ބޭރު ކުޅިވަރު

ނާކާމިޔާބުވީ ހެދުނު އެންމެ ގޯހަކުން: ކްރޮއޭޝިޔާ ކޯޗު

ޕޯޗުގަލް އަތުން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ރޭ ކެޓީ ހެދުނު އެންމެ މިސްޓޭކަކުން ކަމަށް ކްރޮއޭޝިޔާގެ ކޯޗު އެންޓޭ ސަސިޗް ބުނެފި އެވެ.

ދެ ވަނަ ބުރުގައި ޕޯޗުގަލް އަތުން ކްރޮއޭޝިޔާ ބަލިވީ ނަތީޖާ ނެރެން ކުޅުނު 15 މިނިޓްގެ ދެ ވަނަ ހާފު ނިމެން ދަނިކޮށް ރިކާޑޯ ކަރެސްމާ ޖެހި ހަމައެކަނި ގޯލުންނެވެ.

"މުޅި މެޗުގައި ވެސް އަހަރުމެންނަށް ހެދުނީ އެންމެ ގޯހެއް. އޭގެ ސަބަބުން ބަލިވީ. މިއީ ފުޓްބޯޅަ. މިހެންވެސް ވާނެ. އަހަރުމެން ގޭމް ކޮންޓްރޯލްކޮށްގެން ކުޅުނީ. އަހަރުމެންނަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުން އެންމެ ބޮޑު މައްސަލައަކީ. އެޓޭކިންގައި އަހަރުމެންނަށް ކާމިޔާބު ނުހޯދުނު،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން ކުރި މަސައްކަތަކަށް ތައުރީފް ހައްގު ކަމަށާއި ފުޓްބޯޅައިގައި މޮޅަށް ކުޅޭ ޓީމު ބަލިވުމަކީ އޮންނަ ކަމެއް ކަމަށެވެ.

"މިފަހަރު މިދިމާވީ އެގޮތް. އަހަރުމެންނަށް އެނގޭ ޕޯޗުގަލް ކުޅޭނީ ކައުންޓަ އެޓޭކިންގައިކަން. އެހަރުމެން މެޗުގައި ކުޅުނީ. އެކަމަކު ހެދުނީ އެންމެ ގޯހެއް. އަހަރުމެންނަސް ދެން އޮތީ މިނަތީޖާއިން އިބްރަތް ހާސިލްކޮށްގެން ވޯލްޑް ކަޕަށް ތައްޔާރުވުން،" ކޯޗު ބުންޏެވެ.

ޗެމްޕިއަން ސްޕޭން ވެސް ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރި ޓީމުގެ ކޯޗު ބުނީ މުބާރާތުގެ ފައިނަލަށްދާން އޭނާގެ ޓީމަށް އޮތީ ފަސޭހަ މަގެއް ކަމަށާއި މޮޅުވިނަމަ ކުއާޓާ ފައިނަލުގައި ކުޅެން ޖެހުނީ ޕޮލެންޑާކަން ވެސް އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި އެންމެންވެސް ތިބީ ވަރަށް އުއްމީދާއެކުގައި ކަމަށާއި ނަމަވެސް ފުޓްބޯޅައިގައި އެންމެ ބޭނުންވާގޮތަށް ބައެއް ފަހަރު ނަތީޖާ ނުނުކުންނާނެކަން މި ނަތީޖާއިން އެނގިއްޖެ ކަމަށެވެ.