މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރަށް 22 އުޅަނދެއް ހޯދަން ޗައިނާ ކުންފުންޏަކަށް

Jun 27, 2016
1
  • މަޝްރޫއުގެ އަގަކީ 140 މިލިއަން ރުފިޔާ
  • މުހިންމު 22 އުޅަނދެއް ހޯދާނެ
  • ތިން މަސް ތެރޭގައި އުޅަނދުތައް އަންނާނެ

ވިޔަފާރި ބަނދަރުގެ ހިދުމަތް ރަނގަޅުކުރަން ބޭނުންވާ މުހިންމު 22 އުޅަނދެއް ހޯދަން ޗައިނާގެ "ސަނީ ހެވީ އިންޑަސްޓްރީއާ" މިއަދު ހަވާލުކޮށްފި އެވެ.

ވިޔަފާރި ބަނދަރުތަކުގައި ބޭނުންކުރާ އުޅަނދު އުފެއްދުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު ފަސް ކުންފުނީގެ ތެރޭގައި ހިމެނޭ މި ސަނީ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ 140 މިލިއަން ރުފިޔާ އަށެވެ. އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޖުނައިދު އެވެ. އަދި ސެނީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސެނީ ހެވީ އިންޑަސްޓްރީ އިންޑިޔާ ކުންފުނީގެ ސީއީއޯ ޑީޕަކް ގަރް އެވެ.

ރަސްމިއްޔާތައް ފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި ސީއީއޯ ޖުނައިދު ވިދާޅުވީ ސެނީ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެމްޕީއެލްއިން ސީދާ އެ ކުންފުންޏާ ވާހަކަ ދައްކައިގެން ކަމަށާއި، މީގެ ސަބަބުން ސަރުކާރަށް 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ. އަދި މި އުޅަނދުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އުޅަނދުތައް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އުޅަނދު ފަހަރު ގެނައުމުން ބަނދަރުގެ މަސައްކަތް ހަލުވި ވެގެންދާނެ. ކުރިންވެސް އެކި ފަހަރު މަތިން ބުނެފައިވާ ގޮތަށް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ ހިދުމަތް ވަރަށް ބޮޑުތަން ރަނގަޅު ވެގެން ދާނެ،" ޖުނައިދު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނަން އޮތީ އިތުބާރު ކުރައްވާށޭ. މިހާރު މި ގެންނަ އުޅަނދު ފަހަރުތަކުގެ ސަބަބުން މިހާރު ކުރަމުންދާ ޝަކުވާތަކުގެ 80 ޕަސެންޓް ކެނޑިގެންދާނެއޭ."

އެމްޕީއެލްއަށް އަލަށް ގެންނަ 22 އުޅަނދު:

  • ރިޗް ސްޓިކާ 6 އުޅަނދު
  • ޓްރެއިން ކްރޭން 10
  • ފޯކްލިފްޓް ޓްރަކް 2
  • އެމްޓީ ކޮންޓެއިނާ ހޭންޑްލާ 4

ސީއީއޯ ޖުނަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރިން އޯޑަރު ކޮށްފައިވާ ފަސް ފޯކްލިފްޓް ގެނެސްފައިވާ ކަމަށެވެ. އަދި އަލަށް ގެންނަ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "އެމްޓީ ކޮންޓެއިނާ ހޭންޑްލާ" ހަތަރު އުޅަނދަކީ ބަނދަރަށް މުޅިން އަލަށް ގެންނަ އުޅަނދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީ ކޮންޓެއިނާ އަށް ހައިއަށް ނެގޭނެ. އެއްފަހަރާ 40 ފޫޅުގެ ދެ ކޮންޓެއިނާ. އަޅުގަނޑުމެންނަށް އަބަދުވެސް ޖާގައިގެ ދަތިކަަން. އޮވޭ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރީސްޓިކާއަކީވެސް މުހިންމު އުޅަނދުތަކެއް ކަމަށެވެ.

"މި އުޅަނދުތަކަކީ ބަނދަރަށް ގެންނަ ސާމާނު. މިއީ ޓީ-ޖެޓީގައި ބޭނުންކުރާނެ،" ޖުނައިދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސެނީ ހެވީ އިންޑަސްޓްރީ އިންޑިޔާ ކުންފުނީގެ ސީއީއޯ ޑީޕަކް ގަރް ވިދާޅުވީ އެ ކުންފުންޏަކީ ބަނދަރަށް ބޭނުންވާ ސާމާނު އުފެއްދުމަށް ދުނިޔޭގައި އެންމެ ފާހަގަކުރެވޭ ފަސް ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ކަމަށެވެ.

"ދުނިޔޭގައި ހުރި މި ބާވަތުގެ މަސައްކަތް ކުރާ 500 ކުންފުނީގެ ތެރޭގައިވެސް ހިމެނޭ ސިނޯ ކުންފުނި،" ޑީޕަކް ވިދާޅުވި އެވެ.