ރޯދަ މަހާ ރޯއްޖާ

މި ކަދުރުވެސް ބޮޑު، އަގު ވެސް ބޮޑު!؟

Jun 25, 2016
7
  • ގިނަ ބަޔަކު މި ކަދުރު ގަނޭ
  • ކަދުރު ލިބޭނީ ހުޅުލެ އައިލެންޑް ހޮޓަލުން
  • ސައިޒު ބޮޑު، އަގު ބޮޑު ކަދުރެއް

މިއީ ކަދުރުގެ މޫސުމެވެ. ސަބަބަކީ ރޯދަ މަހުގެ ރޯދަ ވީއްލުމުގައި ކަދުރުގެ މުހިންމުކަން ބޮޑުވުމެވެ. ނަމަވެސް މި ފަހަރު މި ދައްކަނީ އާދައިގެ މަތިން ކޮންމެ ދުވަހަކު އަހަރެމެން ރޯދަ ވީއްލާ ކަދުރު ކަހަލަ ކަދުރެއްގެ ވާހަކައެއް ނޫނެވެ. މިއީ ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކަދުރުގެ ލިސްޓުގައި ހިމެނޭ ކަދުރު ވާހަކަ އެވެ. "ބަތީލް" ގެ ނަމުން، ނަން ދީފައިވާ މި ކަދުރު ރާއްޖޭގައި ވެސް ވިއްކަ އެވެ. މި ކަދުރުގެ އަގު އެނގޭ ހެއްޔެވެ؟

ހުޅުލޭ އައިލެންޑް ހޮޓަލަށް ރޯދަ ވީއްލަންދާ މީހުންނަށް "ބަތީލް" ހުންނާނީ ފެނިފަ އެވެ. އެ ހޮޓަލުގެ އުޑުވިލާ ރެސްޓޯރެންޓުގެ ބުފޭގެ އެއް ފަރާތުގައި "ބަތީލް" ބަހައްޓާފައި ހުރެ އެވެ. މީގެ އަގަކީ ފޮއްޓެއް 20 ޑޮލަރު (ގާތްގަނޑަކަށް 308ރ.) އެވެ. މީގެ ފޮއްޓެއްގައި އިންނާނީ އެންމެ ގިނަ ވެގެންވެސް ހަތަރު ވަރަކަށް ކަދުރެވެ.

މި ކަދުރުގެ އަގު ބޮޑުވީ ކީއްވެގެންބާ އެވެ؟ ދުނިޔޭގައި ކަދުރުގެ 600 އެއްހާ ވައްތަރު ވިއްކާއިރު މި ކަދުރު ހިމެނެނީ އެންމެ "ލަގްޒަރީ" ކަދުރުގެ ތެރޭގަ އެވެ. މަޝްހޫރު ޝާހީ އާއިލާތަކުގެ ކެއުމުގެ ސުފުރާ މަތީގައި އެންމެ ހާއްސަ އެއް ރަހައަކީ މިއީ އެވެ. "ބަތީލް" ގެ ތިން ވައްތަރު ކަދުރެއް ދުނިޔޭގެ ބާޒާރުގައި ވިއްކަ އެވެ. މީގެ ތެރެއިން އެއް ވައްތަރުގެ ކަދުރުގެ އެތެރެ ހުންނާނީ އެކި ރަހަތަކުން ފުރާލާފަ އެވެ. ކަދުރުގެ ތެރޭގައި ކެޝޫ ނަޓްސް އާއި އޮރެންޖް ފަދަ މޭވާގެ ރަހަތަކުގެ ފޮތިތައް ހުރެ އެވެ.

ހުޅުލެ އައިލެންޑް ހޮޓަލުގެ ބުފޭގައި ހުރި އަގު ބޮޑު އަދި ސައިޒު ބޮޑު މި ކަދުރު ވިކޭ ހެއްޔެވެ؟ ޖަވާބަކީ އާނ އެކެވެ! މީގެ އަގަކީ 20 ޑޮލަރު ކަމަށްވީ ނަމަވެސް މި ކަދުރު އަތުފަތު ނުޖެހި ވިކެ އެވެ. އެ ތަނަށް ދާ ގިނަ ބަޔަކު މި ހާއްސަ ކަދުރުގެ ރަހަ ބަލައިލަ އެވެ.

ކަދުރުގެ ވާހަކަ އަޑުގަދަކޮށް ދައްކާ މި ދުވަސްވަރު "ބަތީލް" ތަޖުރިބާކޮށްލުމަކީ ހަމަ ރަނގަޅު ކަމެކެވެ. އެކަން ކުރުމަށް ހުޅުލެ އައިލެންޑް ހޮޓަލަށް ދާން ޖެހެ އެވެ.