އެލައިޑް އިންޝުއަރެންސް

ފަހަށް ރައްކާ ކުރަން އެލައިޑުން "ފެމެލީ ތަކާފުލް" ތައާރަފުކޮށްފި

  • ދަރިފުޅުގެ މުސްތަގުބަލަށް މުހިންމު
  • މަހުން މަހަށާއި އަހަރުން އަހަރަށް ވެސް ދެއްކޭ
  • އިސްލާމީ ޝަރިއްއާ ހުއްދަކުރާ ޕްލޭނެއް

ފަހަށް ރައްކާ ކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އިސްލާމިކް ޝަރިއްއާ ހުއްދަކުރާ "ފެމެލީ ތަކާފުލް" ގެ ތިން ޕްރޮޑަކްޓެއް އެލައިޑުން މިއަދު ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން މިއަދު ތައާރަފުކުރި "ފެމެލީ ތަކާފުލް" އާ ބެހޭ ގޮތުން މޫކައި ހޮޓެލްގައި މައުލޫމާތު ދެއްވަމުން އެލައިޑް އިސްލާމީ ޝަރިއްޔާ ބޯޑުގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިއަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ.

"ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަރަށް ބޮޑު ކަމެއް ކުރަން މި އުޅެނީ. ތާރީހުގައި ފުރަތަމަ ފަހަރަށް ފެމެލީ ތަކާފުލް ޕްރޮޑަކްޓެއް ތައާރަފު ކުރަނީ. ކަސްޓަމަރުންނަށް ބޭނުން ހިފޭނެ މާކަގިނަ ޕްރޮޑަކްޓްތަކެއް މިހާރަކު ރާއްޖެއަކު ނެތް. ހާއްސަކޮށް ސޭވިސް ނުވަތަ އިންވެސްޓްމަންޓްގެ ސައިޑުން ބަލާނަމަ ފެމެލީ ތަކާފުލްގެ ސަބަބުން ފަހަށް ރައްކާ ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު ތަނަވަސް ވެގެންދާނެ،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ފެމެލީ ތަކާފުލްގައި ސެކިއުރިޓީ (އިންޝުއަރެންސް) ގެ ބައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ހިތަށް އަރާވަޑައިގެންފާނެ ކޮބައިބާ އޭ ބޭންކެއްގައި ފައިސާ ރައްކާ ކުރުމާ [ފެމެލީ ތަކާފުލް] ގެ ތަފާތަކީ؟ އެންމެ ބޮޑު ތަފާތަކީ ކޮންމެ ގޮތެއްގައި ވެސް ބޭންކެއްގައި ފައިސާ ރައްކާކުރާ އިރު އެ މީހަކަށް އެނގޭނީ އެ ފައިސާ ދައްކާ ކުރަނީ ކޮން މަގުސަދެއްގައިކަން. އެމީހަކު އަމިއްލަ އަށް އެ ބަޖެހޭ ވަކި އަދަދެއް ލާން. ނަމަވެސް ފެމެލީ ތަކާފުލް ޕްރޮޑަކްޓުން ކަނޑައެޅިފައި އޮންނަ މުއްދަތުގައި ކަމެއް ދިމާވިއަސް އެ ޕީރިއަޑްގެ ތެރޭގައި ފުރިހަމަ ކަވަރޭޖެއް ދެވޭނެ،" މުނީޒާ ވިދާޅުވި އެވެ.

އަޔާދީ ތަކާފުލް އިން ތައާރަފުކުރި ފެމެލީ ތަކާފުލްގެ ތިން ޕްރޮޑަކްޓުގެ ތެރޭގައި ހިމެނެނީ "ޗައިލް އެޑިއުކޭޝަން ޕްލޭން" އާއި "އަޔާދީ އިންވެސްޓްމަންޓް ޕްލޭން" އަދި "މޯގޭޖް ތަކާފުލް ޕްލޭން" އެކެވެ.

ޗައިލްޑް އެޑިއުކޭޝަން ޕްލޭން:

މި ޕްލޭންގެ މައިގަނޑު ބޭނުމަކީ ތިމާގެ ދަރިފުޅު މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފައިސާ ރައްކާ ކުރެވޭނެ މަގެއް ތަނަވަސް ކޮށްދިނުމެވެ. މި ޕްލޭންގައި ބައިވެރިވާ މީހާ (މަންމަ/ ބައްޕަ) އަށް އަހަރަކު އެއްފަހަރު ވެސް ފައިސާ ދެއްކިދާނެ އެވެ. އަދި މަހުން މަހަށް ވެސް ފައިސާ ދެއްކެ އެވެ. މި ޕްލޭންގެ ދަށުން ކުއްޖާއަށް 18 އަހަރުވުމުން ފައިސާ ނެގޭނެ އެވެ. މި ޕްލޭން ފަރުމާކޮށްފައިވަނީ އިންޝުއަރެންސް ނުވަތަ ތަކާފުލްގެ ބައެއް ވެސް ހިމަނައިގެންނެވެ. މިގޮތުން މި ޕްލޭން ނަގާ މީހާ މަރުވެއްޖެނަމަ ފަންޑުން ފައިސާ ދައްކަމުން ދާނެ އެވެ. މި ޕްލޭންގެ ސެޓިފިކެޓްގެ ޖުމްލަ އަދަދަކީ އެ މީހަކަށް ފައިސާ ދެއްކޭ އަދަދަށް ބިނާވެފައިވާ އެއްޗެކެވެ. މި ޕްލޭންގައި އުމުރުން 0-10 އަހަރާ ދެމެދުގެ ކުދިން ބައިވެރި ކުރެވޭނެ އެވެ. މިގޮތުން ޖަމާކުރި ފައިސާ އިން ކަވާ ކުރެވޭނީ އުމުރުން 8-18 އަހަރުވުމުންނެވެ. މި ޕެކޭޖުގެ އެންމެ ކުޑަ އަދަދަކީ ބައިލައްކަ ރުފިޔާ އެވެ.

* މިސާލަކަށް؛ މި ޕްލޭންގެ ދަށުން އެއްލައްކަ ރުފިޔާގެ ސެޓްފިކެޓްގެ ޖުމްލަ އަދަދެއް ކުއްޖާއަށް މަހެއް ނުވަނީސް ނަގައި އެ 18 އަހަރަށް ބަހާލާނަމަ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 608ރ. އެވެ. އަދި މުއްދަތު ހަމަވުމުން 181،000ރ. ލިބޭނެ އެވެ.

އަޔާދީ އިންވެސްޓްމަންޓް ޕްލޭން

އަޔާދީ އިންވެސްޓްމަންޓަކީ ވަޒީފާގައި އުޅޭ މީހެއްނަމަ އެ މިީހަކު ވަޒީފާ އިން މުސްކުޅި ކުރާ ދުވަހު ބަދަލު ލިބޭ ޕްލޭނެކެވެ. މީގެ އިތުރުން މި ޕްލޭނުން ވަޒީފާ އިން ރިޓަޔާކުރުމުގެ ކުރިން ހައްޖަށް ދިއުން ފަދަ ކަންކަމަށް ފައިސާ ލިބޭނެ އެވެ. އަދި ތިމާ ދުނިޔެ ދޫކުރާ ދުވަހަކުން އާއިލާ އަށް މި ޕްލޭން މާލީ އެހީއަކަށް ވެސް ވާނެ އެވެ. އަޔާދީ އިންވެސްޓްމަންޓުން ބަދަލު ނެގޭނެ އެންމެ ކުރު މުއްދަކީ ފަސް އަހަރެވެ. މި ޕްލޭންގެ ސެޓްފިކެޓްގެ އެންމެ ކުޑަ އަދަދަކީ ބައިލައްކަ ރުފިޔާ އެވެ.

މޯގޭޖް ތަކާފުލް ޕްލޭން

މޯގޭޖް ތަކާފުލް ޕްލޭންގެ ބޭނުމަކީ ލޯނު ނަގާފައިވާ ފަރާތެއް ނިޔާވުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދޭ ހާލަތެއް ދިމާވެއްޖެނަމަ ބަދަލު ނަގައިދިނުމެވެ. ނުވަތަ ލޯނުގެ ބާކީބައި ދައްކައި ދިނުމެވެ. އެފަދަ ހާލަތެއްގައި އާއިލާއަށް ލިބޭ މާލީ ގެއްލުމަކުން އާއިލާ ރައްކާތެރިކޮށްދެ އެވެ. ނަމަވެސް މީގައި ހަމައެކަނި ބައިވެރިވެވޭނީ އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކަށެވެ.