ބޮލީވުޑް

އާލިއާގެ މަންމަގެ ރޯލަށް މާދުރީ ޑިކްޝިޓް

Jun 23, 2016

ޒުވާން ތިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި އަރްޖުން ކަޕޫރު އެކުގައި ވަރަށް އަވަހަށް ފިލްމަކުން ފެނިގެންދާނެ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި އާލިއާގެ މަންމަގެ ރޯލު ކުޅުމަށް މަޝްހޫރު ބަތަލާ މާދުރީ ޑިކްޝިޓް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މިއީ މާދުރީ އާލިއާ ފަދަ އުމުރުން ހަނގު ބަތަލާއެއްގެ މަންމަގެ ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ހޮލީވުޑް ފިލްމު "ފްރީކީ ފްރައިޑޭ" ގެ އަސްލަކަށް ބަލައިގެން އުފައްދަން އުޅުނު ފިލްމެއްގައި ބަތަލާ ސޯނަމް ކަޕޫރުގެ މަންމަގެ ރޯލު ކުޅެން ހުށަހެޅި ނަމަވެސް މާދުރީ ވަނީ އެރޯލު ދޫކޮށްލާފަ އެވެ. ފަހުން މި ފިލްމު އުފައްދުން ވެސް ވަނީ މަޑުޖައްސާލާފަ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ވިދާލި މާދުރީ ވަނީ ކައިވެނިކޮށް ދެކުދިން ލިބުނު ފަހުން ފިލްމު ކުޅުމާއި އަހަރުތަކަށް ދުރަށްޖެހިލާފަ އެވެ. ނަމަވެސް 2007 ވަނަ އަހަރު "އާޖާ ނަޗްލޭ" އިން އެނބުރި އައިސް އަނެއްކާވެސް ވަނީ އަހަރުތަކަކަށް ގެއްލިގެން ގޮސްފަ އެވެ. އޭގެފަހުން މާދުރީ ވަނީ 2014 ވަނަ އަހަރު ނިކުތް "ގުލާބް ގޭންގް" އާއި "ދޭޅް އިޝްގް" އިން ފެނިގެން ގޮސްފަ އެވެ.

ބޮލީވުޑް ފިލްމުތަކުން މާދުރީ ނުފެނުނު ނަމަވެސް އޭނާ ވަނީ ރިއަލިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" އަށް ވަނަ ސީޒަންއާ ހަމައަށް އެޝޯގެ ޖަޖެއްގެ ގޮތުގައި ފެނިގެންގޮސްފަ އެވެ.

ޑައިރެކްޓަރު އަބީޝެކް ވަރްމަން ޑައިރެކްޓްކޮށް ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ވަރުންގެ ޑިޝޫމް" އާއި އާލިއާ އެކު ކުޅެމުން އަންނަ "ބަދްރިނާތް ކީ ދުލްހަނިޔާ" ގެޝޫޓިން ނިމުމުންނެވެ.

އާލިއާ އާއި އަރްޖުން ވަނީ "2 ސްޓޭޓްސް" އިން އެކުގައި ފެނިގެންގޮސްފަ އެވެ. އަދި އާލިއާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ވަރުން އާއެކު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެފިލްމުގެ ފަހުން މިދެތަރިން ވަނީ އެކުގައި "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" އިން ވެސް ފެނިގެންގޮސްފަ އެވެ.