ރޯދަ މަހާ ރޯއްޖާ

ނާޒީ: ފިޓްނަސްގައި ނުފެންނަ ފިޓް ޓްރޭނާ

ނާޒިމާ އަލީ (އެރޮބިކްސް ނާޒީ)؛ މީހުންނަށް މިހާރު ވަރަށް މަޝްހޫރު ނަމަކަށް ނުވިޔަސް އޭނާ އަކީ ރާއްޖޭގެ ފިޓްނަސްގެ ދާއިރާގައި ވިއްސަކަށް އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ހުނަރުވެރި އަންހެނެކެވެ. ނަވާރަސަތޭކައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅު އެރޮބިކްސް ނާޒީގެ ގޮތުގައި މަޝްހޫރުވި ނާޒީއަކީ ބުރަ މަސައްކަތުން ކުރިއަށްދާ ހީވާގި މަންމައެކެވެ. ރާއްޖޭގެ ފިޓްނަސް ދާއިރާގެ އެންމެ ދުވަސްވީ "ފިޓް" އެއް ޓްރެއިނަރެކެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު، އޭރު "ޝެރީ" އިން ހިންގަމުންދިޔަ ފިޓްނަސް ކްލާހެއްގައި މަސައްކަތްކުރަމުން ހެދި "ފްރީސްޓައިލް އެރޮބިކްސް" ތަމްރީން ވެގެންދިޔައީ ނާޒީގެ ކެރިއާ އާ މިސްރާބަކަށް ބަދަލުކޮށްލި ތަމްރީނަކަށެވެ. ނާޒީއަށް، އޭނާގެ ފުރަތަމަ އެރޮބިކްސް ތަމްރީންވީ ކެރިއާއެއް ބިނާކުރަން ލިބުނު އުންމީދަކަށެވެ. އުމުރުން 45 އަހަރު ފުރިފައިވާއިރު ނާޒީ ވަނީ މިހާތަނަށް ރާއްޖޭގައި އަންހެނުންނަށް ހިދުމަތްދިން ހުރިހާ ޖިމެއްގައިހެން އިންސްޓްރަކްޓަރެއްގެ ގޮތު މަސައްކަތްކޮށްފައެވެ. ވިހި އަހަރުގެ ތަޖުރިބާއިން އޭނާ ވަނީ ގިނަ ފިލާވަޅުތަކެއް ވެސް ދަސްކޮށްފައެވެ.

ޝެރީގައި މަސައްކަތްކުރުމަށްފަހު، މީގެ އަހަރުތަކެއް ކުރިން ހިންގި ބޮޑީ ފިއުޝަން އާއި ޔޫތު ސެންޓަރުގެ ޖިމްގައިވެސް ކްލާސްތަކެއް ނަގައިދިން ނަޒީއަކީ، "ހީޓް" ހޫނުކޮށްލަދޭން މަސައްކަތްކުރި އެންމެ ފުރަތަމަ ޓީމުގެ މެންބަރެއްވެސްމެ އެވެ. އަދި މުޅި ރާއްޖެއިން ވެސް އެންމެ ފުރަތަމަ ބޮޑީ ކޮމްބެޓް ޓްރެއިނިންގް ހެދި ދެމީހުންގެ ތެރެއިން އެކެކެވެ. އަންހެނުންނަށް ހާއްސަ ޖިމެއް ހިމެނޭގޮތަށް 2011 ވަނަ އަހަރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އުފެއްދެވި "އެމްޕަވާ ފިޓްނެސް"ގެ ޕްލޭނަށް ދަންދެން ކުރެހި މީހަކީ ވެސް ނާޒީ އެވެ.

"ބޮޑީފިއުޝަން އާއި ޔޫތު ސެންޓަރުގައި ކްލާސްތަކެއް ނެގުމަށްފަހު ކުޑަ ބްރޭކެއް ގައި އުޅެނިކޮށް އަޅުގަނޑަށް ލިބުނީ ހީޓުން އޮފާއެއް. އެއީ ހީޓް ހުޅުވަން އިންސްޓްރަކްޓަރުން ހޯދި އިރު. ހީޓް ފަށަން ޝިފާނާ އެންމެ ފުރަތަމަވެސް އޮފާކުރީ އަޅުގަނޑު ހަނދާންވާ ގޮތުން އަޅުގަނޑާއި، ހިޝްކޮއަށް. ދެން އޭރު ހީޓް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން އަޅުގަނޑާއި ޝިފާނާ ރާއްޖެއިން ވެސް އަލަށް ބޮޑީ ކޮމްބެޓް ޓްރެއިނިންގް ހެދީ. ހަދައިގެން އައިސް، ބޮޑީ ކޮމްބެޓާއި ސްޓެޕް އެރޮބިކްސް އޭރު ހީޓްގައި ނަގައިދޭން ފެށީ، އޭގެ ދުވަސްކޮޅެއް ފަހުން ބޮޑީ ޕަމްޕް ޓެރެއިނިން ވެސް ފުރިހަމަކުރިން،" ކެރިއާ ފެށިގެން އައި ގޮތް ކިޔައިދިނެވެ.

ހީޓްގައި މަސައްކަތްކުރަމުން، ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ޕާސަނަލް ޓްރެއިނިން ފުރިހަމަ ކުރިއެވެ. އެއާއެކު އަނެއްކާވެސް އައީ ބަދަލެކެވެ. ރަނގަޅު އާމްދަނީއަކާ އެކު ރަނގަޅު ފުރުސަތެއް ލިބުމާއެކު މާލެ ފިޓްނަސް ކްލަބްގައި ޕާސަނަލް ޓްރެއިނާއެއްގެ އިތުރުން ގްރޫޕް ފިޓްނަސް މެނޭޖާއެއްގެ ވަޒީފާ އަދާކުރަން ފެށީ އެވެ. މާލެ ފިޓްނަސް ކްލަބްގައި ދުވަސްކޮޅަކު އުޅުމަށްފަހު ކުޑަ ބްރޭކެއް ނަގައި ދެން ނާޒީ މަސައްކަތް ކުރަން ފެށީ އެމްޕަވާ ފިޓްނަސްގައެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ވިސްނުން އައީ އެހާ ހިސާބުންނެވެ. މާބްލް ހޮޓެލްގެ ދެވަނަ ބުރީގައި އަންހެނުންނަށް ހާއްސަކޮށްގެން، "ވެލްނަސް ބައި ނާޒީ" ނަމުގައި މިހާރު ހަދާފައި އެވާ ތަނަވަސް ޖިމަކީ އަމިއްލަ ޖިމެއް ހުޅުވުމަށް ނާޒީ ކުރި މަސައްކަތުގެ މޭވާ އެވެ.

"އެމްޕަވާ ފިޓްނެސް ހުޅުވަން ކުރަންޖެހުނު ހުރިހާ ކަމެއް ކޮށްދިނީ އަޅުގަނޑު. އެތަން ހުޅުވައިގެން އެތަނުގައިވެސް ދެ އަހަރު ދުވަހު އަޅުގަނޑު ޓްރެއިނިން ދިނިން. ދެ އަހަރު ހޭދަކުރުމަށްފަހު މަސައްކަތްކުރީ އަމިއްލަ ވިޔަފާރިއެއް ފަށަން. އެގޮތުން 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްތެއް ވެލްނަސް ބައި ނާޒީ އަކީ. އެއީ ހަމަ އަޅުގަނޑުގެ އެކަނި މަސައްކަތެއް. މިހެން ބުންޏަސް ފެށުމަށް އާއިލާއިން އެހީތެރިވެދީފައި ހުންނާނެ، ލޯނުވެސް ނެގިފަ ހުންނާނެ، އެކަމަކު އެ ހުރިހާ ކަމެއް، ދައްކަންޖެހޭ ލާރިއެއް ވިއްޔާ ދައްކާ ނިމި، މިހާރު ވެލްނަސް ބައި ނާޒީއަކީ އެހެން އެއްވެސް މީހެއްގެ ހިއްސާއެއް އޮތް ތަނެއް ނޫން. އެއީ ވަރަށް ބޮޑު ކާމިޔާބީ އެއް،"

އުމުރަށްވުރެ މާ ހަނގުކޮށް ފެންނަ ނާޒީ އަކީ ތިން އަންހެން ދަރިންގެ މަންމައެކެވެ. ހިތްވަރު ގަދަ އަންހެނެކެވެ. ފިޓްނަސްގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ނާޒީއަކީ އިތުރު މަސައްކަތްތަކަށް ވެސް ވަގުތު ހޯދާ މީހެކެވެ. ސީފުޑް ވިޔަފާރި ކުރިއެވެ. ކެފޭއެއްވެސް ހިންގިއެވެ. އަދި 2014 ވަނަ އަހަރު ހުޅުމާލޭގެ އަންހެނުންނަށް ހާއްސަކޮށްގެން އެރޮބިކްސް ސްޓޫޑިއޯއެއް ވެސް ހިންގިއެވެ. ނަމަވެސް އެ މަސައްކަތްވެސް މިހާރު ވަނީ ހުއްޓިފަ އެވެ.

ހުޅުމާލޭގައި ޒުވާނުންނަށް ހާއްސަ ބޫޓް ކޭމްޕެއް ވެސް ހިންގަމުންދާއިރު، މިވަގުތު ނާޒީގެ ފޯކަސް ހުރީ އޭނާގެ ޖިމް އިތުރަށް ބޮޑުކޮށް، ރިސޯޓްތަކަށް ޖިމް ޑިޒައިން ކުރުމާއި އިކުއިޕްމަންޓް ހޯދައި ދިނުމާއި އެތަކެތި މަރާމާތުކޮށްދިނުމުގެ ހިދުމަތްދިނުމަށް މިދިޔަ ހަފުތާގައި އުދެއްފި އޭނާގެ އާ ކުންފުނި "ޕްރޯ ފިޓްނެސް" ކާމިޔާބު ރާސްތާއަކަށް އެޅުވުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މާބްލް ހޮޓެލްގެ މުޅި އެއް ފްލޯ ޖިމްގެ ގޮތުގައި ތަރައްގީކޮށް ހުޅުވާލާނެ ކަމަށް ނާޒީ ބުންޏެވެ.