އެންމެން ސިއްސުވާލި އަދި ބިރުގަންނަވާލި މަރަކީ ޑރ. އަފްރާޝީމް އަލީގެ މަރެވެ. އަފްރާޝީމް އަވަހާރަކޮށްލި ރޭ ތުހުމަތުގައި މީހަކު ހައްޔަރުކުރި އެވެ. އެއީ މިހާރު ޝަރުއީ ހުރިހާ މަރުހަލާއެއްގައި މަރުހުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ވެސް އައި ނަމަކީ ހުމާމެވެ. ދެން ހައްޔަރުކުރި ބަޔަކު ކުރީ އެއަށްފަހު އެވެ. ހުމާމު ފިޔަވައި އެހެން މީހުންގެ މައްޗަށް ކުށް ސާބިތުވާ ގޮތެއް ނުވި އެވެ.
މި ބޮޑު މަރުގެ ބޮޑު ތަހުގީގެއް ވެސް ކުރިއަށް ދިޔަ އެވެ. އަދިވެސް ކުރިޔަށް ދަނީ އެވެ. ތަހުގީގައި ނިމުނީ ހަމައެކަނި ހުމާމުގެ ބަޔެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވަނީ ހުމާމު ކަމަށް ޝަރުއީ ތިން މަރުހަލާއިން ވެސް މިވަނީ ނިންމާފަ އެވެ. އެހެންކަމުން އެއީ ބަލައިގަންނަން ޖެހޭނެ ގޮތެވެ. ނަމަވެސް މިހާ ދުވަސްވީއިރު އިތުރު ބަޔަކު ހަމަ ނުހޯދެނީ ހެއްޔެވެ؟ އަފްރާޝީމްގެ ވާރިސުން ބުނާ ފަދައިން އެއްވަނަ އަދި ދެވަނަ މީހާ ކޮބައި ހެއްޔެވެ؟
ހުމާމަކީ ތިންވަނަ މީހާ!
އަފްރާޝީމް އަވަހާރަކޮށްލުމުން ހުމާމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. އޭނާ އަމިއްލައަށް އެކަން ނުކުރާނެކަން އެނގެ އެވެ. އޭނާއަށް ބަޔަކު ފައިސާދީގެން އެކަން ކޮށްދާނެ އެވެ. އެ ފައިސާ ދިން ބަޔަކު އަދި ނުހޯދެ އެވެ. މިކަމުގެ އެންމެ އަޑި އަދިވެސް ދަމައިނުގަނެވެ އެވެ.
ކަންމިހެން އޮތްއިރު ހުމާމު މަރައި ނައްތާލުމަކީ މި މައްސަލާގެ އެންމެ އަޑިއަށް ފޭބުމަށް ލިބިފައިވާ ހަމައެކަނި މަގު ވެސް ބަންދުކޮށްލުން ނޫން ހެއްޔެވެ؟ އަމަލީ ގޮތުން ހުމާމު މިކަމުގައި ބައިވެރިވެފައިވާ ކަމަށް ކޯޓުތަކުން ނިންމާފައިވާއިރު، އޭނާ ކައިރިން އެކަން ކުރަން ބުނި ބަޔަކު ހޯދެންވާނެ އެވެ. އެ ބަޔަކު ސާފުނުކޮށް ހުމާމު މަރާލެވިގެން ނުވާނެ އެވެ.
ސުޕްރީމް ކޯޓުން ހުމާމުގެ މައްޗަށް ހުކުމްކުރުމަށް ތައްޔާރުވެފައިވަނިކޮށް އެ ކޯޓަށް އަފްރާޝީމް އަލީގެ ވާރިސުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިހެންނެވެ. ކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކޮށްފައިވާ ކަމަށާއި އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި އެފަދަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އެ ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުމާމުގެ މައްޗަށް ގިސާސް ހިފަން ބޭނުން ނުވާ ކަމަށެވެ.
ހުމާމަށް މާފެއް ނުކުރޭ!
ހުމާމު މަރަން ހުކުމްކޮށްފައިވަނީ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފައިވަނިކޮށެވެ. އަފްރާޝީމްގެ ވާރިސުން ހުމާމުގެ ކިބައިން މަރު ހިފަން ބޭނުންވެ އެވެ. ހުމާމަށް މާފުކޮށްފައެއް ނުވެ އެވެ. ސުވާލަކީ ހުކުމް ތަންފީޒުކުރުން ފަސްކުރެވިދާނެތޯ އެވެ. މިކަމުގައި އިލްވެރިން ބުނަނީ މަސްލަހަތަށްޓަކައި ހުކުމް ފަސްކޮށްދިނުމަށް ވާރިސުންނަށް އެދެވޭނެ ކަމަށެވެ. ނަމަވެސް އެ ހުކުމެއް ތަންފީޒުކުރުން ފަސްކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމާނީ ޝަރުއީ ކޯޓަކުންނެވެ.
ވާރިސުންނަށް ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު އޮންނަ ފަދައިން ގާތިލަށް މާފު ދިނުމުގެ ފުރުސަތު ވެސް އޮވެ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދުގެ ދަށުން ސުޕްރީމް ކޯޓުން ހުކުމްކުރާ ފަހުން ވެސް ވާރިސުންނަށް ގާތިލަށް މާފުދެވޭނެ އެވެ.
އެގޮތުން އެ ގަވައިދުގެ 13 ވަނަ މާއްދާގައިވާ ގޮތުން ގާތިލުގެ ކިބައިން މަރަށްމަރު ހިފޭ ދުވަހު ވާރިސުންގެ ބަސް ހޯދަންޖެހެ އެވެ. ތޭރަވަނަ މާއްދާގެ (ނ)ގައި ބުނެފައި އޮތީ، ކުށް ސާބިތުވެފައިވާ މީހެއްގެ އަތުން މަރުގެ ދިޔަ އަތުލުމަށް ފަހު މާފުދީފި ނަމަ ނުވަތަ މަރުގެ ދިޔައަކާއި ނުލައި މާފުދީފި ނަމަ މަރުގެ އަދަބު ތަންފީޒުނުކޮށް އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެ ކަމަށާއި ސުޕްރީމް ކޯޓުން ވަކިގޮތެއް ނާންގާހާ ހިނދަކު ކުށް ސާބިތުވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެ ކަމަށެވެ.
ހުމާމުގެ މައްޗަށް ހުކުމް ތަންފީޒުކުރުން ފަސްނުކުރަން ޝަރުއީ ކޯޓުތަކުން ނިންމައިފިނަމަ، ހުމާމު ދުނިޔޭގައި ބެހެއްޓޭނީ ހަމައެކަނި ވާރިސުން މާފުދީގެނެވެ. ގަވައިދުގެ 13 ވަނަ އެމާއްދާގެ (ރ)ގައި ވާގޮތުން ވާރިސުންގެ ތެރެއިން އެންމެ ވާރިސަކު މާފުދިން ނަމަވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެވޭނެ އެެވެ.
ހުކުމް ތަންފީޒުކޮށްދިނުން ފަސްކޮށްދިނުމަށް އެދި އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ ބަލައިގެންފައިނުވާކަން ފާހަގަކޮށްލެވެ އެވެ. އެ ސިޓީ ބަލައިނުގަތީ ނުރަސްމީ ގަޑީގައި ސިޓީ ފޮނުވީމަ އެވެ. އެހެންކަމުން މިހާރު އޮތް ގޮތުންނަމަ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުންނަމަ 30 ދުވަހުގެ ތެރޭގައި ހުމާމް ދަންޖައްސައި މަރާނެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި
އެންމެ ބާރު ސްޕީޑްގައި ތަހުގީގުކުރިއަށް ގެންދިޔައިރު ފުލުހުން ބުނީ މިހެނެވެ. މިކަމުގެ މަގުސަދާއި މިކަމުގައި ސިޔާސީ ބަޔެއްގެ އަތެއްވާކަން ފުލުހުންނަށް ވެސް އެނގެ އެވެ. މައްސަލައަކީ އެތައް އަހަރުތަކެއް ވެގެން ގޮސްފައިވާއިރު ވެސް މި މައްސަލާގައި ހުމާމުގެ ނަން ފިޔަވައި އެހެން ނަމެއް އައިސްފައިނުވުމެވެ. އެ ބުނާ ސިޔާސީ ފަރާތްތައް ކޮބައި ހެއްޔެވެ؟
ސިޔާސީ ފަރާތްތަކާ ހަމައަށް ފުލުުހުންނަށް ނުދެވި ވަނީ ނުފޫޒެއްގެ ސަބަބުންތޯ ވެސް މިއީ މިހާރު ކުރަން ރަނގަޅު ސުވާލެކެވެ.