ބޮލީވުޑް

ކަރީނާ އާއި ސައިފަށް އެކުގައި ފިލްމެއްް ކުޅެން ފުރުސަތެއް ނުލިބޭ

Jun 24, 2016

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު 2012 ވަނަ އަހަރު ކައިވެނިކުރުމުގެ ކުރިން ވަނީ "ތަޝަން" އާއި "ގުރްބާން" ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

މިދެތަރިން އެކުގައި ފިލްމެއް ނުކުޅޭތާ މިހާރު ހައަހަރުވެފައިވާއިރު ކަރީނާ ދެކޭ ގޮތުގައި ފިލްމު އުފައްދާ ފަރާތްތަކުން އޭނާ އާއި ފިރިމީހާ ސައިފް އޮންސްކްރީން ޖޯޑެއްގެ ގޮތުގައި ނުދެކެ އެވެ.

ކަރިނާ ކުރެން ސައިފް އާއެކު ދެން ފެނިގެންދާނީ ކޮންއިރަކުންތޯ އެހުމުން ވަނީ ދެން އޭނާއާއި ސައިފް އެކުގައި ފިލްމަކުން އަވަހަށް ފެނިގެންދާނެހެން ހީނުވާ ކަމަށް ބުނެފަ އެވެ. އެދެތަރިންނަށް އެކުގައި ފިލްމުތަކުން ހުށަހެޅުން ނުލިބޭ ކަމަށް ބުނަމުން ކަރީނާ ވަނީ ފަހަރުގައި މީގެ ވިއްސަކަށް އަހަރު ފަހުން އެދެތަރިން އެކުގައި ފިލްމަކުން ފެނިދާނެ ކަމަށް ބުނެފަ އެވެ.

" ދެމީހުންނަށް އެކުގައި ކުޅެވޭނެ ފިލްމަކުން ހުށަހެޅުމެއް ނުލިބޭ. ނުލިބުނަސް ފަރުވާލެއް ނެތް، އަހަންނަށް ކޮންމެ ދުވަހަކު ސައިފް ގެއިން ފެނޭ" ކަރީނާ ބުނެފައިވެ އެވެ.

ކަރިނާ އެންމެފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ ހަފްތާ ރިލީޒްކުރި "އުޅްތާ ޕަންޖާބު" އިންނެވެ. މިފިލްމުގައި އޭނާ ކުޅެފައިވާ ރޯލަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ދެން އެންމެ އަވަހަށް ކަރީނާ ކުޅޭނީ ބަތަލާ ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އާއި އެކު ފެނިގެންދާ "ވީރް ދި ވެޑިިން" އިންނެވެ.

އަދި ސައިފް އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އަހަރު ނިކުތް "ފެންޓަމް" އެވެ. މިއަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ރަންގޫން" އިން ސައިފް ޝާހިދު ކަޕޫރާއި ކަންގަނާ ރަނާވަތު އާއެކު ފެނިގެންދާނެ އެވެ.