ބޭރު ކުޅިވަރު

ސްކޯލްސްގެ ފާޑުކިއުންތަކަށް ވެން ހާލް ސަމާލުކަމެއް ނުދޭ

މެންޗެސްޓާ ޔުނައިޓެޑް ކުޅުމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޕޯލް ސްކޯލްސް ފާޑުކިޔި ނަމަވެސް، އެކަމަށް ސަމާލުކަމެއް ނުދޭ ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ޔުނައިޓެޑަށް 718 މެޗު ކުޅޭ، 2013 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު އެ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މިދިޔަ އަހަރު މަސައްކަތްކުރި ސްކޯލްސް ވަނީ ޔުނައިޓެޑްގެ ފަރާތުން ފަހަކަށް އައިސްފެނިފައިވާ ކުޅުން ދަށް ކަމަށް ބުނެ، އެ ޓީމަށް ފާޑުކިޔައިފަ އެވެ.

ވެން ހާލް ސްކޯލްސް ވާހަކަތަކަށް ސަމާލުކަން ނުދޭނެ ކަމަށާއި ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ސްކޯލްސް އަށް ވެސް ޓީމަށް ފާޑުކިއުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

"ސްކޯލްސް އަކީ މި ކްލަބުގެ ސަޕޯޓަރެއް. ކޮންމެ ސަޕޯޓަރަކަށް ވެސް ޓީމަށް ފާޑުކިޔޭނެ. އަހަރެން މިހާރު އެކަމަށް ހޭނިއްޖެ. އަހަންނަށް ހީވަނީ ކުޅުންތެރިން ވެސް މިހާރު އެކަމަށް ހޭނި، ފާޑުކިއުންތަކަށް ސަމާލުކަން ނުދޭހެން،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ އޭނާ ބޭނުންވާ ފެންވަރަށް ޔުނައިޓެޑަށް އަދި ނުކުޅެވުނު ނަމަވެސް، ޓީމުގެ ނަތީޖާތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެންގެ ނަތީޖާތައް ގޯހެއް ނޫން. ޑިފެންސް ވެސް ރަނގަޅު އަދި އެޓޭކް ވެސް ރަނގަޅު،" ވެން ހާލް ބުންޏެވެ. -- އީއެސްޕީއެން