ސްރީލަންކާއިން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
އެ ގާނުނު ފާސްކޮށްފައިވަނީ 225 މެންބަރުން ހިމެނޭ މަޖިލީހުގައި ދެ ދުވަސް ވަންދެން އެ ބިލާ ބެހޭގޮތުން ބަހްސް ކުރުމަށްފަހު އެވެ.
މިބިލްގެ ސަބަބުން ސްރީ ލަންކާގައި ޑިމްކްރަސީ ހަރުދަނާ ކުރުމަށާއި ކްރޮޕްޝަން މަދު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ލަންކާ ސަރުކާރުގެ އޮފީޝަލުން ވިދާޅުވެ އެވެ.
މިގާނުނުން، މީހުންގެ އަމިއްލަ މައުލޫމާތާއި، ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތުތާއި މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކުގެ ނިންމުންތަކާއި، މެޑިކަލް ރިޕޯޓްތަކުގެ މައުލޫމާތުތައް ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް ހޯދުމުގެ ހައްގު ލިބިގެން ވެއެވެ. އަދި މި ގާނުނުގެ ދަށުން ފަސް މެންބަރުން ހިމެނޭ ގޮތަށް އިންފޮމޭޝަން ކޮމިޝަންގެ އޮފީހެއް ގާއިމު ކުރަންޖެހެ އެވެ.
މިބިލަކީ ލަންކާގެ މިހާރުގެ ރައީސް މައިތިރިޕަލާ ސިރިސޭނާގެ ވައުދެކެވެ. މިދިޔަ އަހަރު ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވިއިރު ސިރިސޭނާ ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނުނެއް ތަސްދީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުން މިގާނުނު ފަސް ކުރި ނަމަވެސް މިބިލް އެންމެ ފުރަތަމަ ތާރަފުކޮށްފައިވަނީ 1996 ވަނަ އހަރުއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މިބިލް ގާނޫނެއްގެ ސިފައިއިގައި ވުޖޫދު ނުކުރީ އެވެ. އެއީ އޭރު ލަންކާއިން ތަމަޅައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިއުމުންނެވެ.