އެމްޓީސީސީ

ވިލިމާލޭ ފެރީ ޓާމިނަލް ބިލްޑިން އަޅަން އެއްގަމު އުޅަނދުތައް ނަގަނީ

ވިލިމާލޭގެ މާލޭ ފެރީ ޓާމިނަލްގެ އާ އިމާރާތް އަޅަން އެ ސަރަހައްދުގެ ޕާކިން ޒޯންގައި ހުރި އެއްގަމު އުޅަނދުތައް ނަގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފި އެވެ.

އާ ފެރީ ޓާމިނަލް އެޅުމުގެ ކުރިން ވަގުތީ ޓާމިނަލެއް އަޅަން ކަނޑައަޅައިފައިވާ ސަރަހައްދު މިހާރު އޮތީ އެއްގަމު އުޅަނދުގެ ޕާކިން ޒޯނަކަށެވެ. އެމްޓީސީސީ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެތަނުގައި ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށާއި އެ މުއްދަތައް ނުނަގައި ހުރި ވެހިކަލްތައް ނަގައި އެ ބިން ހުސްކުރާނެ ކަމަށެވެ.

އެމްޓީސީސީ އިން ކުރިން ބުނެފައި ވަނީ 12 ބުރީގެ އާ ޓާމިނަލްގެ މަސައްކަތް ދެފޭސް އަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިރު އެ އިމާރާތުގެ ފުރަތަމަ ފޭސް ހެދުމަށް ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި ޓާމިނަލްގެ މަސައްކަތް ނިމޭއިރު ފުޑް ކޯޓުތަކާއި ބައެއް ކޮމާޝަލް ފިހާރަތައް ވެސް ހިމެނޭނެ ކަމަށާއި އޭގެ އިތުރަށް ޒުވާނުންނަށް ހާއްސަކޮށްގެން ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް އެތަނުގައި ހުންނާނެ ކަމަށެވެ.