ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލޭންޑާ ދެކޮޅަށް ކުޅެން ޖެހުމަކީ އޭނާ އުއްމީދުވެސް ކުރި ކަމެއްނޫން ކަމަށާއި ނަމަވެސް މިއީ އުއްމީދު ހަގީގަތަކަށްވުން ކަމަށް އައިސްލޭންޑްގެ ގީލްފީ ސިގަޑްސަން ބުނެފި އެވެ.
ސްވަންސީ އަށް ކުޅޭ ކުޅުންތެރިޔާ ބުނީ އޭނާ ކުޑައިރު މިފަދަ ބޮޑު މުބާރާތެއްގައި އިންގްލޭންޑާ ކުޅެން ޖެހިދާނެ ކަމަށް އެއްގޮތަކަށް ވެސް އުއްމީދު ނުކުރާ ކަމަށެވެ.
"އެކަަމަކު ގަދ 16ގައި އިންގްލޭންޑާ ކުޅެން ޖެހުމުން ވަރަށް އުފާވެއްޖެ. އަހަރުމެންނަށް އުއްމީދު އެބައޮތް ކުރިއަށް ދެވޭނެ ކަމަށް. މިހާތަނަށް މި މުބާރާތުގައި އަހަރުމެން ރަނގަޅު ނަތީޖާތަކެއް ނެރެފިން،" ސިގަޑްސަން ބުންޏެވެ.
އޭނާ ބުނީ މެޗަށް ތައްޔާރުވާން ލިބުނީ ކުޑަ ދުވަސްކޮޅެއް ނަމަވެސް އޭނާ އާއި ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށާއި މިދިޔަ ތިން ދުވަހު މުޅި ޓީމު ވެސް ރަނގަޅަށް އަރާމުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޔޫއޭފާއިން މި މެޗަށް މާމަދުން އައިސްލޭންޑަށް ޓިކެޓް ދީފައިވާތީވެ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"10000 ނުވަތަ 15000 މީހުންނަށް ޓިކެޓް ލިބޭނަމަ ވަރަށް ރަނގަޅުވާނެ. އަހަރުމެން އުއްމީދު ކުރަން މި މެޗުގައި ވެސް އަހަރުމެންނަށް އުފާފާޅު ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް،" ސިގަޑްސަން ބުންޏެވެ.