ބޮލީވުޑް

"ހާފް ގާލްފްރެންޑް" ގެ ޝޫޓިންގައި ޝްރަދާ އަށް އަނިޔާވެއްޖެ

Jun 26, 2016

ބޮލީވުޑްގެ އެންމެ ބުރަކޮށް އުޅެމުން އަންނަ އެއް ބަތަލާ ކަމަށްވާ ޝްރަދާ ކަޕޫރަކީ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ތަރިވެސްމެ އެވެ.

އެކްޓަރު އަރްޖުން ކަޕޫރާއެކު "ހާފް ގާލްފެރެންޑް" ގެ ޝޫޓިން ދިއްލީގައި ނަގަމުން އައި ޝްރަދާގެ ފަޔަށް ފިލްމުގެ ޝޫޓިންގެ ތެރެއިން އަނިޔާވެއްޖެ އެވެ.

ޗޭތަން ބަގަތް ލިޔެފައިވާ ވާހަކަ ފޮތް "ހާފްގާލްފްރެންޑް" ގެ އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި އުފައްދާ ފިލްމުގައި ޝްރަދާ ކުޅެނީ ކޮލެޖްގައި ކިޔަވަމުން އަންނަ ބާސްކެޓް ބޯޅަ ކުޅުންތެރިއެއްގެ ރޯލުންނެވެ.

ޝްރަދާގެ ފަޔަށް އަނިޔާވީ ބާސްކެޓްކުޅޭ މަންޒަރުތަކެއް ނެގުމުގެ ތެރޭގަ އެވެ. އެގޮތުން ޝްރަދާ އަނޔާވެފައިވާ އޭނާގެ ފައިގައި ބެންޑޭޖްކޮށްފައިވާ ފޮޓޯއެއް ޓްވީޓްކުރަމުން ވަނީ ފައިތިލައިގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ބާސްކެޓްކޯޓުގައި ދުވުމަކީ ވަރަށް މަޖާކަމެއް ކަމަށް ބުނެފަ އެވެ.

ޝްރަދާގެ އިތުރުން އަރްޖުން ވެސް މިފިލްމުގައި ފެނިގެންދަނީ ބާސްކެޓްކުޅުންތެރިއެއްގެ ރޯލުންނެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ އިންޑިއާގެ ވަރަށް ރަށްފުށު ސަރަހައްދަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކާއި ދިއްލީއަށް ނިސްބަތްވާ ވަރަށް ޒަމާނީ އަންހެން ކުއްޖަކާއި ދެމެދު އޮންނަ ލޯބީގެ ގުޅުން މިފިލްމުގައި ފެނިގެންދާނެ އެވެ. އެންމެފުރަތަމަ މިވާހަކައިގައި ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާ ގާތް އެކުވެރިންނަށްވެ، ވަކިވެ، އަނެއްކާ ވެސް އެކުވެރިވެ ވަކިވެ، އެންމެފަހުން ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުޅެ އެވެ.

މޯހިތު ސުރީ ޑައިރެކްޓްކުރާ މިފލްމު އަންނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ލަވައެއް ވެސް ޝްރަދާ ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަހުން ޝްރަދާ ޝޫޓިން ނިންމާލި "ރޮކް އޮން 2" ގެ މަންޒަރުތައް ނެގުމުގެ ތެރޭގައި އޭނާގެ ލޮލަށް ވެސް އަނިޔާވެފަ އެވެ.