މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ކުރީގެ ވެރިން ވަނީ ވިޔަފާރިވެރިން އަޅުވެތިކޮށްފައި: ސީއީއޯ

Jun 27, 2016
4

މާލެ، ވިޔަފާރި ބަނދަރު ހިންގާ، މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް) ގެ ކުރީގެ ވެރިން، ކުންފުންޏަށް އިހުމާލުވެ، ވިޔަފާރިވެރިން އަޅުވެތިކޮށްފައިވާ ކަމަށް މިހާރުގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ވިޔަފާރި ބަނދަރަށް ބޭނުންވާ 22 އުޅަނދެއް ހޯދުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ ކުރީގެ ވެރިން ކުންފުންޏަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވަނީ ކެރިގެން މަށެވެ.

"ބަނދަރުގެ ހާލަތު މި ވަރަށް ގެންދިޔައީ ސީނިއާ މެނޭޖުމަންޓެއް ނޫން. އަޅުގަނޑު ދަންނަވާނީ އިސްވެރިންނަށް ތިބި ބޭފުޅުން އިހުމާލުންނޭ. އަޅުގަނޑު ޗެއާމަން އަކަށް ދެ އަހަރު ދުވަހު ހުރިން. ވަރަށް ގިނަ ކަންތައްތައް ފެނޭ. ޗެއާމަންއަކީ ދުވަހުގެ އޮޕަރޭޝަންގެ ތެރެއަށް ވަދެ އުޅެވޭ މީހެއް ނޫން. ފުރަތަމަ ސީއީއޯއަކަށް އައީ އެފަހަރު ވީ 37 ދުވަސް. އެ 37 ދުވަހާ މިއަދު މިވީ މުއްދަތުގެ ތެރޭގައި ހުރި ލިޔެކިޔުންތަކަށް ބެލީމަ އެނގޭ އިހުމާލުވެފައި ހުރިކަން،" ޖުނައިދު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުނައިދު ވިދާޅުވީ އަބަދުވެސް އަޑުއިވެނީ ވިޔަފާރި ބަނދަރު ރަނގަޅުވާނީ ތިލަފުއްޓަށް ބަދަލުކުރުމުން ކަމަށެވެ.

"އެންމެ އަވަހަށް ވެސް ޕޯޓު ތިލަފުއްޓަށް ބަދަލު ކުރިއަސް މަސައްކަތް ފެށޭނީ ދެ އަހަރު ފަހުން. އަޅުގަނޑު ހިތަށް އަރަނީ އެ ހުރިހާ ދުވަހު ތިބެންވީތޯ؟ ހިތާމައާއެކު ފާހަގަކުރަން! އިހުމާލުވެފައި އޮތީ. އަޅުގަނޑު މިހެން ބުނީމަ ހަޖޫ ޖަހާފާނެ. އެކަމަކު މިއީ ހަގީގަތް،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ ހިދުމަތް ހޯދާ މީހުން އަޅުވެތިކުރަން ބޭނުންނުވާ ކަމަށާއި އެކަން ދުއްވާލާނެ ކަމަށެވެ.

"ހަމަ ހިނިތުންވުމާއެކު ހިދުމަތްތައް ލިބޭނީ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގައި ވިޔަފާރި ބަނދަރަށް އަންނަ ކާގޯ އުޅަނދެއް ހުސްކުރުމަށް 5 ނޫނީ 6 ދުވަސް ނަގާ ކަމަށެވެ.

"ފަސް ދުވަސް ހަ ދުވަހުގެ ތެރޭގައި އިތުރު ބޯޓެއް އައިސްފިނަމަ ކިޔޫ ޖެހެނީ. މިގޮތަށް ފަސް ބޯޓު އައިސްފިނަމަ ފަހަތުގައި އޮންނަ ބޯޓުގެ މުދާ އުކާލަން ޖެހޭނީ. އެ އެއްޗިއްސަކީ ފިނިކުރި އެއްޗިއްސެއް ނޫން. މި ދިޔަ ރޯދަ މަހު މުދާ ނުބޭލިގެން ޝަކުވާ ހުރި. ނަމަވެސް މިއަދު ހަމަ އެ މުވައްޒަފުން ގޮވައިގެން މި މަސައްކަތް ކުރަނީ. މުދާ ބާލާ އުޅަނދު ފަހަރުގެ ހުރީ ހާލަތުގައި،" ޖުނައިދު ވިދާޅުވި އެވެ.

"އެމްޕީއެލްއާ އަޅުގަނޑު ހަވާލުވިއިރު އެމްޕީއެލްއިން މުދާ ނުބޭލިގެން މުޒާހަރާ ކުރާ ހިސާބަށް ގޮސްފައި ވަނީ. މިހާރު އެހެންތޯ؟ އެހެންވީމަ އިހުމާލޭ މި ދަންނަވަނީ ހިންގާނެ ވައްޓަފާޅި ނެތީއްއޭ! އަޅުގަނޑު މިތާނގަ ޗެއާމަންއަކަށް ހުރިއިރު ވަރަށް މަސައްކަތް ކުރިން ރަނގަޅު ކުރަން."