ބޭރު ކުޅިވަރު

ލަލާނާގެ ބަދަލުގައި ފުރަތަމަ އެގާރަ އަށް ސްޓާލިން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މިރޭ އައިސްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި އާދަމް ލަލާނާގެ ބަދަލުގައި ފުރަތަމަ 11އިން ރަހީމް ސްޓާލިން އަށް ފުރުސަތުދޭން އިންގްލޭންޑް ކޯޗު ނިންމައިފި އެވެ.

ކޯޗު ރޯއި ހޮޖްސަން މި ގޮތަށް ނިންމީ މުބާރާތުގައި އިންގްލޭންޑް މިހާތަނަށް ކުޅުނު ތިން މެޗުގައި ފުރަތަމަ 11ގައި ކުޅުނަސް ލަލާނާ އަށް ގޯލަށް ނުރައްކާކުރެވޭފަދަ ފުރުސަތުތަކެއް ތަނަވަސް ކޮށްނުދެވުމުންނެވެ. އަނެއްކޮޅުން ރަހީމް ސްޓާލިން ސްލޮވާކިޔާ މެޗުގައި ނުކުޅުނަސް ވޭލްސް އާއި ރަޝިޔާއާ ދެކޮޅަށް އޭނާ ދެއްކި ކުޅުމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

މިކަމާ ގުޅޭގޮތުން ސްޓާލިން ދީފައިވަނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ ފާޑުކިއުންތަކަށް މާބޮޑު ފަރުވާލެއް ނެތް ކަމަށާއި ކޯޗު ބުނާގޮތަށް ކުޅެ އެވާހަކަތަކަށް ޖަވާބުދޭނެ ކަމަށެވެ.

ސްޓާލިން އަށް ކެޕްޓަން ވޭން ރޫނީ ވެސް ވަނީ ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ފާޑުކިއުންތައް އަމާޒުވި ނަމަވެސް ސްޓާލިން ހުންނަނީ ޓީމުގެ ކުޅުންތެރިންނާއެކި ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

އަދި ފަރިތަކުރުންތަކުގައި ވެސް ބަރާބަރަށް ބައިވެރިވެ، ގުޅިގެން ސްޓާލިން މަސައްކަތް ކުރާ ކަމަށެވެ.

ރޫނީ ބުނީ މި މެޗަކީ ފަސޭހަ މެޗަކަށްނުވާނެ ކަމަށާއި ނަމަވެސް ހަތަރު ލައްކަ މީހުން ހަމަނުވާ އައިސްލޭންޑަކީ މުބާރާތުގައި ކުޅޭ އެންމެ އާބާދީ މަދު ގައުމު ނަމަވެސް އެއީ މެޗުން ފެންނާނެ ކަމެއް ނޫން ކަމަށާއި ރަނގަޅަށް ކުޅޭ އޭނާގެ ޓީމަށް ކާމިޔާބު ހޯދޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ.