ހަބަރު

ޝަލަބީ އެންމެ ފުރަތަމަ ވެސް ގެނެސްދެނީ މަދަހަ އަލްބަމެއް: ލަވައާ ދުރަށް؟

މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕް ޝަލަބީ އިބްރާހީމްގެ ހިތްގައިމު އަޑަށް ކެތްމަދުވެފައި ތިބި މީހުންނަށް މި އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. -- ރަމަޟާން މަހު ޝަލަބީ އޭނާގެ ސަޕޯޓަރުންނަށް ދޭ ހާއްސަ ހަދިޔާ އަކީ މަދަހަ އަލްބަމެކެވެ. --

އެއްގޮތަކަށް ވެސް ލަވަކިޔުމާ އޭނާ ދުރަށް ދަނީއެއް ނޫނެވެ. އެކަހަލަ ވާހަކައެއް އަދި ނުދެކެވެ އެވެ.

"ހިދާއީ ނޫރު" ގެ ނަން ދީފައިވާ ހަތް މަދަހައިގެ މި އަލްބަމަކީ ރޯދަ އަދި އީދު ހަދިޔާއެއްގެ ގޮތުގައި ޝަލަބީގެ ސަޕޯޓަރުންނާއި އާންމުނަށް ބެހުމަށް ތައްޔާރުވަމުން އަންނަ މަސައްކަތެކެވެ.

"މިއީ އަޅުގަނޑުގެ ފުރަތަމަ އަލްބަމް ކަމަށް ވާތީ، އަޅުގަނޑު ގަސްދުކުރަނީ މި މަދަހަ ސީޑީ ހިލޭ ބަހަން،" ޝަލަބީ ބުންޏެވެ.

"މަދަހަ ސީޑީއެއް ތައްޔާރުކުރުމަކީ ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާ ކަމެއް. އެހެން ނަމަވެސް ހެޔޮއެދޭ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާ އެކު އަޅުގަނޑު މި މަސައްކަތް މި ކުރަނީ ހިދާއީ ނޫރު މަދަހަ ސީޑީ ހިލޭ ބަހަން."

ޝަލަބީގެ އަމިއްލަ ރާގުތަކަށް މި އަލްބަމް ރިކޯޑްކޮށް މާސްޓަރިން ހަދާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ހުސެއިން ސޮބާހްގެ "އިލެވެން އިލެވެން ސްޓޫޑިއޯ" ގަ އެވެ. އަލްބަމްގައި ހިމެނޭ ބައެއް މަދަހަތަކުގެ ކޯރަސްގައި ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްފައިވެ އެވެ.

މި އަލްބަމަށް މަދަހަ ހައްދަވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުތީމު އާދަމް އަބްދުއްރަހުމާން އާއި ތޮއްޑޫ އާދަމް ނަސީރު އިބްރާހީމްގެ އިތުރުން ހަސަން ޝާކިރު މުހައްމަދެވެ.

މި އަލްބަމަށް މަދަހަ ރިކޯޑްކޮށްފައިވަނީ އެއްވެސް މިއުޒިކެއް ނުހިމަނަ އެވެ. އެހެންކަމުން މިއީ ޝަލަބީގެ ސީދާ ސާފު އަޑުގެ ހުރި ޖާދޫއެއް ވެސް ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ޝަލަބީގެ މި މަދަހަ އަލްބަމް ނެރޭނެ ސީދާ ތާރީޚެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ މި ހަފުތާ ތެރޭގައި އަލްބަމް ލޯންޗުކުރުމަށް ހާއްސަ ހަފުލާއެއް ބާއްވާނެ ކަމަށެވެ.