ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

ވެލެންސިއާ 1-0އިން ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތިން ވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ޖެހިލައިފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ 83 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ކަރިކް އަންދްރޭ އެވެ.

ދެ ޓީމު ވެސް ވަރަށް ހަމަހަމަކޮށް ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ޖެހި ގޯލަކީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ޕެނަލްޓީ އޭރިޔާގެ ބޭރަށް ކުރިއަށް ނުކުތުމުން އޭނާގެ ބޯމަތިން ގޯލަށް ފޮނުވާލި ބޯޅައެކެވެ. ނަމަވެސް އެންމެ ފަހު މިނިޓްގައި ވެލެންސިއާގެ ހަސަން އަދުހަމް ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ކެޕްޓަން ޝާފިއު އަހުމަދު ޖެހި ބޯޅަ ކީޕަރު ދިފާއު ކުރި އެވެ.

ވެލެންސިއާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެމަރޫނުގެ ފޯވަޑް ހަންސްލޭ އަވީލޯ އާއި މުހައްމަދު އާރިފް (ބަކާ) މި މެޗުގައި ނުކުޅެ އެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑްވެފައި ތިބުމުންނެވެ. އެދެމީހުން ނުލައި ކުޅުނު މި މެޗުން ބަލިވުމުން ވެލެންސިއާ އޮތީ އަށް ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ.

ލީގުގައި މާދަމާ ރޭ ކުޅޭނީ ޓޭބަލުގެ ފުލުގައިވާ ދެ ޓީމު ކަމަށްވާ ވިކްޓަރީ އާއި ބީޖީ އެވެ. ބީޖީ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.