ބޭރު ކުޅިވަރު

ތުރާންގެ ދިފާއުގައި ތުރުކީގެ ރައީސް!

Jun 22, 2016

ޔޫރޯގައި ތުރުކީ ކުޅުނު ފުރަތަމަ ދެ މެޗްގައި އެޓީމުގެ ކެޕްޓަން އަރުދާން ތުރާންއަށް ތުރުކީގެ ސަޕޯޓަރުންގެ ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އޭނާގެ ދިފާއުގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވާހަކަ ދައްކަވައިފި އެވެ.

އިސްތަންބޫލްގައި ބޭއްވި ރޯދަ ވިއްލުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުގާން ވިދާޅުވީ ފުރަތަމަ ދެ މެޗުން ތުރުކީ ބަލިވުމުން، ސަޕޯޓަރުންގެ ހަޅޭއް ލެވުމުން، އެއްވެސް ކަމެއް ހައްލު ނުވާ ކަމަށެވެ.

އުރުދުގާން ވިދަޅުވީ ތުރާންގެ ޓީމު މޭޓުން ކަމަށްވާ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިން، އޭނާގެ ދިފާއުގައި ވާހަކަ ދައްކާއިރު ތުރުކީގެ ސަޕޯޓަރުން ތުރާންއާއި ކޯޗް ފާތިހް ޓެރިމްއަށް ފާޑު ކިޔުމަކީ ލަދިވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

އުރުދުގާންއަކީ ކުރިން ކެރިއާއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުއްވި ބޭފުޅެކެވެ.

ތުރުކީ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ގުރޫޕްގެ ފަހު މެޗްގައި ޗެކްރިޕަބްލިކްގެ މައްޗަށް 2-0 ކުރި ހޯދައި ތިން ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިއުމަށް އުންމީދު އާކޮށްފައި ވެއެވެ.