ބޮލީވުޑް

ސަލްމާން، އޭނާ އާއި "ރޭޕްކޮށްފައިވާ އަންހެނަކާ" އެއްވަރު ކުރުމުން ހޫނު ފެނަށް!

Jun 22, 2016
2

ސުޕަސްޓާ ސަލްމާން ޚާން ރެސްލިންތެޅުން ތެރިއެއްގެ ރޯލުން ފެނިގެންދާ "ސުލްތާން" އަކީ އޭނާ އެންމެ ބުރަ މަސައްކަތް ކޮށްފައިވާ ފިލްމެވެ. މިފިލްމުގައި ރެސްލިންތަޅާ މީހެއްގެ ރޯލަށް ތައްޔާރުވުމަށް ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބަރުދަންވެސް ވަނީ އެތައް ކިލޯއެއް މައްޗަށް ޖައްސާލާފަ އެވެ.

ސަލްމާނަށް މިހާރު އުމުރުން 50 އަހަރު ފުރިފައިވާއިރު، އެއުމުރުގެ މީހަކަށް މިއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ފިތުރު އީދާ ދިމާކޮށް އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ މިފިލްމުގެ ޕްރޮމޯޝަން މަސައްކަތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ސަލްމާން އަންނަނީ މިފިލްމަކީ ހުރިހާ ގޮތަކުން ވެސް އޭނާ ކުރި އެންމެ ބުރަ މަސައްކަތްކަން ހާމަކުރަމުންނެވެ. އެގޮތުން ފިލްމުގައި ކުޅުނު ރޯލާ ބެހޭގޮތުން ވާހަކަދައްކަމުން ސަލްމާނަށް މިވަނީ ބުނެގެން ނުވާނެ ވަރުގެ އެއްޗެއް ބުނެވި އޭނާ ހޫނު ފެނަށް ވެއްޓިފަ އެވެ.

ރެސްލިންތަޅަން ފަރިތަކޮށް އެމަންޒަރުތައް ޝޫޓްކުރުމަކީ އުނދަގޫ އަދި އެހާމެ ހައްޓަށް ބުރަ ކަމެއް ކަން ސިފަކުރަމުން މިފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ސަލްމާން ވަނީ ރެސްލިންތަޅަން ފަރިތަކޮށް ނިމޭއިރު އޭނާ އަށް ހަށިގަނޑު ތެދުކޮށްގެން ކޮޅަށް ހުރެވޭހާ ވަރުވެސް ގައިގަ ނުހުން ކަމަށާއި އަމިއްލަ މީހާއަށް އިހްސާސްކުރެވެނީ "ރޭޕްކޮށްފައިވާ އަންހެނެއް" ހެން ކަމަށް ބުނެފަ އެވެ.

"އަހަރެން ރެސްލިންތަޅާ މަންޒަރު ޝޫޓްކޮށް ރިންގުން ފައިބާއިރު ހީވަނީ ރޭޕްކޮށްފައިވާ އަންހެނެއްހެން. އަހަންނަށް ސީދަލަށް ހުރެ ހިނގާވެސް ނުލެވޭ". ސަލްމާން ބުނެފައިވެ އެވެ.

ސަލްމާން މިވާހަކަތަކާއެކު ސޯޝަލް މީޑިއާ ކެކިގެން ގޮސްފައިވާއިރު، އިންޑިއާގެ ނެޝަނަލް ކޮމިޝަން ފޯ ވުމަން އެކްޓިވިސްޓް އޯގަނައިޒޭޝަނުން ވަނީ ސަލްމާން ފަދަ މަޝްހޫރު ތަރިއަކު އެފަދަ ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި ސަލްމާން އޭނާއަށް ބުނެވުނު އެއްޗަކާ މެދު މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ސަލްމާން އަންހެންވެރިންގެ އަގުވައްޓާލައިފާ ކަމަށް ބުނެ އޭނާ އަށް އެތައް ބަޔަކު ފާޑުކިޔަމުން އަންނައިރު، ބޮލީވުޑްގެ ބައެއް ތަރިން އަންނަނީ އެމީހުންގެ ސައްލޫ ބާއީގެ ދިފާއުގައި ވާހަކަދައްކަމުންނެވެ.

ކޮންމެ އަކަސް ސަލްމާން "ސުލްތާން" ގެ ޝޫޓިން ބުރަކަން އަންގައިދުމަށް ބުނެވުނު އެއްޗަކުން އޭނާ އަށް އެތަކެއް ފާޑުކިޔުން އަމާޒުވަމުން އަންނައިރު އޭނާގެ ބައްޕަ، ސަލީމާން ޚާން ވެސް ސަލްމާން އަށް ބުނެވިފައިވަނީ ބުނެގެން ނުވާނެ ވަރުގެ އެއްޗެއް ކަމަށާއި އެކަމާއި ސަލްމާންގެ ފަރާތުންނާއި އެއާއިލާގެ ފަރާތުން އޭނާ މާފަށް އެދޭ ކަމަށް ބުނެފަ އެވެ. ސަލީމް ވަނީ ސަލްމާން އެހެން ބުނެފައިވީ ނަމަވެސް އޭނާގެ ނިޔަތް ގޯސް ނޫންކަމަށް ބުނެފަ އެވެ.

ސަލްމާނަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނަ ފަރާތްތަކުން ވަނީ ސަލްމާން މިފަދަ އިވެންޓްތަކުގައި އާންމުކޮށް ވާހަކަދައްކާއިރު ބުނެވޭ އެއްޗަކުން އޭނާގެ އަގު އަބަދުވެސް ވެއްޓޭ ކަމަށް ބުނެފަ އެވެ. އަދި ސަލްމާނަކީ އިންސާނިއްޔަތަށް ހިދުމަތްކުރާ މީހެއް ކަމަށް ހެދިގެން އުޅޭ މީހެއް ކަމަށާއި ހަގީގަތުގައި އޭނާ ފަދަ އިންސާނިއްތާ ދެކޮޅު މީހެއް ނެތް ކަން އެނގިގެން ހިނގައްޖެ ކަމަށް ބުނެފަ އެވެ. މީގެއިތުރުންވެސް އޭނާއަށް ބުނެވުނު އެއްޗަކާ މެދު ލަދުވެތިވެ މާފަށް އެދެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ "ސުލްތާން" ގައި ސަލްމާނާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރްމާ އެވެ. އޭނާވެސް މިފިލްމުގައި ކުޅެފައިވަނީ ރެސްލިންތެޅުންތެރިއެއްގެ ރޯލެވެ.