ބޭރު ކުޅިވަރު

ބާސާއާ ހަވާލުވެ ހުރީ އެންރީކޭ، މެސީއެއް ނޫން: ޕީކޭ

ބާސެލޯނާގެ ޓީމުގައި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ އަކީ ނުފޫޒު ގަދަ ކުޅުންތެރިއަކަށްވިޔަސް، ޓީމުގެ ހުރިހާ ކަމެއް ވެސް ނިންމާނީ ކޯޗު ލުއިސް އެންރީކޭ ކަމަށާއި މެސީ އާއި އެންރީކޭއާ ދެމެދު އޮތް މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

މެސީ އާއި އެންރީކޭއާ ދެމެދު ޓްރެއިނިންގައި އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން، އެންރީކޭ މަގާމުން ދުރުކޮށްފާނެ ކަމުގެ އަޑުތައް ވެސް ފެތުރިގެންދިޔަ އެވެ. އެކަމަކު އެ މައްސަލަ ހައްލުވެ، މެސީ ވަނީ މިހާރު ދަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. މެސީ ލަނޑުތަކާއެކު ބާސާ ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ.

ޕީކޭ ބުނީ މެސީ އާއި އެންރީކޭއާ ދެމެދު ޖެހުނު މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި ހުރިހާ ބާރެއް އޮތީ އެންރީކޭގެ އަތުގައި ކަމަށެވެ.

"މެސީ އަކީ ނުފޫޒު ގަދަ ކުޅުންތެރިއެއް އެކަމަކު ކޯޗަކީ އެންރީކޭ. އެންރީކޭ ހުރިހާ ކަމެއް ވެސް ނިންމާނީ،" ޕީކޭ ބުންޏެވެ. "މިހާރު އެ ދެ މީހުންގެ މެދުގައި މައްސަލަައެއް ނެތް. ކުރިން އެ ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ މިހާރު ހައްލުވެއްޖެ."

މި ސީޒަންގައި ޕީކޭ އާއި އެންރީކޭއާ ދެމެދު ވެސް މައްސަލަ އުފެދުނެެވެ. އެކަމަކު މިހާރު އެ މައްސަލަތައް ވެސް ހައްލުވެފައިވާ ކަމަށް ޕީކޭ ބުންޏެވެ.