ބޭރު ކުޅިވަރު

ސްޓަރިޖް އަށް ރޮޖާސްގެ ތައުރީފް

ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެފައިވާ އެއް ސަބަބަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ފޯވަޑް ޑެނިއެލް ސްޓަރިޖް އަލުން ކުޅެން ނުކުތުން ކަމަށް އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކްރިސްޓަލް ޕެލެސް އަތުން 2-1 އިން މޮޅުވެ، ލިވަޕޫލް ކުއާޓާ ފައިނަލް އިން ޖާގަ ހޯދިއިރު ސްޓަރިޖް ވަނީ ލަނޑު ޖަހައިފަ އެވެ. ޕެލެސްގެ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓުގައި އެ ޓީމުގެ ފްރޭޒާ ކޭމްބަލް ލަނޑެއް ޖަހައި ލީޑު ހޯދި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ ސްޓަރިޖެވެ. އަދި ލިވަޕޫލް މެޗުން މޮޅުވީ 58 ވަނަ މިނިޓުގައި އެޑަމް ލަލާނާ ޖެހި ލަނޑުންނެވެ.

އަނިޔާގެ ސަބަަބުން ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ސްޓަރިޖް އެނބުރި އައިސް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަަތަރު މެޗުން ލިވަޕޫލް ވަނީ މޮޅުވެފަ އެވެ.

ރޮޖާސް ބުނީ ސްޓަރިޖް އެނބުރި އަައުމަކީ އެ ޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ.

"ސްޓަރިޖް ކުޅެން ނިކުތުމުން އަހަރެމެންނަށް ހިތްވަރެއް ލިބުނު. ސްޓަރިޖްގެ ފެންވަރު އެބަ އެނގޭ ވަރަށް ރަނގަޅަށް. ސްޓަރިޖްގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުންތަކެއް ލިބޭ،" ރޮޖާސް ބުންޏެވެ.

ކްރިސްޓަލް ޕެލެސް އަތުން ނޮވެމްބަރު މަހު ބަލިވި ފަހުން ކުޅުނު 22 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.

"އެ މެޗުން ބަލިވިއިރު ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނެތް. އެ ކުޅުންތެރިން ފިޓުވެ، އަލުން ކުޅެން ފެށުމުން ޓީމު ރަނގަޅުވި،" ރޮޖާސް ބުންޏެވެ. -- ބީބީސީ