ބޮލީވުޑް

ސަލްމާން ދެން އުފައްދާ ފިލްމެއްގައި ފަވަދު ޚާން

Jun 24, 2016

މިއަހަރުގެ ކުރީކޮޅު ނިކުތް ފިލްމު " ކަޕޫރް އެންޑް ސަންސް" ގެ ކާމިޔާބީ އާއެކު ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އަށް އިތުރު ބޮލީވުޑް ފިލްމުތަކުން އަންނަނީ ފުރުސަތު ލިބެމުންނެވެ.

ދެހާސް ސާދަވަނަ އަހަރު ނިކުތް "ހޫބްސޫރަތް" އިން ސޯނަމް ކަޕުރާއެކު ބޮލީވުޑަށް ތައާރަފުވި ފަވަދް ސަލްމާން ޚާންގެ އުފައްދާ ފިލްމަކުން ރޯލެއް ލިބިއްޖެ އެވެ.

ޑައިރެކްޓަރު ނިތިން ކައްކަރު ޑައިރެކްޓްކުރާ މިފިލްމަކ ލޯބީގެ ފިލްމެކެވެ. މިފިލްމު ފަވަދް އަށް ހުށަހަޅާފައިވާއިރު އޭނާ ފިލްމުގެ ވާހަކަ އަށް ވަރަށް ގަޔާވި ކަމަށް ނިތިން ވަނީ ބުނެފަ އެވެ. އަދި ފަވަދްއާ މިފިލްމާ ބެހޭގޮތުން އަދިވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ނިތިން ވަނީ ބުނެފަ އެވެ.

ނިތިން އިތުރަށް ވަނީ މިފިލްމު ކުޅެން އަދި ފަވަދް ސޮއިކޮށްފައިނުވަނީ އޭގެކުރިން ފިލްމު އޭނާ ކުޅެދޭނެ އަގާއި އޭނާ އަށް މިފިލްމަށް ވަގުތު ދެވޭނީ ކޮން ދުވަހެއްކަން އަދި ޔަގީންނުވާތީ ކަމަށް ބުނެފަ އެވެ.

މިފިލްމުގެ ސްކްރިޕްޓްގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ދެން އޮތީ ފިލްމުގެ ތަރިން ހަމަޖެއްސުން ކަމަށްވެ އެވެ.

ސަލްމާންގެ އަމިއްލަ ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ސަލްމާން ޚާން ފިލްމްސް އިން އުފެއްދުމަށް ހަމަޖެހިފައިވާ މިފިލްމުގެ އިތުރުން ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމަކުންވެސް ފަވަދް އަށް ވަނީ ހުށަހެޅުމެއް ލިބިފަ އެވެ.

ދެން އެންމެ އަވަހަށް ފަވަދް ފެނިގެންދާނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ރިލީޒްކުރާ ކަަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" އިން ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއީގެ އިތުރުން އަނުޝްކާ ޝަރްމާއާ އެކު އެވެ.