ޕީއެސްއެމް

އަނެއްކާވެސް ފަންނާނުންގެ މިއުޒިކީ އީދު ފަށަނީ

މިނިވަންދުވަހާއި ގުޅިގެން މާލޭގައި ކުރިން ފޯރި ގަދަކޮށް ބާއްވަމުން ގެންދިޔަ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" މި އަހަރުގެ މިނިވަން ދުވަހާއެކު އަނެއްކާވެސް ފަށަން ނިންމައި ހޯމް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފަންނާނުންގެ މިއުޒިކީ އީދަކީ ރާއްޖޭގެ ލަވަކިއުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ގުޅުވައި މާލޭގައި ވަރަށް ކުރިއްސުރެ ބާއްވަމުން ދިޔަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސަމާލުކަން ދިން ފޯރިގަދަ ޝޯތަކެކެވެ.

ޕީއެސްއެމާ ގުޅިގެން ފަންނާނުންގެ މިއުޒިކީ އީދު އަލުން ފެށުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝޯގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިއްޔެ ހޯމް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. ޕީއެސްއެމްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ހަލީލް ވިދާޅުވީ، ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމީ އަހަރުތަކެއް ވާންދެން ރާއްޖޭގައި ފާހަގަކުރަމުން އައި އުފާވެރި އީދެއް އަލުން ދިރުވަން ކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބާއްވާ އެ ހަރަކާތުގެ ޝޯތައް ޖުލައި މަހުގެ 29 އާއި 30 އަދި 31 ގެ ހަވީރާއި ރޭ ގަނޑު ކުރިއަށްގެންދާނެ ކަމަށާއި އެ ޝޯތަކުގައި ވީހާވެސް ގިނަ ފަންނާނުންނަށް ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މިނިވަންދުވަހާ ގުޅިގެން މިއުޒިކީ ފަންނާނުންގެ އީދެއް ބާއްވަން ނިންމާފައިވާއިރު، މިފަހަރުވެސް މިނިވަންދުވަހުގެ ހާއްސަ ހެވިކަމުގެ ހަރަކާތްތަކާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އަންނަ ޖުލައި މަހު ރާއްޖޭގައި ފާހަގަކުރާނީ 51 ވަނަ މިނިވަން ދުވަހެވެ.