މުހައްމަދު ނާޒިމް

ނާޒިމަށް ހައިކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

  • ހައިކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދު
  • ނާޒިމްގެ ފަރާތުން އާ ހެކިތަކެއް ހުށަހެޅި
  • ދައުލަތުން ވެސް އާ ހެއްކެއް ކޯޓަށް ފޮނުވި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ދާދިދެންމެއަކު އެކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާފައިވަނީ ނާޒިމްގެ ފަރާތުން އެ ކޯޓަށްކުރި އިލްތިމާސް ބަލައިނުގަތުމަށް ކަމަށެވެ.

މައްސަލަ ބަލައިނުގަތްކަން އަންގައި، ނާޒިމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަަލައަކަށްވެފައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްއަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު ހައިކޯޓުގެ ހުކުމް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

މީގެއިތުރުން ހައިކޯޓު ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިމިވަނީ މައްސަލައާ ގުޅޭ އާ ހެކިތަކެއް ސުޕްރީމް ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހަޅާފައިވަނިކޮށެވެ. މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޖުރާއީ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ދެ އަޑުއެހުމުގައި ވެސް ނާޒިމްގެ ފަރާތުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވެ އެވެ.

ނާޒިމްގެ ފަރާތުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވާއިރު، ދައުލަތުން ވެސް ވަނީ މި މައްސަލާގައި އާ ހެއްކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ފުލުހުންގެ ތަހުގީގުން ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާއިރު، އެ ރިޕޯޓް ޕީޖީއިން ވަނީ ސުޕްރީމް ކޯޓަށް ފޮނުވާފަ އެވެ.

ނާޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް ދަށު ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ނާޒިމް ވަނީ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފަ އެވެ.

މީގެއިތުރަށް ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް ކަމަށާއި އޭނާ އެ ފިސްތޯލަ ވައްދާފައި ވަނީ އަންބޮނޑިއަށްޖަހައިގެން ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެ އެވެ. އާސިފު އެ ފިސްތޯލަ ނާޒިމް ގެއަށް ވައްދާފައިވަނީ އަދީބު ވިދާޅުވެގެން ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގައި ސުއޫދު އިތުރަށް ވިދާޅުވެފައިވަނީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ރޭ، ދާހިތްލާ ފޯވެފައި ހުންނަވައިގެން ކުރީގެ ސީޕީ ހުސެއިން ވަހީދު، އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ އަރިހަށް ވަޑައިގެން ނާޒިމް އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހުސެއިން ވަހީދަށް ދީފައިވަނީ އަދީބު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، މުހުތާޒާއި ހުސައިން ވަހީދު އެރޭ ކާރަކަށް އަރައިގެން އަދީބު ކައިރިއަށް ވަޑައިގެން އެ ތިން ބޭފުޅުން ނާޒިމް ހައްޔަރުކުރި ވަގުތު އެ ގޭ މަގުގައި ކާރުގައި މަޑުކޮށްގެން ތިއްބެވި ކަމަށެވެ.

ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރާނެކަން އަދީބު ނޫސްވެރިންނަށް އަންގައި، އެ ގޭ ދޮށަށް ނޫސްވެރިން ފޮނުވިކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.