ބޮލީވުޑް

އައިފާގެ ރަންވަނަ ރަންވީރާއި ދިޕިކާ އަށް

Jun 26, 2016

އިންޑިއާ ފިލްމުތަކާއި ތަރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) 2016 ގެ ހަފްލާ ރޭ ވަނީ ސްޕެއިންގެ މެޑްރިޑްގައި ބާއްވާފަ އެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކޮންމެވެސް ގައުމެއްގައި ބާއްވަމުން އަންނަ މިއެވޯޑް ހަފްލާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ފަންނާނުން ބައިވެރިވާ ހަފްލާ އެކެވެ. މިއަހަރުގެ އެވޯޑް ހަފްލާ ހުށަހަޅާދީފައިވަނީ މަޝްހޫރު ދެއެކްޓަރުން ކަމަށްވާ ޝާހިދު ކަޕޫރާއި ފަރްހާން އަޚްތަރެވެ.

ފާއިތުވި ތިން ދުވަހުން ފެށިގެން މެޑްރިޑްގައި އައިފާގެ އެކި އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާއިރު، ތަރިން އިންތިޒާރުކުރަމުން އައި އެވޯޑް ހަފްލާ ބައްވާފައިވަނީ ރޭގަ އެވެ.

ރެޑްކާޕެޓްގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިނގާލި މިހަފްލާގައި ވަނީ ރިތިކް ރޯޝަން އާއި ސޮނާކްޝީ ސިންހާގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާގެ ހިތްގައިމު ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފަ އެވެ.

ކުރިން ގިނަބަޔަކު އުންމީދުކުރަމުން އައިގޮތަށް މިއެވޯޑް ހަފްލާގެ އެންމެ ގިނަ އެވޯޑްތަކެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އަށެވެ. ރަންވީރު ސިންގާއި ދިޕިކާ ޕަޑުކޯންގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ ލީޑްރޯލު ކުޅެފައިވާ މިފިލްމަށް ވަނީ ހަތަރު އެވޯޑެއް ލިބިގެން ގޮސްފަ އެވެ. މިފިލްމުގެ އިތުރުން ދިޕިކާގެ "ޕީކޫ" އަށް ވެސް ގިނަ އެވޯޑްތަކެއް ލިބިގެން ގޮސްފަ އެވެ،

"ބާޖީރާއޯ މަސްތާނީ" އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ސަންޖޭ ލީލާ ބަންސާލީ އަށް ލިބުމާއި ބެސްޓް ސިނެމެޓޯ ގްރަފީ އެވޯޑްގެ އިތުރުން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ޕްރިޔަންކާ އަށް އަދި އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިގެން ގޮސްފައިވަނީ ރަންވީރަށެވެ.

މީގެއިތުރުންވެސް މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު "ޕީކޫ" އިން ދިޕިކާ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިގެން ގޮސްފަ އެވެ. އަދި އެންމެ މޮޅު ވާހަކައިގެ އެވޯޑް ވެސް ލިބިގެން ގޮސްފައިވަނީ މިފިލްމުގެ ވާހަކަ ލިޔުނު ޖޫހީ ޗަތުރްވެދީ އަށެވެ.

ގިނަބަޔަކު އުންމީދުކުރަމުން އައީ އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބޭނީ "ބަޖްރަންގީ ބައިޖާން" އިން ސަލްމާން ޚާނަށް ކަމަށެވެ. ނަމަވެސް އެ އެވޯޑް ރަންވީރަށް ލިބިފައިވާއިރު، މިފިލްމަށް ވަނީ އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިގެން ގޮސްފަ އެވެ.

މިދިޔަ އަހަރު އަލަށް ތައާރަފްވި ބަތަލާ އާއި ބަތަލުގެ އެވޯޑް ލިބިފައިވަނީ "ދަމްލަގާކޭ ހައިޝާ" އިން ބޫމީ ޕަޑްނޭކަރް އާއި "މަސާން" އިން ވިކީ ކޯޝަލް އަށެވެ. އަދި "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި ސޫރަޖް ޕަންޗޯލީ އާއި އާތިޔާ ޝެޓީ އަށް ވަނީ ބެސްޓް ޑެބިއު ޖޯޑުގެ އެވޯޑް ލިބިގެން ގޮސްފަ އެވެ.

އައިފާގެ ފަރާތުންދޭ ހާއްސަ އެވޯޑް ކަމަށްވާ ވުމަން އޮފް ދަ އިޔާގެ އެވޯޑް ލިބިގެންގޮސްފައިވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށެވެ.

އެންމެ މޮޅު ކޮމިކް އެކްޓަރުގެ އެވޯޑް "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އިން ދީޕަކް ޑޮބްރިޔާލް އަށް ލިބިފައިވާއިރު ނެގެޓިވް ރޯލަކުން އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވަނީ "އެން އެޗް 10" އިން ދަރްޝަން ކުމާރެވެ. އަދި އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑް ލިބިގެން ގޮސްފައިވަނީ "ދިލް ދަޅަކްނޭ ދޯ" އިން އަނިލް ކަޕޫރަށެވެ.

އެވޯޑް ލިބުނު ފަރާތްތައް:

  • އެންމެ މޮޅު އެކްޓަރު: ރަންވީރު ސިންގް - ބާޖީރާއޯ މަސްތާނީ
  • އެންމެ މޮޅު އެކްޓްރެސް: ދިޕިކާ ޕަދުކޯން - ޕީކޫ
  • އެންމެ މޮޅު ފިލްމު: ބަގްރަންގީ ބައިޖާން
  • އެންމެ މޮޅު ވާހަކަ: ޕީކޫ - ޖޫހީ ޗަތުރްވެދީ
  • އެންމެ މޮޅު ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ - ބާޖީރާއޯ މަސްތާނީ
  • ބެސްޓް ސިނެމެޓޯގްރަފީ: ސުދީޕް ޗެޓަރްޖީ - ބާޖީރާއޯ މަސްތާނީ
  • ބެސްޓް ސްކްރީން ޕްލޭ: ކަބީރް ޚާން، ޕަރްވީޒް ޝެއިހް އަދި ވީ ވިޖެންދްރަ ޕްރަސާދް - ބަޖްރަންގީ ބައިޖާން
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރު: އަނިލް ކަޕޫރު - ދިލް ދަޅަކްނޭ ދޯ
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޕްރިޔަންކާ ޗޯޕްޅާ - ބާޖީރާއޯ މަސްތާނީ
  • އެންމެ މޮޅު ކޮމިކް އެކްޓަރު: ދީޕަކް ޑޮބްރިޔާލް - ތަންނޫ ވެޑްސް މަންނޫ ރިޓާންސް
  • އެންމެ މޮޅު އެކްޓަރު ނެގެޓިވް ރޯލުން: ދަރްޝަން ކުމާރު - އެން އެޗް 10
  • ބެސްޓް ޑެބިއު އެކްޓަރު: ވިކީ ކޯޝަލް - މަސާން
  • ބެސްޓް ޑެބިއު އެކްޓްރެސް: ބޫމީ ޕަޑްނޭކަރް - ދަމްލަގާކޭ ހައިޝާ
  • ބެސްޓް ޑެބިއު ޖޯޑު: ސޫރަޖް ޕަންޗޯލީ އާއި އާތިޔާ ޝެޓީ - ހީރޯ
  • ބެސްޓް ލިރިކްސް: ވަރުން ގްރޯވަރު - ދަމްލަގާކޭ ހައިޝާ
  • ބެސްޓް މިއުޒިކް: އަމާލް މަލިކް އަދި މީޓް ބްރޯސް - ރޯއި
  • ބެސްޓް ޕްލޭބެކް ސިންގާ މޭލް: ޕެޕޮން - މޯމޯކޭ ދާގް "ދަމްލަގާކޭ ހައިޝާ"
  • ބެސްޓް ޕްލޭބެކް ސިންގާ ފީމޭލް: މޮނާލީ ޓާކުރް - މޯމޯކޭ ދާގް "ދަމްލަގާކޭ ހައިޝާ"