގައި ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބިފައިވާތީވެ އެކަމާމެދު ވިސްނަމުންދާ ކަމަށެވެ.
ކޯޗުގެ ވާހަކަތައް މިގޮތަށް ހުރި ނަމަވެސް ގައުމީ ޓީމުގައި އޭނާއާ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނާ މައްސަަލަ ޖެހުނެވެ. ކުޅުންތެރިން ލައްވައި އޭނާ އަށް ތައުރީފްކުރުވައި މީޑިޔާ އަށް ވާހަކަ ދެއްކުން ފަދަ ކަންތައްތައް ކޮށްފައިވާއިރު ކޯޗަށް ފާޑުކިއުމުން މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންނާ ޒާތީ ގޮތުން ޖައްސާލި އެވެ. އަދި ފުރަތަމަ ކޮޅު ހުރިހާ ކުޅުންތެރިންނަށް އެއްހަމައަކުން ކަންތައްތައް ކުރަމުންދިޔަ ނަމަވެސް ފަހުން ކޯޗު ހުރީ ވަރަށް ބޮޑަށް ބައެެއް ކުޅުންތެރިންގެ ދަށުވެފަ އެވެ.
ޓީމުގެ ހުރިހާ އޮފިޝަލުންނާ ވެސް އޭނާއާ މައްސަލަ ޖެހުނެވެ. އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ޓީމުން އިސްތިއުފާދިނީ ކޯޗާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ. މީގެ ތެރެއިން މިހާރު އެފްއޭއެމުގެ އެކްސްކޯ މެމްބަރަކަށް ހުރި އައްސަދު ބުނެފައިވަނީ ދިވެހިންނަށް ކޯޗު އެއްގޮތަކަށްވެސް އިހްތިރާމް ނުކުރާ ކަމަށެވެ. އަސްލަމް ބުނީ ގޯލްކީޕަރު ޓްރޭނަރަކަށް އޭނާ ހުރުމުގެ އެއްވެސް ބޭނުމެއްް ނެތް ކަމަށާއި އޭނާ ބުނާ އެއްވެސް ގޮތެއް ނުހަދާއިރު ލަފައެއްވެސް ނުހޯދާ ކަމަށެވެ.