ބޮލީވުޑް

"އައިފާ" އަށް ނުގޮސް އާލިއާ އާއި ސިދާތް އެކުގައި ޗުއްޓީއެއްގައި

Jun 27, 2016

ބޮލީވުޑްގައި ދޭ އެންމެ ޝަރަފުވެރި އެއް ފިލްމު އެވޯޑް "އައިފާ" 2016 އިއްޔެ ރޭ މެޑްރިޑްގައި ނިމިގެން ގޮސްފައިވާއިރު މިހަފްލާގައި ވަނީ ބޮލިީވުޑްގެ ނަން މަޝްހޫރު ގިނަތަރިން ބައިވެރިވެފަ އެވެ.

ގިނަތަރިންނެއް މިހަފްލާގެ ރެޑްކާޕެޓްގައި ހިނގާލާފައިވާއިރު، ބައެއް ތަރިންނަށް ވަނީ އެކި ސަބަބުތައް މެދުވެރިވެގެން މިހަފްލާގައި ބައިވެރިވެވޭ ގޮތް ނުވެފަ އެވެ. މިތަރިންގެ ތެރެއިން ވެސް އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ހަގީގީ ދެލޯނިވެރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް މިހަފްލާގައި ބައިވެރިނުވުމުންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރިލީޒްވި އާލިއާގެ "އުޅްތާ ޕަންޖާބު" ގެ ޕްރޮމޯޝަން ކަންތައްތަކުގައި ބުރަކޮށް އުޅެފައިވާއިރު، ސިދާތް ވެސް އަންނަނީ މިއާމީގައި ބޭންގް ބޭންގެ ސިލްސިލާގެ ދެވަނަ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ. އެކި ފިލްމުތަކުގެ ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުން މިދެތަރިން ވަނީ ފިލްމުތަކުގެ ޝޫޓިންއިން ލިބުނު ބްރޭކްގައި އެކުގައި ޗުއްޓީ ހޭދަކުރުމުގެ އައިފާ އަށް ނުގޮސް ލަންޑަނަށް ގޮސްފަ އެވެ.

އާލިއާގެ އެންމެ ގާތްއެކުވެރިޔާ އާއެކު މިދެތަރިން ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިދެތަރިން ރުޅިވިކަމުގެ އަޑުތަކެއް ވެސް އަރާފަ އެވެ. މިހާތަނަށް ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ސިދާތް އާއި އާލިއާ އެއްބަސްވެފައިނުވާއިރު، އެކުގައި ޗުއްޓީ ހޭދަކުރުމަށް ދިއުމާއި ހަފްލާތަކަށް މިދެތަރިން އެކުގައި ދިއުމަކީ އާންމުކަމެކެވެ.

މިއާމީގައި ސިދާތް ޝޫޓްކުރަމުން އަންނަ ފިލްމުގެ ޝޫޓިން އަދި ނުނިމު ނަމަވެސް ލޯބިވެރިޔާ އާލިއާ ޗުއްޓީ އަކަށް ލަންޑަނަށް އައުމުން އޭނާއާ އެކު ޗުއްޓީ ހޭދަކުރުމަށް ސިދާތް ދިޔައީ ކަމަށްވެ އެވެ.

އާލިއާ އާއި ސިދާތް އައިފާއަށް ނުގޮސް އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ވާހަކަ ދެކެވެމުން އައި ނަމަވެސް މިދެތަރިންގެ ލަންޑަނުގެ ޗުއްޓީގެ ތެރެއިން އެކުގައި ނަގާފައިވާ ފޮޓޯއެއްހާ މިންވަރުވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އާލިއާ އަންނަނީ އޭނާގެ ޗުއްޓީގެ ތެރެއިން ބައެއް ފޯޓޮ ފޭނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބޮލީވުޑްގެ ތަރިން އައިފާގައި ބައިވެރިވުމަށް މެޑްރިޑަށް ފުރަމުން ދިޔައިރު އާލިއާ ވެސް އެއާޕޯޓުން ފެނުމުން ނޫސްތަކުގައި ވަނީ އޭނާގެ އައިފާގައި ބައިވެރިވުމަށް ދިޔައީ ކަމަށެވެ. ނަމަވެސް އާލިއާ އެދުވަހު ފުރާފައިވަނީ ލަންޑަނަށެވެ.

އާލިއާގެ އެކުވެރިޔާ ވަނީ ސިދާތް އާއި އާލިއާ އާއެކު ބެންޗެއްގައި އިށީންދެގެން އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މިދެތަރިން ރުޅިވެފައިވާ ކަމަށް ނިންމާފައިވަނިކޮށް އެކުގައި ތިއްބާ މިއީ އާންމުވި ފުރަތަމަ ފޮޓޯ އެވެ. އަދި މިއީ އެކުގައި ޗުއްޓީ މިދެތަރިން ހޭދަކުރަމުން އަންނަ ކަމުގެ ހެއްކެކެވެ.

އާލިއާ އާއި ސިދާތް ދިމާވެފައިވަނީ ދެތަރިން ބޮލީވުޑަށް ތައާރަފުވި ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އެފިލްމުގެ ޝޫޓިންގެ ތެރެއިން ގާތްގުޅުމެއް އުފެދި މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ މިހާރު އެތަކެއް އަހަރެއް ވެއްޖެ އެވެ.

އެންމެފަހުން މިދެތަރިން އެކުގައި ފެނިގެންގޮސްފައިވަނީ މިއަހަރުގެ މާޗް މަހުގައި ނިކުތް "ކަޕޫރް އެންޑް ސަންސް" އިންނެވެ.