އަޔަލޭންޑްގެ އެސިސްޓެންޓް ކޯޗު ރޯއި ކީން ގާތުގައި އޭނާގެ ތުނބުޅި ބާލަން އެދިފައިވާނެ ކަމަށް ކޯޗު މާޓިން އޯނީލް ބުނެފި އެވެ.
އޭނާ މިހެން ބުނީ ވަރުގަދަ އިޓަލީ ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް އަޔަލޭންޑް ދަތުރު ކުރި މެޗަށް ފަހު އުފާފާޅު ކުރަން ދެމީހުން ބައްދާލުމުން އެކަމާ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
"އަހަރެން އެވަގުތު އޭނާ ގާތުގައި ބުނީ އޭނާގެ ތުނބުޅި ބާލަން. ތުނބުޅީގެ ސަބަބުން އަހަރެންގެ މޫނަށް އުނދަގޫވި. އަހަރެން ބޭނުމެއްނޫން (އެހެންހުރެ) އޭނާ ދެން އަހަރެންގެ ގައިގައި ބައްދާކަށް،" ޖޯކު ޖަހަމުން އޯނީލް ބުންޏެވެ.
ޖަވާބުގައި ކީން ބުނީ ކީކޭތޯ އެހުމުން އޯނީލް ބުނީ އޭނާ އަކީ ވަރަށް ލާނެތް މީހެއް ކަމަށް ކީން ބުނެފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކީން ބުނީ އޭނާއަކީ އުފާވާ ވަގުތުތަކުގައި އަބަދުވެސް ބައްދާހިތްވާ މީހެއް ކަމަށެވެ.
"އަހަރެން އަހަރެންގެ ކުއްތާގެ ގައިގައި ވެސް ބައްދަން. އަދި ރައްޓެހިންގެ ވެސް. ކޯޗު ވެސް. އަހަރުމެން ދެމީހުންގެ މެދުގައި މާގާތް (ގޯސް) ގުޅުމެއް އޮތީކީނޫން. އަހަރުމެން ނުދަން ބޭރަށް (އެކުގައި ކާން)،" ކީން ބުންޏެވެ.
އަޔަލޭންޑާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ބުނީ އިޓަލީ އަތުން މޮޅުވުމުން ޓީމުގެ މެމްބަރުންނަށް އާދަޔާ ހިލާފު އުފަލެއް ލިބުނު ކަމަށާއި އޭނާ ގޮސް ކޯޗު އޯނީލްގެ ގައިގައި ބައްދާލީ ވަރަށް އުފަލުން ކަމަށެވެ. އަދި ޓީމުގެ އެހެން މެމްބަރުންނާ އެކު ވެސް އުފާފާޅު ކުރަން ބައްދާ ހެދި ކަމަށާއި އޭނާ އަކީ ވަރަށް ގިނަ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށާއި ނޫސްވެރިން އެކަމާ ހައިރާންވާނެ ކަމަށެވެ.