ބޭރު ކުޅިވަރު

ވާޑީ އާއި ރޫނީއާ ދެމެދު މައްސަލައެއްނެތް: ހޮޖްސަން

ދެ ފޯވަޑުން ކަމަށްވާ ޖިމީ ވާޑީ އާއި ކެޕްޓަން ވޭން ރޫނީއާ ދެމެދު އެއްވެސް މައްސަލައެއްނެތް ކަމަށާއި ނޫސްތަކުން ދައްކަނީ ދޮގުވާހަކަތައް ކަމަށް އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ މިރޭ އައިސްލޭންޑާ ދެކޮޅަށް ދެ ވަނަ ބުރުގައި ކުޅެން ޖެހޭ މެޗުގެ ކުރިން އޭނާގެ ދެ ފޯވަޑުން މައްސަލަ ޖެހިފައިވޭތޯ ރޫނީ ކުރެން ސުވާލު ކުރުމުންނެވެ.

"އަހަރެން އެދެން ރޫނީ ޖަވާބު ނުދޭން. އަހަރެން ތިޔަ ސުވާލަށް ޖަވާބު ދީފާނަން. ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ރޫނީ އާއި ވާޑީއާ ދެމެދު އެެއްވެސް މައްސަލައެއްނެތް. އެއީ ދަނޑމަތީގަ އާއި ދަނޑު ބޭރުގައި ވެސް ދެ ރަހުމަތްތެރިން. ނޫސްތަކުން އެދައްކަނީ ރަނގަޅު ވާހަކައެއްނޫން. މިއީ އަހަރުމެން ޓީމު ބައިބައިކޮށްލުމަށް ދައްކާ ވާހަކަ،" ކޯޗު ބުންޏެވެ.

ނަމަވެސް ވާޑީގެ އަންހެނުން ރެބެކާ ވާޑީ އަށް މިފަހުން މީޑިޔާތަކުން ލިބެމުން އަންނަ ސަމާލުކަމާ މެދު މި ދެ ކުޅުންތެރިން ވާހަކަ ދައްކާފައިވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ރޫނީ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް އެނޫސްތަކުން ބުނެ އެވެ.

ނޫސްވެރިން ވަނީ ޔޫރަޕިއަން ޔޫނިއަންއިން އިންގްލޭންޑް ވަކިވުމާ ބެހޭ ގޮތުން ހޮޖްސަންއާ ސުވާލުކޮށްފަ އެވެ.

"އަހަރުމެން ވޯޓުދިނިން. އެއީ އަހަރުމެންގެ ގައުމުގެ މީހުން ބޭނުންވާ ގޮތް. އެކަމާ އަހަރުމެންގެ ތައްޔާރުވުމަކާ ގުޅުމެއްނެތް. އެކަން ނިންމީ އަހަރުމެންގެ ގައުމުގެ މީހުން. ނިންމުމާ އެއްގޮތަށް އަހަރުމެން ވެސް ދާނަން. އެކަމަކު އެއީ އަހަރުމެންގެ ތައްޔާރުވުންތަކާ އެއްވެސް ގުޅުމެއް ހުރި ކަމެއްނޫން،" ހޮޖްސަން ބުންޏެވެ.