ބޭރު ކުޅިވަރު

ކަރެސްމާގެ ރިހިގޯލުން ޕޯޗުގަލް ކުއާޓާ ފައިނަލަށް

މެޗުގެ 90 މިނިޓް ހަމަވެގެން ނަތިޖާ ނެރެން ކުޅުނު ދެ ވަނަ ހާފު ނިމިނިމި އޮއްވައި ރިކާޑޯ ކަރެސްމާ ޖެހި ލަނޑުން ކްރޮއޭޝިޔާ 1-0އިން ބަލިކޮށް ޕޯޗުގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޭނާ މި ލަނޑު ޖެހީ ކްރޮއޭޝިޔާ އަށް ގޯލު ޖަހަން ފުލުފުލުގައި ލިބުނު ހުސް ދެ ފުރުސަތު ބޭކާރުވެ، ކައުންޓަ އެޓޭކްގައި ލިބުނު ބޯޅަ އަކުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލަށް ޖެހި ބޯޅަ ކީޕަރު ޕްރެސިޗް ދިފާއު ކުރި ނަމަވެސް ކަރެސްމާ އެބޯޅަ ގޯލަށް ވައްދާލީ މުޅިން ހުސްކޮށް އެވެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހު ޕޮލެންޑާ އެވެ.

ޕޯޗުގަލް އާއި ކްރޮއޭޝިޔާ ކުޅުނު މި މެޗަކީ މި ފަހަރުގެ މުބާރާތުގައި ގޯލާ އަމާޒުކޮށް 90 މިނިޓްގެ ތެރޭގައި އެންމެ ބޯޅަ އެއް ވެސް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ އާދައިގެ ކުޅުމެއް ފެނުނު މެޗުގައި މުހިންމު ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.