ބޮލީވުޑް

ދިޕިކާ އާއި ރަންވީރުގެ ގުޅުންވެސް ނިމުމަކަށް؟

Jun 23, 2016

ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުމަކީ އެތަކެއް ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ގުޅުމެކެވެ. މިދެތަރިންގެ ގުޅުން އިތުރު ހަރުފަތަކަށް ނުގެންދެވެނީސް ރަންބީރަށް ކެޓްރީނާ ކައިފް ފެނިގެން އޭނާއާ ހިތާވީ އެވެ.

ރަންބީރު ކެޓްރީނާއާ ރައްޓެހިވުމަށް ދިޕިކާ ދޫކޮށް އޭނާ ކައިރިއަށް ދިޔަ ހިސާބުން ދިޕިކާ ހިތް ހަލާކުވީ އެވެ. އޭނާގެ ހަލާކުވެފައިވާ ހިތުގައި ބޭސް އަޅައިދިނީ އެކްޓަރު ރަންވީރު ސިންގެވެ. މިހާހިސާބުން ރަންވީރުގެ ހިތް ދިޕިކާ އަށް ދެވެނު ނަމަވެސް ރަންބީރު މަތިން ހަނދާން ނައްތާލުމަށް ދިޕިކާ އެތަކެއް ދުވަހެއް ހޭދަކުރަންޖެހުނެެވެ.

އެހެންނަމަވެސް ދިޕިކާ އެންމެ އަޅާލުމާއި ލޯބި ބޭނުންވި ދަނޑިވަޅުގައި އޭނާ ކައިރީގައި ހުރި މީހަކީ ރަންވީރު ކަމުން މަޑުމަޑުން މިދެތަރިންގެ ދެމެދުގައިވެސް ދިޔައީ ގާތްގުޅުމެއް އުފެދެމުންނެވެ. އެގޮތުން 2013 ވަނަ އަހަރު މިދެތަރިން އެކުގައި ކުޅުނު ފިލްމު "ގޯލިޔޯންކީ ރާސްލީލާ ރާމް-ލީލާ" ކުޅުނު ދުވަސްވަރުން ފެށިގެން މިދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.

މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން ވެސް ރަންވީރު ވަނީ އޭނާގެ ހަޔާތުގައި ދިޕިކާ އަކީ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ މީހެއްކަމަށް ބުނަމުން އައިސްފަ އެވެ. އެކަކު އަނެކަކަށް ދެމީހުން ރައްދުކުރާ ބަސްތަކާއި ދޭސަމާލުކަމުން ދެމީހުންނަކީ ވަރަށް ލޯބިން އުޅޭ ޖޯޑެއްކަން އެނގެ އެވެ.

ނަމަވެސް މިލޯބި ޖޯޑުގެ މެދުގައިވެސް މިހާރު މައްސަލަތަކެއް ޖެހި ރުޅިވުމުގެ މަގުމަތީގައިވާ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ. މިދިޔަ އަހަރު ނިކުތް "ބާޖީރާއޯ މަސްތާނީ" އަށް ފަހު ދިޕިކާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ގެ ޝޫޓިންގައި ކެނެޑާގައި ބުރަކޮށް އުޅެފައިވާއިރު، ރަންވީރުވެސް އަވަދިނެތިކޮށް އުޅެފައިވަނީ ފިލްމުތަކުގެ ޝޫޓިންގަ އެވެ.

ދެމީހުން ދެގައުމެއްގައި ގިނަދުވަސްތަކެއް ވަންދެން އުޅެންޖެހުމުންނާއި އެކަށީގެންވާ ވަގުތު އެކަކު އަނެކަކަށް ނުދެވުމުން ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެން މެދުވެރިވީ ކަމަށްވެ އެވެ. އަދި ޖެހުމުން ދިޔަ މައްސަލަތައް ހައްލުނުކުރެވި މިދެތަރިން ރުޅިވި ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

ރަންވީރު "ބޭފިކްރޭ" ގެ ޝޫޓިންގައި ޕެރިހުގައި ހުރިއިރު، ދިޕިކާ ވަނީ "ޓްރިޕަލް އެކްސް" ގެ ޝޫޓިން ނިންމާލުމަށްފަހު ޗުއްޓީ އަށް އެނބުރި އިންޑިއާއަށް އައިސްފަ އެވެ. ރަންވީރާ ދެމީހުންގެ ރުޅިވެފައިވާ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ދިޕިކާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާއާ ބެހޭގޮތުން މިގޮތަށް ދެކެވެމުން އަންނަ އެއްވެސް ވާހަކައަކަށް އޭނާ އެއްވެސް އެއްޗެއް ބުނަނަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ދިޕިކާ ވަނީ ރަންވީރަކީ އަބަދުވެސް އޭނާގެ ހަޔާތުގައި ވަރަށް މުހިންމި މީހެއް ކަމަށާއި އަދި އެގޮތަށް އެކަން ދެމި އޮންނާނެ ކަމަށް ވެސް ބުނެފަ އެވެ.