ބޮލީވުޑް

ސޯނަމް ލޮސް އެންޖަލިސް އަށް ދިޔައީ ހޮލީވުޑް ފިލްމަކަށް އޮޑިޝަން ދޭން ބާ؟

Jun 25, 2016

ބޮލީވުޑްގެ ދެބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމާއެކު މިދެތަރިންގެ ވިދުން ހުޅަނގުގެ އިތުރުން މުޅި ދުނިޔޭގައިވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

މިދެތަރިންނަށް ހޮލީވުޑްގެ އިތުރު ފިލްމުތަކަކުން ފުރުސަތު ލިބެމުން އަންނަ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު ބޮލީވުޑްގެ އިތުރު ބަތަލާއިންވެސް ހޮލީވުޑަށް ޝައުގުވެރިވާ ކަމަށް އަންނަނީ ބުނަމުންނެވެ.

އެގޮތުން މިހަފްތާގެ ކުރީކޮޅު ސޯނަމް ކަޕޫރު ލޮސް އެންޖަލިސް އަށް ގޮސްފައިވާއިރު، އޭނާގެ މިދަތުރަކީ ހޮލީވުޑްގެ ފިލްމަކަށް އޮޑިޝަން ދިނުމަށް ކުރި ދަތުރެއް ކަމަށްވެ އެވެ.

އާންމުކޮށް ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރި ބަތަލާއަށްވާ ސޯނަމް ލޮސް އެންޖަލިސް އަށް ފުރިފަހުން ސޯޝަލް މީޑިއާއާ ވެސް ވަނީ ދުރުވެފަ އެވެ. ނަމަވެސް ލޮސް އެންޖަލިސް އަށް ދިޔަފަހުން ވެސް ސޯނަމް ސްނެޕްޗެޓްއިން ފޮޓޯތައް ޝެއާ ކުރަމުން ދާތީ އޭނާގެ މިދަތުރަކީ އިތުރު ފިލްމެއްގެ ޝޫޓިން ފެށުމުގެ ކުރިން ޗުއްޓީއެއް ނަގާލުމަށް ކުރި ދަތުރެއް ކަމަށް ވެސް ބުނެވުނެވެ.

ނަމަވެސް ސޯނަމް އާއެކު އަބަދުވެސް ޗުއްޓީ ތަކަށް އެކި ގައުމުތަކަށްދާ ކޮއްކޮ ރީއާ ކަޕޫރާއި އެއްވެސް އެކުވެރިއެއް ނުދިއުމުން މިދަތުރަކީ ބައްޕަ އަނިލް ކަޕޫރުގެ އެޖެންޓުންގެ މެދުވެރިކޮށް ސޯނަމް ހޮލީވުޑް ފިލްމަކަށް އޮޑިޝަން ދިނުމަށް ބައެއް ފިލްމު އުފައްދާ ފަރާތްތަކާ ބައްދަލުކުރުމަށް ދިޔަ ދަތުރެއް ކަމަށް އަންނަނީ ބުނަމުންނެވެ.

ސޯނަމް ލޮސް އެންޖަލިސް އަށް ކުރި ކުއްލި ދަތުރަކީ އޭނާ ވެސް ހޮލީވުޑަށް މިސްރާބު ޖަހަން ތައްޔާރުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ވާހަކަދެކެވުނު ނަމަވެސް އޭނާގެ އާއިލާއިން ވެސް އަދި ގާތްއެކުވެރިންވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން ސޯނަމްގެ ގާތްފަރާތަކުން ވަނީ ލޮސް އެންޖަލިސް އަށް ސޯނަމް ކުރި ދަތުރާ ބެހޭގޮތުން އެއްވެސް ވާހަކައެއް އޭނާއާ ގާތްފަރާތްތަކުން ނުދައްކާނެ ކަމަށް ބުނެފަ އެވެ. އަދި މިދަތުރުގައި ސޯނަމް ފިލްމަކަށް އޮޑިޝަން ދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މިފަހުން ސޯނަމް ވަނީ ހޮލީވުޑް ފިލްމުކުޅުމުގެ ޝައުގުވެރިކަން އޭނާގެ އެބަ ހުރި ކަމަށާއި އެގޮތުން ބައެއް ފިލްމުތަކަށް އޮޑިޝަން ދެމުން އަންނަ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް މޮޅު ފިލްމަކުން އަދި ރަނގަޅު ރޯލެއް ނުލިބޭ ކަމަށް ވެސް ސޯނަމް ވަނީ ބުނެފަ އެވެ.

ލޮސް އެންޖަލިސް އަށް ކުރި ދަތުރު ނިންމާލުމަށްފަހު މާދަމާ ރޭ ސްޕެއިންގެ މެޑްރިޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިފާ އެވޯޑްގައި ބައިވެރިވުމަށް ސޯނަމް ސްޕެއިންނަށް ދާނެ އެވެ.