މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުތަކަށް 13 ބަސް ގެނެސްފި

Jun 27, 2016

އައްޑޫ އާއި ފުވައްމުލަކުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ރަނގަޅު ކުރަން 13 ބަސް އެމްޕީއެލްއިން ރާއްޖެ ގެނެސްފި އެވެ.

އައްޑޫ / ފުވައްމުލަކުގެ ބަހުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ އެމްޕީއެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އައްޑޫ / ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ރަނގަޅު ކުރަން ގެނެސްފައިވާ 13 ބަހަކީ މުޅިން އާ ބަސް ތަކެއް ކަމަށެވެ.

"ބަސްތައް މާލެ ގެނެސް މިހާރު މިދަނީ ބޭލުމުގެ މަސައްކަތް ކުރަމުން. ދެކުނަށް ބަސްތައް ގެންދިއުމުގެ މަސައްކަތް ދެން ކުރާނީ،" ޖުނައިދު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސީއީއޯ ޖުނައިދު ވިދާޅުވީ މި ބަސްތައް ގެނައުމަށް އަށް ލައްކަ ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މާދަމާގެ ވަގުތެއްގައި ބަސްތައް މާލެ ބަނަދަރަށް ބާލާނެ ކަމަށެވެ.

"އެ އެއްޗިހި އައްޑޫ / ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތަކީ ފަސޭހަމެއް ނޫން. ހާއްސަ އިންތިޒާމެއްގެ ދަށުން ލޭންޑިން ކްރާފްޓް ފަދަ އުޅަނދުތަކުގައި އެކަންވާނީ،" ޖުނައިދު ވިދާޅުވި އެވެ.

އައްޑޫއާއި ފުވައްމުލަކުގައި ފަތުރުފަތުރުގެ ހިދުމަތް ކުރިން ދެމުން އައީ އެމްވީކޭއިންނެވެ. ނަމަވެސް އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ސަރުކާރުން ވަނީ މި ހިދުމަތް ދޭން އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ. މިގޮތުން އެ ކުންފުނިން ދަނީ އައްޑޫ / ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ރަނގަޅު ކުރަމުންނެވެ.