މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރޯދަމަހު ގެންނަ ކާގޯ ކްލިއާ ކޮށްދިނުން އަށް ގަޑި އިރަށް އަވަސްކޮށްފި

ބާޒާރުގައި ތަރުކާރީ އާއި މޭވާގެ އަގު އެއް ވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، ރޯދަ މަހު ރާއްޖެއަށް އަންނަ ކާގޯ ޝިޕްމަންޓްތައް މަދުވެގެން އަށް ގަޑި އިރު ތެރޭގައި ހުސް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.


ރޯދަ މަހަށް ހާއްސަކޮށްގެން ކާގޯ މުދާ އަވަހަށް ކްލިއާ ކޮށްދިނުމުގެ މަސައްކަތްތަކެއް އެމްޕީއެލުން ފަށާފައިވާއިރު، އެމްޕީއެލް ބަނދަރަށް އަންނަ ޝިޕްމަންޓްތައް ކްލިއާ ކޮށްދިނުމުގެ ހިދުމަތް މިހާރު އޮތީ ވަރަށް ދެރަކޮށް ކަމަށް އެމަގާމާއި ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ސީއީއޯ މުހައްމަދު ޖުނައިދު ވަނީ ވިދާޅުވެފައެވެ.

ބާޒާރުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހުސްވިޔަ ނުދީ އަގު ހިފެހެއްޓުމުގެ ގޮތުން ރޯދަމަހަށް ހާއްސަކޮށްގެން އެމްޕީއެލުން ފަށާފައިވާ ހާއްސަ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް ރޭ ހުސްކޮށްފައިވަނީ ހަ ގަޑި އިރުގެ ތެރޭގަ އެވެ. މިއީ އެމްޕީއެލްގެ ހަޔާތުގައިވެސް ކާގޯ މުދާ ބޯޓެއް ހަ ގަޑިއިރުގެ ތެރޭގައި ކްލިއާކޮށްލެވުނު ފުރަތަމަ ފަހަރެވެ. އާންމުކޮށް ހަލާކުވާ ޒާތުގެ މުދާ ހިމެނޭ ބޯޓެއް ހުސްކުރަން އެމްޕީއެލުން ދޭއް ނުވަތަ ތިން ދުވަސް ނަގައެވެ.

އެމްޕީއެލްގެ ކާގޯ ޑިޕާޓްމަންޓްގެ ހެޑް އިބްރާހިމް ރަޝީދު ވިދާޅުވީ، އެމްޕީއެލްގެ ހިދުމަތް އަވަސްކޮށް، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ލިބޭގޮތް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ބަނދަރަށް އަންނަ، އަވަހަށް ހަލާކުވާ ޒާތުގެ ކާގޯ ބޯޓުފަހަރު އެންމެ ލަސްވެގެން އަށް ގަޑިއރު ތެރޭގައި ކްލެއާކޮށް ނިންމުމަކީ އަމާޒެއް ކަމަށާއި ހާއްސަކޮށް ރޯދަމަސް ނިމެންދެން އެ ޓާގެޓްގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދޭކަމަށެވެ.

އެމްޕީއެލްގެ ބަނދަރަށް އަންނަ ޕެރިޝެބަލް، އަވަހަށް ހަލާކުވާ ޒާތުގެ ޝިޕްމަންޓްތައް ކްލެއާކުރަން މީގެ ކުރިން ދެތިން ދުވަސް ވަރު ނަގައެވެ. އޭގެ ސަބަބުން ބާޒާރުން ތަކެތި ހުސްވެ، ދާން ނުޖެހޭވަރަށް ތަކެތީގެ އަގުތައް މައްޗަށް ދާން މެދުވެރިވެއެވެ. އަދި ގެންނަ ޝިޕްމަންޓްތައް ކްލެއާ ނުކުރެވި ގިނަ ދުވަސްވުމުން އެތަކެތި ހަލާކުވެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެސް ލިބެމުންދާކަން އެމްޕީއެލުން ވަނީ ފާހަގަކޮށްފަ އެވެ.

ރަޝީދު ވިދާޅުވީ، މުދާ ކްލިއާ ކުރުމަށް އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވަނީ އެކަށީގެންވާ ވަރަށް މެޝިނަރީއާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. މެޝިނަރީ އާއި އިކުއިޕްމަންޓް ނެތުމުގެ ސަބަބުން އަވަހަށް ހަލާކުވާ ބާވަތުގެ މުދާ ކޮންޓެއިނާތައް ވެސް ކްލިއާ ނުކުރެވި ދެތިން ދުވަސް ވަންދެން ކިއުގައި ބަހައްޓަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ނަމަވެސް ރޯދަމަހު ޕެރިޝެބަލް ޝިޕްމަންޓްތައް ލަސްވެގެން އަށްގަޑި އިރުގެ ތެރޭގައި ކްލެއާކުރަމުން ދާނެ ކަމަށެވެ.