ފިނިޕޭޖް

އިޝާން އާއި ލަމްހާގެ ލަވަޔަށްފަހު ލޮލަކަށް ނިންޖެއް ނައި!

މި އަހަރުގެ އެހަނދާނުގައި ޝޯގެ ތިން ވަނަ ރޭގެ ޝޯވެސް ދެއްކީ އެވެ. މޯލްޑިވިއަން އައިޑޮލް އިން ވިދާލި ބައެއް ތަރިންނާއެކު ރޭގެ ޝޯ ދައްކާފައިވަނީ ޝޯއަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ. ޝޯގެ ފެންވަރާ ކޮލިޓީއާ މެދު ސުވާލު އުފައްދާފައިވަނިކޮށެވެ.

މި ޝޯގެ މި އަހަރުގެ ތީމްގެ ގޮތުގައި ހޮވާފައިވަނީ ކަވާސް އެވެ. އެހެން ޝޯ ތަކެކޭ އެއްގޮތަށް ރޭގެ ޝޯގައިވެސް އެހަނދާނުގައި ޝޯތަކުން ފެންނަ ކަހަލަ ހިތްގައިމު ކަމެއް ނެތެވެ. އެވްރެޖް ވަރެއްގައި ހުރިހާ ލަވައެއް ހުރި އިރުވެސް ހުރިހާ ލަވަތައްވެސް ހުރީ މަޑުމައިތިރި ރާގަކަށެވެ. ރޭގެ ޝޯގައި ހަ ލަވަ ދައްކާފައިވާއިރު ގިނަ ބަޔަކަށް އެންމެ ކަމުގޮސްފައިވަނީ މުހައްމަދު އިޝާން އަދި އައިމިނަތު ލަމްހާ ލަތީފް ހުށަހަޅައިދިން "ނިންޖެއް ލޮލަށް ނައީ" މި ލަވަ އެވެ.

ލަވަ ދެއްކުމާއެކު މި ލަވައަށް ބެލުންތެރިންގެ ތައުރީފް ބަންޑުން ކުރަން ފަށާފައިވަނީ އިޝާންގެ ލަވައަކަށް ވީމައެއް ނޫނެވެ. ލަމްހާ އާ އިޝާންގެ ހިތް ގައިމު އަޑުން ލަވަ ހުށަހެޅުމުގެ އިތުރަށް ދެ ބައިވެރިންގެ ހަރަކާތްތައްވެސް ހުރީ ނިދި ފިލުވާލާ ކަހަލަ ގޮތަކަށެވެ. އިޝާން އަދި ލަމްހާގެ އަޑަކީ އަޑުއަހާލަން ފަސޭހަ ދެ އަޑުވެސް މެ އެވެ. މި ލަވައަށްފަހު ރަނގަޅަށްވެސް ނިދި ފިލައިިފި ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ހަސަން ތޮލާގް އާއި މަރިޔަމް ޝިޒްނާގެ "ދީވާނަ ވެދަނީ އޭ" ވެސް ވަނީ ބެލުންތެރިންގެ ސަމާލުކަން ދަމައިގަނެފަ އެވެ. ތޮލާގަކީ 2011 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން "ވޮއިސް އޮފް މޯލްޑިވްސް" ކާމިޔާބު ކުރުމަށްފަހު އަދިވެސް ބެލުންތެރިން އިންތިހާއަށް ސަޕޯޓުކުރާ އަދި ރީތި ލަވަތަކެއް ހުށަހަޅައިދޭ ފަންނާނެކެވެ. ތޮލާގުގެ ޖާދުވީ އަޑުގައި ޖެހި ގިނަ ބަޔަކަށް މި ލަވަ ކަމުދިޔައީ ކަމަށްވެސް ވެދާނެ އެވެ. ޝިޒްނާ މީ މިދާއިރާއަށް އަލަށް ނުކުތް ފަންނާނަކާ ބަލާފައި ހުށަހެޅުންވެސް ރަނގަޅެވެ.

ދެހާސް ދިހަ ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން "ވޮއިސް އޮފް މޯލްޑިވްސް" އިން ލަވަ ކިޔުމުގެ ދާއިރާއަށް ތައާރަފްވި މަރިޔަމް މުހައްމަދު (މަރީ) އާ އިސްމާއިލް އަޝްރަގްގެ ލަވައަކީ އެވްރެޖް ލަވަ އެކެވެ. އެ ދެބައިވެރިން ހުށަހަޅައިދިނީ "އާދޭސް" މި ލަވަ އެވެ. އަޝްރަގް މިއީ މިއަހަރު އަލަށް އެހަނދާނުގައި ޝޯގައި ލަވަ ކީ ފަންނާނެކެވެ. މި ލަވަ އަޑުއަހާލަން އެހާ ފަސޭހައެއް ނޫނެވެ. އަޝްރަގްގެ ލަވަކިއުންވެސް ރީތި ނަމަވެސް ދެ ބައިވެރިންގެވެސް ހުށަހެޅުން އެހާ ރަނގަޅެއް ނޫނެވެ.

ބޮޑުބެރު ލަވައިގެ ރަސްގެފާނު އިބްރާހިމް މަމްދޫހު (މަންޑޭ) އަދި ފާތިމަތު ޔުމްނާ ރޭގެ ޝޯގައި ހުށަހަޅައިދީފައިވަނީ "ލޯބީގެ ކުރަނީ ދުއާ އޭ" އެވެ. މި ލަވަ ވަރަށް ރީއްޗެވެ. ރޭގެ ޝޯގެ އެންމެ ރީތި އެއް ލަވަ ވެސް މެ އެވެ. މަޑުމައިތިރި ރާގަކަށް މި ލަވަ ކިޔާފައިވީ ނަމަވެސް ހުށަހެޅުމުގެ ފުރިހަމަ ކަމުން ނިންޖެއް ނާދެ އެވެ. މަންޑޭގެ އަޑާ މި ލަވަ ވަރަށް ގުޅެ އެވެ. ޔުމްނާގެ ހުށަހެޅުންވެސް ރަނގަޅެވެ. ލަވަ ކީލެއްވެސް ރީއްޗެވެ. މިއީ މިކަހަލަ ސްޓޭޖެއްގައި ޔުމްނާ ލަވަ ކީ ފުރަތަމަ ފަހަރެވެ. ލައިޝާ ޖުނައިދު އާ އަހްމަދު އާދިލްގެ "އުޑުން ތަރިތައް" މި ލަވައިގެ ވާހަކަ ކޮންމެހެންވެސް ދައްކަން ޖެހޭނެ އެވެ. މި ލަވަ އަކީވެސް ރޭގެ ޝޯގައި ފެނުނު ރީތި ލަވަ އެކެވެ. މިލަވައިގެ އަސްލު ލަވަ އަކީވެސް ރީތި ލަވަ އެކެވެ. ގިނަ ބަޔަކަށް ކަމުގޮސްފައިވާ ލަވަ އެކެވެ. އާދިލް އަދި ލައިޝާގެ ހުށަހެޅުމަށް ވަނަ ދޭ ހާ ވެ އެވެ. ވަރަށް ފުރިހަމަ އެވެ.

ހަސަން ރަމީޒު އާއި ހައްވާ ތައުފީގު ހުށަހަޅައިދިނީ "ހާލު ލޯބީގެ ކިޔައިދެމޭ" އެވެ. މި ލަވަވެސް ރީއްޗެވެ. އަޑުއަހާލަން އެހާ ފަސޭހަ ނޫނަސް ދެ ބައިވެރިންގެ ލަވަކިޔުން ވެސް ރީއްޗެވެ. އެހަނދާނުގައި ޝޯގައި ފުރަތަމަ ފަހަރަށް ރަމީޒު ލަވަ ކީ ނަމަވެސް މީގެ ކުރިންވެސް އެހަނދާނުގައި ޝޯގައި ހައްވަ ވަނީ ލަވަ ހުށަހަޅައިދީފަ އެވެ. ދެ ބައިވެރިންގެ ހުށަހެޅުންވެސް ރަނގަޅެވެ.