- އެންމެ ބޮޑު ތުހުމަތު އެމްޑީޕީއަށް
- އިންޑިއާގެ ރޯ އާއި ޖީއެމްއާރް ހިމެނޭ
- ޖޯޝުއާ ޕްރޮޖެކްޓަށް ތުހުމަތު ކުރެވޭ
ޑރ. އަފްރާޝީމްގެ ގާތިލު، ހުސައިން ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު ކުރީގެ ފުލުސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ: "މައްސަލައިގެ ޝަރީއަތް ނިމުމުން އެ މައްސަލައިގެ މައުލޫމާތު ހާމަ ކުރާ ވަގުތު ޖެހިއްޖެ" އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅުއްވާ ހ. ފުންވިލަށް ވަދެވަޑައިގެންވުމުން އެ ރޭ 11:30 އާއި ދަންވަރު 1:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. އަފްރާޝީމަކީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ވަރުގަދަ އިލްމީ ސިކުނޑިއެވެ. އޭނާ އަވަހާރަކޮށްލުމުން އެ ގަތުލުގެ ސިއްރު ހޯދަން ކުރި، އަދި މިހާރު ވެސް ކުރަމުންދާ ތަހުގީގަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވި އަދި އެންމެ ފުޅާކޮށް ހިންގި ތަހުގީގެވެ. އެމެރިކާގެ އެފްބީއައިވެސް ހިމެނޭ ގޮތަށެވެ. މި ތަހުގީގުގައި އަފްރާޝީމްގެ ގާތިލު ހޯދި، އޭނާގެ މައްޗަށް ކުރި މަރުގު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިދީ ބައި ގަރުނު ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒް ވެދާނެ ކަމުގެ އަލާމާތް ފެންނަން ފަށާފައިވާއިރު އަފްރާޝީމްގެ ގަތުލުގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައް ވަނީ ފުނިޖެހިފަ އެވެ. ނޫނީ ގަސްދުގައި ވަނީ ފުނި ޖައްސާފަ އެވެ. އެހެން ކަމުން ރިޔާޒް ވިދާޅުވާ ގޮތަށް މިހާރު އެ ވާހަކަ ދައްކާލުމުގެ ވަގުތު ވެސް ޖެހިއްޖެވެ. އެ ގަތުލުގެ ސިއްރާ ގުޅޭ ތުހުމަތުގެ ބުރު އަނބުރާލަމާ ހެއްޔެވެ؟
އިސްލަމައިޒޭޝަން އޮފް ނޮލެޖް
އަފްރާޝީމްގެ ގެންގުޅުއްވި އިސްލާމީ މެދުނުގެ ސިޔާސަތުގެ މަންޖަހަކީ "އިސްލަމައިޒޭޝަން އޮފް ނޮލެޖް" އެވެ. މި މަންހަޖަކީ އިސްލާމް ދީނަކީ ދިރުންހުރި ދީނެއްކަން ސާބިތުކޮށްދޭ އަދި ބުއްދި އާއި ފިކުރުން އިސްލާމް ދީނަށް ދިރުން ގެނެސްދޭ އިލްމީ މަންހަޖެކެވެ. އެ މަންހަޖުގެ ސަބަބުން ހުޅަނގުގެ ދުނިޔޭގެ ގައުމުތަކުގައި އިސްލާމް ދީން ދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުން ވަރުގަދަވަމުންނެވެ. ކްރިސްޓިއަނުން އެންމެ ރުޅިއަރާ އިސްލާމީ އިލްމުވެރިންގެ ތެރޭގައި މި މަންހަޖުގެ އިލްމުވެރިން ހިމެނެ އެވެ. މި މަންހަޖުގެ ވަރަށް ބޮޑެތި ދީނީ އިލްމުވެރިން ދުނިޔޭގައި ތިއްބެވި އިރު ވަރަށް ހައިރާން ކުރުވަނިވި ރަހުމް ކުޑަ ގޮތަކަށް އޭގެ ބައެއް އިލްމުވެރިން އަވަހާރަކޮށްލާފައި ވެއެވެ. އަފްރާޝީމަކީ އެ ހިލިހިލާ އެއް ބޮޅެވެ. މި މަންހަޖުގެ އެއް ބާނީ ކަމަށްވާ ފާރޫގު އަވަހާރަކޮށްލީ ވެސް ރޯމާ ދުވާލު އޭނާގެ ގޭތެރޭގައި މަޔަށް އުންޑަ ޖަހައިގެނެވެ.
ގިނަ އިލްމުވެރިން އަވަހާރަކޮށްލާފައި ވަނީ ކްރިސްޓިއަން މިޝަނަރީތައް އަޑީގައި ތިބެ ރޭވުންތެރި ކަމާއެކު އެވެ. އެފަދަ ގިނަ ބޭފުޅުން އަވަހާރަކޮށްލުމަށްފަހު ތުހުމުތުވާ ފަރާތްތަކުން ނައްޓުވައި އެ ކަންކަން އަޅުވަނީ އެހެން ބައެއްގެ ބޮލުގަ އެވެ. ތަފާތު ވާހަކަ ނެރެގެނެވެ. އަފްރާޝީމްގެ ގަތުލުގެ ހާދިސާ ވެސް ރާއްޖޭގެ ތާރީހުގެ ފޮތުގައި ލިޔެވެމުން މިދަނީ މުޅިން އެގޮތަކަށެވެ. އިސްލަމައިޒޭޝަން އޮފް ނޮލެޖްގެ އިލްމުވެރިންގެ މަރައި ހުސް ކުރުމަކީ ކްރިސްޓިއަން މިނިޝަރީތަކުގެ ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން ހިނގަ ހިނގާއޮތް ކަމެކެވެ. ސަބަބަކީ އެ މަންހަޖުގެ ސަބަބުން އިސްލާމް ދީނުގެ ބަދަހިކަން ދުނިޔޭގައި ފެތުރި ބޮޑުވަމުންދާ ދިއުމެވެ.
އަސާސެއް ނެތް ތުހުމަތައް
އަފްރާޝީމްގެ ކޭސްގް ތަހުގީގު ލީޑް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ފުލުސް ކޮމިޝަނާ އަބްދުﷲ ރިޔާޒެވެ. އަފްރާޝީމްގެ ގަތުލުގެ ތުހުމަތުތައް ރޮއްޓެއްހެން ފުށުން ޖަހާ މީހުނަށް އެ ތުހުމަތު ރައީސް ޔާމީނާ ދިމާއަށް ގެންދަން ފުރުސަތު ލިބުނު އެއް ސަބަބަކީ "ވަގުތު ޖެހުމުން އަފްރާޝީމުގެ މަރާ ގުޅޭ މުހިންމު ހަގީގަތްތައް ހާމަ ކުރައްވާނެ" ކަމަށް ރިޔާޒް ވިދާޅުވުމާއި އެ ވާހަކަ ވިދާޅުވި ރާގާއި ހާލަތާއި އޭރު ސިޔާސީ ގޮތުން ރިޔާޒަށް ހުންނެވުނު ކޭމްޕާއި ވިދާޅުވި ވަގުތެވެ.
މިހާރު ވިދާޅުވަނީ ކީކޭތޯ އެވެ؟ މިހާރު ވިދާޅުވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި "ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަތް ކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނެތް،" މިހެނެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ފުުލުހުންގެ ވަޒީފާއިން އޭނާ ވަކިވެ ވަޑައިގެންނެވި އިރު ތަހުގީގުގައި ބަލަމުން ދިޔައީ ގަތުލުގެ ކޮންޓްރެކްޓަށް ފަންޑު ކުރި ކަމަށް ތުހުމަތުވާ ބައެއްގެ މައްސަލަ އެވެ. އެހެން ކަމުން ރިޔާޒު ދެއްކެވި ވާހަކަ ރައީސް ޔާމީނާ ދިމާއަށް ގެންދިޔަ ގެންދިއުމަށް ނިމުން އާދެ އެވެ.
އަފްރާޝީމްގެ ގަތުލުގެ ތުހުމަތުތައް ފުރަތަމަ ވެސް ކުރެވެމުން ދިޔަ ފަރާތްތައް އެކަމުން ނެއްޓި އާ ވާހަކައެއް ދައްކާ އެ ތުހުމަތުތައް ރައީސް ޔާމީނާ ދިމާއަށް ގެންދަން ދެން ފުރުސަތެއް ލިބުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޕީޕީއެމްގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއި އަފްރާޝީމްގެ ގަތުލާ ގުޅުވައި ދެއްކެވި ވާހަކަފުޅާއެކު އެ ވާހަކަ މީޑިއާގައި "މިސް ކޯޓް" ވެގެންދިއުމުގެ ސަަބަބުންނެވެ.
އަސްލަށް ބަލާއިރު އުމަރު ވިދާޅުވެފައި އޮންނަނީ އަފްރާޝީމްގެ ގަތުުލުގައި ޔާމީން ބައިވެރިވެވަޑައިގަންނަވައޭއެއް ނޫނެވެ. އެކަމަކު ވިދާޅުވި އެއްޗެއް މީޑިއާގައި އައީ ވަރަށް ބޮޑަށް ފުރޮޅިގެނެވެ.
ރައީސް ޔާމީނާއި އުމަރު ވާދަ ކުރެއްވީ މިހާތަނަށް ރާއްޖޭގައި ފެނުނު އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީގަ އެވެ. ރިޔާސީ ޕްރައިމަރީ ޑިބޭޓްތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުނި ސިފަ، އާއި ނާގާބިލްކަން ދެއްކުމަކީ ކުރާ ކަމެކެވެ. އެމެރިކާއިން އެ ފެންނަނީ އެ މަންޒަރެވެ. މިދިއަ ޕްރައިމަރީގައި އިދިކޮޅު ކެންޑިޑޭޓުންނަށް ނިސބަތްކޮށް ޑޮނާލްޑް ޓްރަމްޕް އަވަގުރާނަ ނުގޮވާ ޑިބޭޓެއް ވަރަށް މަދެވެ. އެއްވެސް އަސްލެއް ނެތް ކްރިމިނަލް ތުހުމަތުތައް ވެސް ކުރެއްވި އެވެ.
މިއީ ޕްރައިމަރީތަކުގައި އާންމުނަށް "ކްރޮސް އެގްޒަމިނޭޝަން" ދެއްކުމުގެ ގޮތުން ކުރާ ކަމެކެވެ. އްފަރާޝީމްގެ ގަތުލަށް ތުހުމަތުވާ މީހަކު ޕީޕީއެމްގެ އޮފީހުގައި އިނުމަކީ އަދި ރައީސް ޔާމީން އެ އޮފީހުގައި އިންނަވަނިކޮށް ގޮސް ވަނުމަކީ ރައީސް ޔާމީންގެ އުނި ސިފަ އެއް ދެއްކުމުގެ ގޮތުން އަނެއް ކެންޑިޑޭޓަށް ދެއްކިދާނެ ވާހަކައެކެވެ. އެއީ ކޮންމެހެން އެ ގަތުލުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތޭ ވިދާޅުވުމެއް ނޫނެވެ.
އޭގެ އަނެއްކޮޅަށް ކުޑަކުދިންނާ ބެހޭ މީހަކު އުމަރު ނަސީރާ ބައްދަލު ކުރަން ގޮސް ޕީޕީއެމްގެ އޮފީހުގެ އުމަރުގެ ވިންގުގައި އިންދާ ފެނުމަކީ ރައީސް ޔާމީނުގެ ކޮޅުން ވެސް އެވާހަކަ ވެސް ދައްކާފާނެ ކަމެވެ. ދެހާސް އަށްވަނަ އަހަރުގެ އިންތިހާބުގެ ކެމްޕޭންގައި ރައީސް މައުމޫނު އެންމެ ފަހު ވަގުތު ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ ވެސް މިފަދަ ހަމާލާއެއް ދެއްވި އެވެ. ފަހުން ވިދާޅުވީ އެ ފަހު ވަގުތު ސިޔާސީ ގޮތުން ދެއްވި ހަމަލާއެކޭ އެވެ.
ހަގީގަތުގައި އެ ބުނާ މީހަކާ ޔާމީން ބައްދަލު ކުރައްވާފައެއް ނުވެއެވެ. އެކަން މީގެ ކުރިން އުމަރު ނަސީރު ވަނީ ދެ ފަހަރެއްގެ މަތިން ޔަގީން ކޮށްދެއްވާފަ އެވެ. އެކަމަކު އެ ބުނާ މީހަކު ޕީޕީއެމް އޮފީހުގެ ތެރެއަށް ވަނެވެ. އޭނާ އެތަނަށް ވަނުމަކީ އަފްރާޝީމްގެ ގަތުލާ ގުޅުން އޮތް ކަމަށް ބުނެވޭނެ ސަބަބަކަށް ނުވާނެ އެވެ.
މި މައްސަލާގައި ދެން ހައްޔަރުވި މީހުނާއި ތުހުމަތުވި މީހުންނާ އެމްޑީޕީގެ އިސްވެރިންނާ އޮތް ގުޅުން އެއީ މާ "ލޯތްބަކަށް" ވާއިރު އެއީ އަފްރާޝީމްގެ ގަތުލާ އޮތް ގުޅުމަކަށް ނުވެ އުމަރު ނަސީރު ޕްރައިމަރީއެއްގައި ބަހުގެ ހަމަލާއެއް ދިނުމުގެ ގޮތުން ވިދާޅުވި އެއްޗެއް މީޑިއާގައި މިސް ލީޑްކުރުމުން އެ ގަތުލާ ޔާމީނާ ގުޅުވާނެ ހެއްކަކީ ކޮބައި ހެއްޔެވެ؟
އަފްރާޝީމްގެ ގަތުލުގެ އިންވެސްޓިގޭޝަންގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހަކު (ނަން ސިއްރުކޮށްފައި) ވިދާޅުވި ގޮތުގައި މިހާތަނަށް ހޯދުނު އެއްވެސް ހޯދުމަކުން އަފްރާޝީމްގެ ގަތުލާއި ރައީސް ޔާމީނާ އެއްވެސް ވަރެއްގެ ލިންކެއްވެސް ގުޅުމެއް އޮތް ކަމަކަށް ވެސް އެސްޓަބްލިޝް ކުރެވިފައެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި ތަހުގީގުގެ އެއްވެސް ދިމާއަކުން ޔާމީނާ ގުޅުވޭނެ އެއްވެސް އެވިޑެންސެއް ފެނިފައެއް ނެތެވެ.
"[ކޮމިޝަނާ] ރިޔާޒު ފަހުން ވެސް ދެންވެސް ދައްކާނެ ވާހަކައެއް ނޯންނެ، އަދި [ކޮމިޝަނާ] ހުސައިން ވަހީދަށް ވެސް ނުބުނެވޭނެ އަދި އެފްބީއައިއަކަށް ވެސް ނުބުނެވޭނެ. ސަބަބަކީ މި ގަތުލުގެ މޯޓިވް ދަތުރުކޮށްފައިވާ ދިމާއިން ގޮސް ވަކި ހިސާބެއްގައި ހުއްޓުނީ. އެއިން އެއްވެސް ދިމާއެއްގައި ރައީސް ޔާމީނެއް ނެތް. ގުޅޭ ލިންކެއް ވެސް ނެތް. މި ގަތުލުކުރި ދިމާ އިނގޭ، އެ ދިމާއަށް ދަތުރު ކުރީ ވެސް އެކަމަކު ނުދެވި ހުއްޓުނީ ހެކި ނެތީމަ،" އިންޓެލިޖެންސް އޮފިސަރު ވިދާޅުވި އެވެ. "މި މާޑާ [ގަތުލު] ގައި ޔާމީން ބައިވެރިވެ ވަޑައިގެންނެވި ކަމުގެ އެއްވެސް ހެއްކެތް ނެތް. އަދި ބައިވެރިވެ ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް، މީހަކު މަރާލަންޏާ މަރާލަންޖެހޭ ސަބަބެއް އޮންނަން ޖެހޭ، އެ ސަބަބު ޔާމީނާ އަޅުވާނެ އެއްވެސް ގޮތެއް ކްރިއޭޓްވެފައެއް ވެސް ނެތް،"
ރައީސް ޔާމީނާ ގޭންގްތަކާ ގުޅުވާ ކުރާ ތުހުމަތަކެއް އޮވެ އެވެ. އެއާއެކު އުމަރުގެ ސިޔާސީ ހަމަލާ ޓްވިސްޓްވުމުގެ ސަބަބުން ގަތުލުގެ ތުހުމަތުތައް ޔާމީނާ ދިމާއަށް ގެންދަން ފުރުސަތެއް ލިބުނެވެ. އެހެން ސަބަބެއް ވެސް އޮތެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ފުޓްސަލް ދަނޑެއް ހުޅުވައި ދެއްވުމަށް ވަޑައިގެންނެވި އިރު އަފްރާޝީމްގެ ގަތުލަށް ތުހުމަތުވި އަޒްލިފާއި ސަޓޯ ހުއްޓެވެ. އެ މެޗްގައި އަދީބު ކުޅުއްވި ޓީމްގެ ކޯޗަކަށް ހުރީ އަޒްލިފް ރައޫފެވެ. އެދުވަހު އެތާނގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގޭންގްތަކުގެ ހަޓްތައް ރޫޅައިލުމާ ދެކޮޅުކަން ދޭހަވާ ގޮތަށް ބަސްފުޅެއް ވިދާޅުވި އެވެ.
ކަން ދިމާ ކުރި ގޮތުން ސަޓޯގެ ކޭސް ނިމި އޭނާ މައްޗަށް ހެކި ނެތިގެން ދޫވީ ރައީސް ކަމަށް ރައީސް ޔާމީން ވަަޑައިގެންނެވި ފަހުންނެވެ. އޭރު ހުންނެވީ ޕީޖީ މުތާޒު އެ މައްސަލަ އެޕީލް ކުރައްވާފައެއް ނުވެއެވެ. މި ހުރިހާ ކަމެއް މަސްހުނިވެ ސިޔާސީ ގޮތުން ބައިބައިވެފައިވާ ރާއްޖޭގައި ރައީސް ޔާމީނާ ދެކޮޅު ސިޔާސީ ފަރާތްތަކުން އެ ފުރުސަތުގެ ބޭނުން މިހާތަނަށް ވަނީ ހިފާފަ އެވެ. އަސްލު ތުހުމަތު އެއްފަރާތްވެ ޔާމީނާ ދިމާއަށް ވަނީ ނަޒަރު ހުއްޓިފައެވެ.
ގަތުލުގެ މެންސް ރެއާ އަކީ ޔާމީންތަ؟
މާޑާ ކޭހެއްގެ އިންވެސްޓިގޭޝަނެއް ކުރާއިރު ވަރަށް ބޭސިކް ދެ ކަމެއް ފުރިހަމަވާންޖެހެ އެވެ. މި ދެ އަސާސް ވެސް ބިނާވަނީ އެއްވެސް މީހަކު އެހެން މީހަކު މަރާލާ ކަމަށް ވަންޏާ އެކަމަށް ކޮންމެވެސް ސަބަބެއް އޮންނަން ޖެހޭނެތީ އެވެ. އަދި އެ ސަބަބު ދެނެ ގަތުމުގެ މައްޗަށެވެ.
އަފްރާޝީމްގެ ގަތުލުގެ އިންވެސްޓިގޭޝަންގައި ކުރަންޖެހޭ ފުރަތަމަ ކަމަކީ އެ މައްސަލައިގެ "އެކްޓަސް ރިއެސް" ބިނާ ކުރުމެވެ. އެއީ ކަން ކުރި މީހާ އާއި އޭނާގެ އަމަލް އެސްޓަބްލިޝް ކުރުމެވެ. ދެވަނަ ކަމަކީ މި މައްސަލައިގެ "މެންސް ރިއާ" ދެނެ ގަތުމެވެ. މިއީ އަމަލު ހިނގި އިރުގައި ސިކުނޑީގައި އޮތީ ކޮން ކަމެއްތޯ ނިޔަތަކީ ކޮބައިތޯ ބެލުމެވެ. ނޫނީ އެންމެވެސް ދަންނަ "މޯޓިވް" އަކީ ކޮބައިތޯ ބެލުމެވެ. މީހަކު މަރާލާ ކަމަށް ވަންޏާ އެކަމުގައި މޯޓިވޭޝަނެއް އޮންނާނެ އެވެ. އެހެން ކަމުން ކޭސް ފެންމަތި ވުމާއެކު ތަހުގީގު ޓީމް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކްޓަސް ރިއެސް އާއި މެންސް ރިއާ އެސްޓަބްލިޝް ކުރުމެވެ. މިއީ ތަހުގީގެއްގެ އެންމެ އަސާސީ ދެ ނުކުތާ އެވެ. މުޅި ތަހުގީގު ކަފިލައިގެން ދާނީ މި ދެ ގޮފިގަނޑުގެ މައްޗަށެވެ.
އަފްރާޝީމްގެ ގަތުލުގެ ކޭހަށް ބަލައިލަމާ ހެއްޔެވެ؟ މި މައްސަލާގައި އެކްޓަސް ރިއެސް ފެންނާން އެބަތެވެ. އަފްރާޝީމްގެ ގަތުލުގައި އެމީހާގެ އަމަލަކީ ކޮބައިކަން ފުރަތަމަ ވެސް ވަނީ އެސްޓަބްލިޝް ވެފައެވެ. ސަބަބަކީ ހުސައިން ހުމާމް ވަނީ އޭނާގެ ކަތިވަޅިން ޖަހައި އަފްރާޝީމް އަވަހާރަކޮށްލާފަ އެވެ. ދެން ބަލަން ޖެހެނީ އެ އަމަލު ހިންގުމުގައި ހުމާމްގެ އިންޓްރެސްޓަކީ ކޮބައިތޯ އެވެ؟
ހުމާމަކީ އެކި ފަހަރު އެކި ކުށަށް އަރައިގަންނަ ޒުވާނެކެވެ. އަފްރާޝީމަކީ ހުމާމާ އެއް ކްލާހެއްގައި ގުނޭ ވަރަށްވުރެ ހައި ޕްރޮފައިލް ބޭފުޅެކެވެ. އެހެން ބަލާއިރު އަފްރާޝީމް އަަހަވަހާރަ ކޮށްލުމުގެ މޯޓިވްއެއް ހުމާމްގެ އޮންނާޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު އޭނާއަކީ އަމަލު ހިންގި އެކްޓަސް ރިއަސް އަށް ވެވިދާނެ އެވެ. އޭނާއަކީ ކުށަށް އަރައި ގަންނަ އަދި ވަޅިން މީހުންނަށް ހަމަލާ ދިނުމުގެ ރިކޯޑް އޮތް މީހަކަށްވާތީ އެ ޝަރުތު ފުރިހަމަ ވެއެވެ.
ދެން ބަލަން ޖެހެނީ މޯޓިވް، ނޫނީ ފަހަތުގައި ތިބި ބައެކެވެ. މިހާރު ކިޔާ ގޮތަށް ދެވަނަ މީހާ އާއި ފުރަތަމަ މީހާ އަށެވެ. ބައެއް މީހުން ހާއްސަކޮށް ރައީސް ޔާމީނާ ސިޔާސީ ގޮތުން ދެކޮޅު ފަރާތްތަކުން މި ބޮޑު ގަތުލުގެ މޯޓިވް އެމަނިކުފާނާ ދިމާއަށް ގެންދާ ހިސާބަކީ ވެސް މިއީ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާ "ކިލާ" އާ ކޮންޓްރެކްޓެއް ހަދަން ރައީސް ޔާމީންގެ މޯޓިވްއަކީ ކޮބައި ހެއްޔެވެ؟ މިކަން އެޝްޓަބްލިޝް ވާންޖެހެ އެވެ. -- "ބެޔޯން ރީޒަނަބްލް ޑައުޓް" -- ނޫނީ ކުޑަ މިންވަރެއްގެ ލިންކެން ވެސް ރައީސް ޔާމީންގެ މައްޗަށް ފެންނާން ވާނެ އެވެ.
ރައީސް ޔާމީންގެ މޯޓިވްއެއް ނޯންނާނެ އެއް ސަބަބަކީ އަފްރާޝީމާއި ޔާމީނާއި ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން އެއް ކެމްޕެއްގައި ގުނޭ އެކަމަކު ސޔާސީ ގޮތުން ތަފާތު އުންމީދުތަކެއް ގެންގުޅުއްވި ދޭބެފުޅުންނަށްވާ ކަމެވެ. އަނެއް ކަމަކީ އަފްރާޝީމްގެ ދިނީ މަންހަޖު، "އިސްލަމައިޒޭޝަން އޮފް ނޮލެޖް" އަކީ ރައީސް ޔާމީން ދެކޮޅު ހައްދަވާ ކަމަކަށް ނުވުމެވެ.
ދެން އޮތީ 2013 ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޔާމީން ކުރިންސުރެ އިއުލާން ކުރައްވާފައި އޮތް އޮތުމާއި އެ ޓިކެޓް އަފްރާޝީމަށް އަރުވަން ރައީސް މައުމޫން ނިންމާފައި އޮތް ކަމަށް ބުނާ ބުނުމެކެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރައްވަން އަފްރާޝީމް ތައްޔާރުވެ ވަޑައިގެންނެވި ކަމަށް ބުނާ ބުނުމެކެވެ. އެއީ ކާކު ދެނެހުރި ކަމެއް ހެެއްޔެވެ؟ އެއްވެސް ހެއްކެތް އޮތް ކަމެއް ނޫނެވެ.
"އެއްވެސް އިރެއްގައި ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް އަފްރާޝީމް މަސައްކަތް ކުރައްވާފައެއް ނެތް. އަދި ޝައުގުވެރިކަން ފާޅު ކުރައްވާފއިވެސް ނެތް. އަދި އެފަދަ އިޝާރާތެއް ވެސް ކުރައްވާފައި ނުވާއިރު އެފަދަ ގޮތެއް ދޭހަވާ ގޮތަށް ބަސްފުޅެއް ވެސް ވިދާޅުވެފައެއް ނުވޭ. ރައީސް މައުމޫން ވެސް އެފަދަ ކަމަކަށް މަސައްކަތް ކުރައްވާފައެއް ނުވޭ އެހެން ކަމުން އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން،" ރައީސް މައުމޫނާއި އަދި ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް މިއަދާ ހަމައަށް ވެސް އޮތް ސިޔާސީ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އުފެދުމުގެކުރިން ޑީއާރްޕީގައި ބޭއްވި ކޮންގްރެސްގައި ރައީސް ޔާމީންގެ ބެކިން އޮތް އުމަރުގެ "ޒެޑް" ފެކްޝަނުން އެންމެ ބޮޑަށް ޑީއާރްޕީގެ ނައިބު ލީޑަރަކަށް ނެރެން މަސައްކަތް ކުރެއްވި ބޭފުޅަކީ އަފްރާޝީމެވެ. ނަމަވެސް އެ ހުށަހެޅުން އެކޮޅަށް މިކޮޅަށް ދެކޮޅަށް ދައްމަވާފައި ތިން ދުވަސް ފަހުން ވިދާޅުވެފައި ވަނީ "އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ބަހައްޓައި ދެއްވާށޭ" އެވެ.
މާނައަކީ އެއްވެސް އިރެއްގަ ރިޔާސީ ރޭހަކަށް ވަޑައިގަތުމަށް އަފްރާޝިމް ބޫޓް އޮފް ކުރައްވާފައެއް ނުވެ އެވެ. އަދި އަފްރާޝީމްގެ ގަތުލުގައި ޔާމީންގެ މޯޓިވް އެއް އޮންނަން ޖެހޭ ސިޔާސީ ސަބަބެއް ވެސް ނެތެވެ. އިލްމީ ސަބަބެއް ވެސް ނެތެވެ. ވާދަވެރި ކަމެއް ވެސް ނެތެވެ. އެއާހިލާފަށް އަފްރާޝީމް ކުރިޔަށް ގެންދަވަން ޔާމީން ބާރު އެޅުއްވިކަން އެނގެ އެވެ.
"ނައިބު ލީޑަރު ކަމަށް ކުރިމަތިލާން އަފްރާޝީމަށް ދެންނެވީ، އަޅުގަނޑު. އަޅުގަނޑުމެންގެ ފަޅިން. ދުރުގައި ހުންނެވިޔަސް ޔާމީން ހުންނެވީ އަޅުގަނޑުމެނާއެކު. އަނެއް ފަޅިއަކީ ތަސްމީނުގެ ފަޅިން، އެ ފަޅިން އަލީ ވަހީދު، އެ ޓެސްޓް ވެސް އޮތީ ހެދިފައި އެހެންވީމާ އަފްރާޝީމް އެއްވެސް އިރެއްގައި އެފަދަ ޝައުގުވެރި ކަމެއް ވެސް ނުގެންގުޅުއްވާކަން އެނގޭ،" ކުރީގެ ޑީއާރްޕީގެ ލީޑަޝިޕްގައި ވެސް ހިމެނި ވަޑައިގެންނެވި އެ ބޭފުޅާ ވިދޅުވި އެވެ. "އަނެއްކޮޅުން އަފްރާޝީމަކީ ޔާމީންގެ ވަރަށް ގާތް ބޭފުޅެއް އެހެންވީމާ ޔާމީން ބެއްލެވި އޭނާ ސިޔާސީ ގޮތުން ކުރިޔަށް ގެންދަން ވެސް، އަފްރާޝީމް ސިޔާސީ ގޮތުން ވާދަ ކުރަން އުޅުއްވި ކަމަށް ބުނާ ވާހަކައަކީ ސީދާ ހަދާފައިވާ ވާހަކައެއް. އަދި އެފަދަ ކަމަކަށް ރައީސް މައުމޫން ބޭނުންފުޅުވެ ވަޑައިގެންނެވި ނަމަ ސިޔާސީ ގޮތުން މައުމޫނު ކުޅުއްވާނެ ކުޅިތައް އެދުވަސްވަރު ވެސް ފާޅުވީސް، ފަހުން ވެސް އެކަން ފާޅުވީސް،"
ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ޕޮލިޓިކަލް ލައިނުން ބަލައިގެން ވެސް ގޮތުގައި އަފްރާޝީމްގެ ގަތުލުގައި ރައީސް ޔާމީންގެ މޯޓިވް ނުވަތަ "މެންސް ރިއާ" އޮތް ކަމަށް ބަލާނެ އެއްވެސް ޖާގައެއް ނެތެވެ. އެ ތުހުމަތުތައް ޔާމީނާ ދިމާއަށް ގެންދަނީ އެމްޑީޕީން ރާވައިގެނެވެ.
"ހަމަ އެއްވެސް ވަރަކަށް [ތަހުގީގު ޓީމްގެ] އެއްވެސް މީހަކަށް އަދި އެފްބީއައިގެ ޓީމަށް ވެސް ނުބުނެބޭނެ، ޔާމީނާމެދު ވިސްނާލެވޭވަރުގެ ލިންކެއް ވެސް އެސްޓަބްލިޝް ކުރެވުނެކޭ، އަދި އެކަން ސާފުވޭ ދެއްތޯ ހުމާމްގެ މައްޗަށް ސުޕްރީމް ކޯޓްން އައި ނިންމުމަށްފަހު ރިޔާޒު ދެއްކެވި ވާހަކައިން ވެސް،"
ޔާމީން ކީއްވެ؟
ހަގީގަތުގައި މި ގަތުލާ ގުޅިގެން ތުހުމަތަށް ހައްޔަރުވި މީހުންގެ ގިނަ ބަޔަކު ލައްވާލަނީ އެމްޑީޕީއަށެވެ. ހުމާމަށާ ސަޓޯ ފައިސާ ދިން ކަމަށް ބުނާ އަޒްލިފަށް ފައިސާ ދިން ކަމަށް ބުނާ ޖާ އާއި އަޒްލިފް ރައުފޫ ގުޅުންތަކެއް އޮތް އަދި މި މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރުމުން މާލެ އާއި ހުޅުލެއާ ދެމެދު ކަނޑަށް ފޯނު އެއްލައިލި އަންހެ ކުއްޖާ އާއި ދެންވެސް ތުހުމަތުވި މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ވަރުގަދަ އެކްޓިވިސްޓުންގެ ގޮތުގައ ފެނިފައިވާ މީހުންނެވެ. ހަތަރު މިލިއަން ދޭނެ ކަމަށް ބުނި ކަމަށް ބުނެފައިވާ މީހާއަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓެކެވެ.
އެހެން ކަމުން އެންމެ ފުރަތަމަ ވެސް އަފްރާޝީމްގެ ގަތުލުގެ ދަތުރު ކުރީ އެމްޑީޕީއާ ދިމާއަށެވެ. ސިޔާސީ އެއްވެސް ޕާޓީއަކާ ދިމާއަށް މި ގަތުލު ގެ "މެންސް ރެއާ" ދަތުރު ކުރަންޏާ ދާނީ އެމްޑީޕީއަށެވެ.
އަފްރާޝީމްގެ ގަތުލާއެކު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ އެއީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބަޔަކު އަފްރާޝީމަށް ދިން ހަމަލާއެއްގެ ގޮތުގައި ދައްކާށެވެ. އެއަށް ބާރުދީ ބައެއް ބޭފުޅުން އަފްރާޝީމްގެ ޖަނާޒާގައި ބައިވެރި ނުވާކަން ފާހަގަކޮށް ޓްވީޓްތައް ވެސް ކޮށްފައި ވެއެވެ. އަދި ދީނީ ބައެއް ކޭމްތަކުގެ ބޮލުގައި އެ ގަތުލު އަޅުވާން ކުރި މަސައްކަތް ހުއްޓުނީ ދީނީ އެއްވެސް ކަމެއް ނެތް ކަމާއި މިއީ ސިޔާސީ ކަމެއް ކަމަށް ފުލުހުން ޑިކްލިއާ ކޮށް ދިނުމާއެކު އެވެ.
އަފްރާޝީމްގެ ގަތުލުގެ ފަހަތުގައިވާ ކަމަށް އެން ބޮޑު ތުހުމަތު އޮތީ އެމްޑީޕީއަށް ނޫނީ އެމްޑީޕީގެ ތެރެއިން އަންނަ ހާޑް އެލެމެންޓަކަށެވެ. އެއިން ނެއްޓެން އެމްޑީޕީން މަސައްކަތްކޮށް އެ ދެމެދު އެހެން ޓާގެޓެއް ގެނެވޭތޯ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން އޮއްވާ އުމަރު ވިދާޅުވި ވާހަކަ އާއި ރައީސް ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވި ވާހަކަ އާއި ރައީސް ޔާމީނާ، ގޭންގްތަކާ ގުޅުން އޮވެޔޭ ބުނެ ދައްކާ ވާހަކަ އާއި ރިޔާޒްގެ ވާހަކަވީ އެމްޑީޕީއަށް އަދި ޔާމީނާ ދެކޮޅު ފަރާތްތަކަށް ލިބުނު ފުރުސަތަށެވެ. އެ ވާހަަކަތައް ޓްވިސްޓްވެގެން ދިއުމަކީ ރައީސް ޔާމީން "ގަތުލު"ވި ސަބަބެވެ.
ޖަމީލު ހެއްދެވީ ބޮޑު ދޮގެއް!
ޖަމީލް ވިދާޅުވި އެއްޗަކަށް ވެސް ބަލައިލަން ޖެހެވެ. އޭނާ ވިދާޅުވެފައި ވަނީ އަފްރާޝީމްގެ ގަތުލުގެ ފަހަތުގައި ތިބި މީހުންގެ ނަން އެނގިވަަޑައިގަންނަވާ ކަމަށެވެ. "އެ ނަންތައް އަޅުގަނޑު ހާމަކޮށްލައިފިނަމަ އެންމެން ސިއްސައިގެންދާނެ" އޭ އެވެ.
މިއީ ވަރަށް ބޮޑު މާޑާ ކޭހަކާ ގުޅޭ ގޮތުން ފުލުހުން ވެރިޔާ، ހޯމް މިނިސްޓަރު ވިދާޅުވި ވަރަށް ބޮޑު ވާހަކައެކެވެ. މިހެން ވިދާޅުވި އިރު ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ޖަމީލަށް ލިބި ވަޑައިގަންންވާ ހިސާބަކަށް ނުދެ އެވެ. އެ ސަބަބާހުރެ ތުހުމަތުން ނެއްޓެން ބަލަބަލައި ތިބި ފަރާތްތަކަށް އަނެއްކާވެސް ހީވީ ޖަމީލް ވެސް އެ ވިދާޅުވަނީ ޔާމީންގެ ވާހަކަ ކަމަށެވެ. އަދި ކުރިން އުމަރު ވިދާޅުވެ މިސްލީޑްވެގެން އައި ވާހަކަ އާއި ޖަމީލްގެ ވާހަކަ ހިމުންވެ އަނެއްކާވެސް ޔާމީނަށް ދިމާއަށެވެ.
އެކަމަކު ޖަމީލްގެ އަތްޕުޅުގައި ވެސް އޮންނާނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ތަހުގީގު ޓީމްގެ މެންބަރުންގެ އަތުގައި ވެސް ހުރި މައުލޫމާތަކެވެ. އަދި މިހާރު އިސްތިފާ ދެއްވައި ގޭގައި ހުންނެވި ޔާމީންގެ ވާދަވެރިޔާ އުމަރުގެ އަތުގައި ވެސް ހުރި މައުލޫމާތަކެވެ. ރައީސް ވަހީދަށްވެސް ލިބ ވަޑައިގެންފައިވާ މައުލޫމާތެކެވެ. އިތުރު އެއްވެސް އެއްޗެއް ނުހުންނާނެ އެވެ.
އޭގެ ފަހުން ޖަމީލް އުނގޫފާރަށް ވަޑައިގަތެވެ. އަދި އަފްރާޝީމްގެ އާއިލާއިން އެގެއަށް ވަޑައިގަތުމުމަށް ދައުވަތު ދެއްވި އެވެ. އެ ގޭގައި "ޖަމީލް ތިޔަ ވިދާޅުވާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ވިދާޅުވެ ބާލާށޭ" އަފްރާޝީމްގެ އާއިލާއިން ވަނީ އަހާފަ އެވެ.
އެ ސުވާލަށް ޖަމީލް ދެއްވި ޖަވާބަކީ މިއެވެ: "ވަރަށް ބޮޑަށް މާފު ކުރައްވާށެވެ. އެއީ ހަމަ ސިޔާސީ ގޮތުން ދެންނެވުނު ވާހަކަ އެކެވެ،"
އޭގެ ފަހުން ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގެން ނައިބު ރައީސްކަން ވެސްކުރެއްވި އެވެ. އަދި ޔާމީންގެ ވަރުގެ ބޭފުޅަކު ނެތިގެން ޖަމީލް ދެއްކެވި ވަރަށް އެއްވެސް ބޭފުޅަކަށް އަދިވެސް ވާހަކަ ދެއްކެވިފައި ނެތެވެ. އެހެން ނަމަވެސް އޯޕަންކޮށް އޭނާ އެ ދެކެއްވި ވާހަކަ މިހާތަނަށް ވެސް އަނބުރާ ގެންދަވާފައި ނުވާތީ ވާހަކަ އެގޮތަށް އޮތީ އެވެ. މިއަދު ވެސް އެމްޑީޕީން ދަނީ އެވާހަކަ ވިއްކަމުންނެވެ.
އެކްޓަސް ރެއަސް އަދި ހުމާމްގެ ކޮންފެޝަން
ސަޓޯއަކީ އަފްރާޝީމް މަރާލުމަށް ވަޅި ހެރި އެކަކު ކަމަށް ހުމާމް އިއުތިރާފުވެފައި ވެއެވެ. އޭނާ ބުނާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލަން އެ ގެއަށް ވަނީ ސަޓޯ އާއި ހުމާމެވެ. ފުރަަތަމަ ހަމަލާގައި އަފްރާޝީމްގެ މެއަށް ވަޅި ހެރީ ސަޓޯ އެވެ. އަފްރާޝީމްގެ ހަށިކޮޅުގައި ކަތިވަޅިން ހުމާމް ޖެހީ އޭގެ ފަހުންނެވެ. ހުމާމްގެ އެ ކޮންފެޝަން ކޯޓަށް ބަލައިގެންފައެއް ނުވެއެވެ. އެކަމަކު ވެސް ކޯޓްގައި ވެސް އަދި ވަކިން ގާޒީން އަރިހުގައި ވެސް ހުމާމް ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ބުނާ ގޮތުން އެރޭ އޭނާއަށް އޮތީ އަފްރާޝީމްގެ ބޯ ހަށިގަނޑާ ވަކި ކުރުމެވެ. ނަމަވެސް އެކަން ކުރަން ޖެހުނީ ސިޑީމަތީގައި ކަމަށްވުމާއި ވަގުތު ވެސް "ކެތިލެވެމުންދާތީ" ބޮލާ ކަނދުރާއާ ވަކިކޮށް ނުލެވުނީ އެވެ. އޭގެ ކުރިޔަށް އޭނާއަށާއި އެހެން ބައިވެރިންނަށް ފައިސާ ދޭން ނިންމާފައި ވަނީ އަޒްލިފެވެ.
ހުމާމްގެ ކޮންފެޝަން ދައްކާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލަން އެ ދެމީހުން ވަނީ ފާރައަށް ކުޑަކުއްޖަކު ބައިންދާފަ އެވެ. އެ ކުއްޖާ ފުލުހުން ހޯދީ ހުމާމްގެ މައުލޫމާތުންނެވެ. ވިޓްނަސްއަކަށް ބޭނުކޮށް މިއަދާ ހަމައަށް ވެސް ސިއްރުކޮށްފައިވާ އެ ކުއްޖާ ވަނީ އެ މައްސަލާގައި އޭނާއަށް އެނގޭ ހުރިހާ އެއްޗެސް ހިއްސާކޮށްފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި އިރު ހުމާމް ހުރީ ފަޓްލޫނު ބުރިއެއްލައިގެެނެވެ. ކަތިވަޅިން ޖެހުމުން ލޭތަށް އޭނާގެ ދެ ފަޔަށް ބުރައިގެން ދިޔަ އެވެ. ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް ލޭ އުނގުޅުނެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ ކުރިން އެ ފްޓްލޫނު ބުރި ބާލައި ދޮވެ އެހެން ޖީންސެއް ލި އެވެ. އެކަމަކު އެ ކަތި ވަޅި އާއި އެ ޖީންސް ބުރިވެސް ފުލުހުންނަކަށް ނުލިބެ އެވެ.
އެރޭ ފުލުހުން ހުމާމް ހައްޔަރު ކުރުމަށްފަހު ލައިގެން ހުރި ޖީންސް ބާލައި އަނެއް ފުށަށް ޖެހުމަށްފަހު ތަހުލީލްތައް ކުރިއިރު ހުރި އެ ޖިންސުގެ އެތެރެ ފުށުގައި ލޭގެ އަސަރު ހުރިކަމަށް ދެއްކި އެވެ. އެ ލޭގެ ޑީއެން އޭ ވަނީ އަފްރާޝީމްގެ ޑީއެންއޭއާ ދިމާވެފަ އެވެ. ހުމާމާއި "ސީން އޮފް ކްރައިމް" އާ ލިންކްވީ އެއިންނާއި ފާރައަށް ހުރި ކުއްޖާގެ ހެކި ބަހުންނެވެ. -- ޑީއެންއޭ މެޗިން ކޮމްޕިލީޓްވުމަށް ލޭ އަސަރު ފުދެ އެވެ. ކޮންމެހެން ގަނޑު ލޭ ހުންނާކަށް ނުޖެހެ އެވެ. އަދި މި މިންވަަރަކީ ހުމާމްގެ މައްޗަށް "އެކްޓަސް ރިއެސް" އެސްޓަބްލިސް ކޮށް ސާބިތު ކުރަން ފުދޭ މިންވަރެކެވެ.
ޓެކްނިކަން ގްރައުންޑަކުން ސަޓޯ ވީއްލުނަސް ލެސާ ޗާޖެއް ކުރެވިދާނެ!
ސަޓޯ ސަލާމަތްވީ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާން ބޭނުންވާ ބިޔޯން ރީޒްނަބަލް ޑައުޓް ހިމެނޭ "އެކްޓަސް ރިއެސް" އެސްޓަބލްިސް ނުވުމުންނެވެ. އޭނާގެ ގަޔަކުން ލެއެއް ނުފެނެ އެވެ. އޭނާގެ މައްޗަށް އޮތީ ކުޑަކުއްޖާ ބުނާ ބުނުމާއި އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ހަވީރު ފޯނެއްގައި ހުރެ އެ ފޯނު ކަނޑާ ނުލައި އެހެން މީހެއްގެ ގާތުގައި "އެޅައި ދުއްވާލާނީ ގޭތެރެއަށް ވައްދާފައޭ" ބުނާ ބުނުމެވެ.
މިއީ ފުލުހުންގެ ރިކޯޑްގައި އޮތް އޯޑިއޯއެކެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ވެސް އެރޭގަ އެވެ. އެކަމަކު އެއީ މީހެއްގެ މައްޗަށް މާޑައެއް ސާބިތު ކުރަން އެކަށީގެންވާ މިންވަރެއް ނޫނެވެ. ލެސާ ޗާޖެއްގެ ގޮތުގައި އެޕީލް ކުރިނަމަ ބައިވެރިވުން ސާބިތުވުމުގެ ފުުރުސަތު އޮތީހެވެ. އެހެން ނުވީ އެވެ. އެހެން ކަމު މި މައްސަލާގައި ސަޓޯ މިނިވަންވީ ޓެކްނިކަލް ގްރައުންޑް" ގެ ތެރެއިންނެވެ. އޭނާއާ ގުޅުވައި ދެން މިވާހަކަ ދައްކާނެ ޖާގައެއް ނެތެވެ.
އަސުލު ތުހުމަތު ދަނީ ކޮން ދިމާއަކަށް؟
އެހެން ކަމުން އަފްރާޝީމް ގަތުލުގެ މެންސް ރިއާ މިދަނީ ކޮންދިމާއަކަށް ހެއްޔެވެ؟ މި ބުރު އަނބުރާލާއިރު ތުހުމަތުވާ ރޮނގުމަތިން ހިނގައިލެވިދާނެ އެވެ. އަފްރާޝީމް އަވަހާރަކޮށްލި އިރު އެމްޑީޕީގެ ވެރިކަން ވެއްޓި އެ ޕާޓީ އާއި އެ ޕާޓީއަށް ތާއީދު ކުރާ ބޭރުގެ ގައުމުތައް ވެސް ތެޅި ފޮޅުނީ އެވެ.
އެ ހިތް ހަމަނުޖެހުމުގެ ތެރޭގައި ރާއްޖޭގެ ހަމަނުޖެހުން ނަގާލަން އެމްޑީޕީން ދިޔައީ އެކި ކަންކަން ކްރިއޭޓް ކުރަމުންނެވެ. ހަމަ އެ ދުވަސްވަރަކީ ދީނީ ގޮތުން ހައްދުފަހަނާޅައި ދިއުން ރާއްޖޭގައި ވަރަށް ބޮޑުވެފައިވާކަން ރާއްޖެއިން ބޭރުގައި ދައްކަން އެމްޑީީޕީން ހާއްސަކޮށް ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދުވަސްވަރެކެވެ. އެހެން ކަމުން އެންމެ ބޮޑު ތުހުމަތެއް ދަނީ އެމްޑީޕީގެ ތެރެއާ ދިމާއަށެވެ. އަދި ވެރިކަން ވެއްޓުނީ ގާނޫނުލް އުގޫބާތުގެ ތެރެއަށް ވައްދަން ރައީސް ނަޝީދާއި ޖޯޝުއާ ޕްރޮޖެކްޓް އިސްވެރިންނާއި ގުޅިގެން އެއްބަސްވެފައިވާ ކަންކަމަށް ޖާގަ ހޯދަން މަޖިލީހުގެ ކޮމެޓީގައި އަފްރާޝީމްގެ ސަަބަބުން ހުރަސް އެޅެމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި އޭގެ ކުރިން ނަވީޕިއްލޭ ގެނެސްގެން ދެއްކި ވާހަކަތަކާ ދެކޮޅަށް އަފްރާޝީމް ދެއްކެވި ވަހަކަތަކުން އެމްޑީޕީ ވަރަށް ބޮޑަށް ރުޅިއަރައިގެންފައިވާ ދަނޑިވަޅެކެވެ.
އެހެން ނަމަވެސް މިކޭސްގައި ރީނދޫ ރޮނގުމަތިން އެންމެ ދުރަށް ފުލުހުންނަށް ދެވެނީ ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު ޖާއާ ހަމައަށެވެ. އޭގެ ދުރަކަށް ނުދެވެ އެވެ. ކޮންފެޝަންތަކާއި ހޯދުންތައް ލިންކާވާ ގޮތުން މި ކޮންޓްރެކްޓްގައި އަޒްލިފް ރައޫފަށް ފައިސާ ދޭ ކަމަށް ދައްކަނީ ޖާ އެވެ. ހުމާމާއި ދެން ތިބި މީހުންނަށް އަޒްލިފް އަތުންނެވެ. އަނެއް ކޮޅުން އަޒްލިފާއި ޖާ ތަހުގީގުގައި އެއްބަހެއް ނުވެއެވެ.
އެމްޑީޕީއަށް ތުހުމަތު ކުރަންޏާ މިކޮންޓްރެކްޓް ޖާއަށް ދެނީ ކާކު ހެއްޔެވެ؟ އެ ސުވާލު ކުރަންޖެހެނީ ޖާ އާއި އަޒްލިފް، މި ދެމީހުންނަކީ އަފްރާޝީމް ގަތުލު ކުރުމުގެ "މެންސް ރިއާ" އެއް އޮތް ބަޔަކަށް ނުވާނެތީ އެވެ. ނުދެވިގެން މިއުޅެނީ އެހިސާބަށަށް ވިޔަސް ދެވޭ ހިސާބުގެ ސާކަލް އަށް ބަލާއިރު ބުރުގެ ތެރެއަށް އަރަނީ މުޅީން ވެސް އެމްޑީޕީ އެވެ.
"ތުހުމަތުގެ ހުރިހާ ލިންކެއް ހުރީ އެމްޑީޕީއާ ދިމާއަށް އެހެން އެގޮތަށް ހިނގާފައި އޮތްނަމަ އޭރުގެ ކަން ކަމަށް ބަލައި ހަމަނުޖެހުން އިތުރު ކުރަން ނޫނީ ބޭރުގައި ވިއްކަން އުޅުނު ހައްދު ފަހަނައަޅަފައި އޮތް ކަމަށް ދެއްކުމަށް މި ދެގޮތުން ކުުރެ ކަމަކަށް ވިސްނައިގެން ޕޮލިޓިކަލް ސޮފްޓް ޓާގެޓެއް ހޯދައި ދުއްވާލީ ކަމަށް އަޅުގަނޑަށް ވިސްނޭ،. އެކަމަކު މިވެސް ހީއެއް ސަބަބަކީ ޖާއަށްވުރެ ދުރަކަށް ނުދެވޭ،" އިންވެސްޓިގޭޝަންގައި ހިމެނުނު އެކަކު ބުންޏެވެ.
މެންބަރު ނާޒިމް ބައިވެރިވޭތަ؟
މެންބަރު އަހުމަދު ނާޒިމަކީ ސިޔާސީ ގޮތުން ކަންކަން ރޭވުމުގައި ވަރަށް ތޫނު ބޭފުޅެކެވެ. އައިޓީ އިންޖިނޭރެކެވެ. ވަރަށް ގިނަ ކަންކަމުގެ ތުހުމަތު އޮތް ބޭފުޅެކެވެ. މިހާރުވެސް ތުހުމަތު ވަނީ ފިއްލަވައިގެން ގޮސް އިނގިރޭސި ވިލާތުގައި ހުންނެވި ކަމަށެވެ.
އަފްރާޝީމްގެ ގަތުލު އެމްޑީޕީން ނައްޓަން އެންމެ ފުރަތަމަ މި ކޭސް ގެންދިޔައީ ނާޒިމާ ދިމާއަށެވެ. އެގޮތުން އަފްރާޝީމްގެ އަނބިކަަލުން ނާޒިމާ ކައިވެނި ބައްލަވައިގެންފި ކަމަށް އަޑު ފެތުރިއެވެ. އެއާ ގުޅޭ އޯޑިއޯތައް ހެދި އެވެ. އޭގެ ސަބަބުން އެކަން ގަބޫލު ކުރާ މީހުން މިއަދުވެސް އެއީ ދޮގެއް ކަމަށް ގަބޫލު ކުރާ މީހުނަށްވުރެ ގިނަ އެވެ. އަދި އަފްރާޝީމްގެ ގަތުލުކުރީ ނާޒިމާ ގުޅިވަޑައިގެން އަނބިކަބަލުން ކަމަށް ވާހަކަތައް ފަތުރާ ހަދާފައި ވެއެވެ. އެހުރި ސްޕިން އެއް ނުވަތަ އެނބުރުމެއް އައިސްފައި ވަނީ އެމްޑީޕީގެ ތެރެއިންނާއި އެޕާޓީއަށ ނިސްބާތްވާ މީހުންނާއި ހުމާމް ގާނޫނީ ފަޅިއަކަށް ވެގެން ނުކުތް ފަރާތްތަކުން އުފެއްދި ވާހަކަތަކުގެ ތެރެއިންނެވެ. ހަގީގަތުގައި ނާޒިމުގެ ބައިވެރިވުމެއް ވެސް ތަހުގީގަކަށް ނުދައްކަ އެވެ. އަދި އަފްރާޝީމްގެ އަނބިކަނބަލުުންނާއި ގުޅުވައި ހަދާފައިވާ އެއްވެސް ގުޅުމެއް އެއީ ހަގީގަތެއް ނޫނެވެ.
އަދީބު މިކަމުގައި ބައިބެރިވޭތަ؟ އޭނާ އިމްރާން މަރާލަން ރޭވި!
ކުރީގެ ނައިބު ރައީސަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުގައި ވެސް ގޭންގެ ސްޓާރެކެވެ. އޭނާގެ މެންޓަލިޓީ އަކީ ކްރިމިނަލް މެންޓަލީއެކެވެ. އޭނާ މަސާޖްޕާލާ ހިންގެވި އެވެ. އޭނާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ މަގާމަކަށް ވަޑައިގަތުމަށް ވަޅީގެ ހަމަލާއެއް ޕްލޮޓް ކުރުމުގެ ކުރިން ވެސް ގޭންގް އެތައް ހަރަކާތެއް ހިނގާފައި ވެއެވެ.
ގަތުލާ ގުޅުވައި އަދީބާ މެދު ވިސްނާލާއިރު ދުރުމި އެހާ ސާފެއް ނޫނެވެ. އެކަމަކު އަދީބުގެ މާޒީ އާއި މެންޓާލިޓީ އާއި މިފަހުން ކަންތައްތައް ހިނގައި ފަޅާ އަރާފައިވާ ގޮތަށް ބަލާއިރު މި ފަދަ މައްސަލައެއްގެ މެންސް ރިއާ އެއް އެސްޓަބްލިޝް ކުރަން މިއީ ސިކުނޑިން އެއް ފަރާތް ކުރެވޭނެ އާދައިގެ ނަމެއް ނޫނެވެ.
މި ވިސްނުން ގެންގުޅެން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާތުގައި ހުންނަވައިގެން އޭރު އެމްޑީޕީން ހިންގަމުން ދިޔަ ކަންކަން ވަހީދަށްޓަކައި މައިތިރިކޮށްލުމަށްޓަަކައި ވަރަށް ގިނަ ރޭވުންތައް އަދީބު ރާވައިދީފައިވާތީ އެވެ. އަދީބުގެ އޭރުގެ ވިސްނުން ގެންގުޅެފައި ވަނީ ރަައީސް ވަހީދު ރިޔާސީ އިންތިހާބުގައި "ދެމިގަންނާނެ" ކަމަށް ބަލައި އޭނާއާއެކު ކުރިޔަށް ވަޑައިގަތުމަށެވެ. އެމްޑީޕީގެ މައިތިރިކޮށްލުމަށް އިމްރާން އަބްދުﷲ އަވަހާރަކޮށްލަން ރޭވި އެވެ. އޭރު އިމްރާން ގެންދެވީ ޖީއެމްއާރް މައްސަލާގައި ފާޅުގައި ދެކޮޅު ހައްދަވާ ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. އަދީބު ބޭނުންފުޅުވީ އިމްރާން އަވަހާރަކޮށްލުމަށްފަހު އެމްޑީޕީ އާއި ޖީއެމްއާރްގެ ބޮލުގައި އަޅުވާށެވެ. މި އަށް ވިސްނާލައިފިނަަ އަފްރާޝީމްގެ ގަތުލު އަދީބާ ދިމާއަށް ވެސް ގެންދެވިދާނެ އެވެ. އިންވެސްޓިގޭޝަނެއް އަލުން ހުޅުވާ ކަމަށް ވާނަމަ މިއީ ގެންގުޅެން ވެސް ޖެހޭނެ ވިސްނުމެކެވެ.
އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އިމްރާން މަރާލުމަށް އަދީބު ރޭވިކަމުގެ ފުރިހަމަ ހެކި ފުުލުހުންގެ ރިކޯޑްގައި އެބައޮތެވެ. މި ސަރުކާރުގެ ވަޒީރަކަށް ވެ ވަޑައިގެންނެވި އިރުވެސް ނައިބަކަށް ވެވަޑައިގެންނެވި އިރު ވެސް ގެންދެވީ އެ ރިކޯޑް ދުއްވާލަން މަސައްކަތް ކުރައްވަމުންނެވެ. އެކަމާ ގުޅިގެން އެ ޕްރޮފައިލް ހެއްދެވި އިންޓެލިޖެންސް ވެރިޔާ ބޭރުވެސް ކުރި އެވެ.
އަދީބު ރާވާފައި އޮތީ މަގުމަތިން އިމްރާނަށް ހަމަލާދީ އަވަހާރަކޮށްލާށެވެ. އިމްރާން އަވަހާރަކޮށްލަން އުޅުނުކަން އެއީ އެސްޓަބްލިޝް ވެފައި އޮތް ކަމަށްވާއިރު އެކަން ނުވީ އެމެރިކާގެ ސިއްރު ފުލުހުން އެކަން ދެނެގަނެ އެ މައުލޫމާތު އިމްރާނާ ހިއްސާ ކުރުމުންނެވެ. އިމްރާން އެ ހުންނެވީ ގޭގަ އެވެ. އަހައިލަން ވެސް ރަނގަޅުވާނެ އެވެ. އެހެ ހެންވީމާ އަދީބުގެ ނަން ވެސް އަފްރާޝީމްގެ ގަތުލާ ގުޅޭ ތުހުމަތުގެ ބުރުގެ ތެރެއަށް ވަދެ އެވެ. އެކަމަކު ހެއްކެތް ނެތެވެ.
ހުމާމާމާ އަދީބު ބައްދަލު ކުރެއްވި
ހުމްމާމް ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް އަދީބު ހުމާމާ ބައްދަލު ކުރެއްވި ކަމަށް އިތުބާރު ހިފޭ ސޯސްތަކުން އަވަސް އަށް ކަށަވަރުވެ އެވެ. ކޮންރަޑް ހިލްޓަން ނޫނީ ސެރެޓަންގަ އެވެ. އަދީބު ބައްދަލު ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ޑައިވާޓް ކުރަން މަސައްކަތް ކުރުން ނޫން ކަމަކަށް ބައްދަލު ކުރައްވާނެ ހެއްޔެވެ؟
ޔާމީނާ ދިމާއަށް ގެންދަން ވެސް އަދި އެމްޑީޕީއާ ދިމާއަށް ގެންދަން ވެސް މަސައްކަތް ކުރައްވާފާނެ އެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. ހުމާމް ކޯޓްގައި "މިކަން އެނގޭނީ ޔާމީނާ އަދީބަ" ށޭ ބުނީ އަދީބު ހުމާމާ ބައްދަލު ކުރި ހަފުތާއަށް ފަހު ދެން ބޭއްވި ޝަރީއަތުގައެވެ. މިކަން ބެލޭނެ ގޮތްތައް ވެސް ހުންނާނެ އެވެ. ފަހަރެއްގައި އަދީބު އެކަން ކުރައްވާފައި ވަނީ އޭނާގެ ކުރިންސުގެ ގެންގުޅުއްވި ޕްލޭންގެ ތެރެއިން ޔާމީން ބަދުނާމުކޮށް ނަން ކިލަނބުކޮށްލެވުމަށެވެ.
ޖޯޝުއާ ޕްރޮޖެކްޓް / ހާޑިންހަމް/ އެމްޑީީ
އެމްޑީޕީ އާއި ރައީސް ނަޝީދުގެ ހާއްސަ އެކުވެރިޔާ އިނގިރޭސި ފައްޅިއެއްގެ އިސް ފާދިރީއެއް ކަމަށްވާ ޑޭވިޑް ހާޑިހަމް ވަނީ އަފްރާޝީމާމެދު ފާރަވެރިވާން ނަޝީދުގެ ސަރުކާރަށް އަންގާފަ އެވެ. އަދި އޭނާ އިސްވެ ހުންނަވައިގެން އަފްރާޝީމްގެ ތަގުރީރުތަކާއި ވާހަކަތައް ބަލައި ދިރާސާކޮށް އަޅަންވާ ފިޔަވަޅުތައް އއަންގަމުން ދިޔައެވެ. އެކަންކަމަށް ބޭނުވާނެ ހުރިހާ ކަމެއް އޭނައަށް ހަމަޖައްސައިދީ އެމްޑީޕީއާ ހަމައަށް ގެނެސްދެނީ ދުނިޔޭގައި ފައްޅި އެޅުމާބެހޭ ބޮޑު ޖަމާއަތާ ގުޅިފައިވާ ޖޯޝުއާ ޕްރޮޖެކްޓްގެ ތެރެއިންނެވެ. ހާޑިންހަމް އަކީ މީގެ ކުރިން 1990 ތެރޭގައި ވެސް ޖޮޝުއާ ޕްރޮޖެކްްޓް ރާއްޖެއަށް ލޯންޗުކޮށް އިސްލާމްދީން ރާއްޖެއިން ފޮހެލުމަށް މަސައްކަތް ކުރި ޓީމުގައި ހިމެނުނު އެކެކެވެ. އޭނާ ވަނީ އަފްރާޝީމް "މައިތިރި ކުރަން" އެދިފަ އެވެ.
ޖީއެމްއާރް އަދި އިންޑިއާ ގެ ރޯ
މި މައްސަލަ އިގެ ވިސްނުން ރާއްޖެއިން ބޭރަށް ނުގެން ގޮސް ނިންމާލައިގެން ނުވާނެ އެވެ. އެންމެ ފުރަތަމަ އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވަނީ "އަފްރާޝީމް އަވަހާރަކޮށްލި މީހުން ވަނީ ރާއްޖެއިން ބޭރުގައި" ކަމަށެވެ. އެހެންވީމާ އެފަދަ ވަގުތެއްގައި ނަޝީދު އެފަ ޓްވީޓެއް ކުރައްވާފައި އެވަނީ ކޮންމެވެސް ހަގީގަތެއް އޮވެގެނެވެ. އެހެންވީމާ އަބަދުވެސް ސިކުނޑީގައި ބޭރު ދުނިޔެ މިކަމުގައި ބާއްވަން ޖެގެއެވެ. މިކަމުގައި އިންޑިއާގެ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) އަށް ތުހުމަތު ކުރެވޭ ކަމަށް އަވަސް އިން ހޯދި ހޯދުންތަކުން ދައްކަ އެވެ.
ޖީއެމްއާރް މައްސަލަ އާއި ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނު މައްސަލާގައި އިންޑިއާ ސަރުކާރުން ރާއްގައި ވަރަށް ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. ޖީއެމްއާރް މައްސަލަ އާއި ރާއްޖެއަށް ސިޔާސީ ގޮތުން އައި ބޮޑު ބަދަލާއެކު އިންޑިޔާ ދިޔައީ ރާއްޖޭގެ އެތެރޭގައި އިންސްޓެބިލިޓީ އޮތްކަން ދައްކަން ނުފޫޒު ގަދަ ރޯލެއް ކުޅެމުންނެވެ. ޖީއެމްއާރުން ގެންދިޔައީ އެފަދަ ދައުރަކަށް ބޭނުންވާނެ ފައިސާ ތަަނަވަސްކޮށް ދެމުންނެވެ. އެހެން ކަމުން ރޯ އާއި ޖީއެމްއާރް އާމެދު ވިސްނާލަން ޖެހެ އެވެ. އެކަމަކު އިންޑިކޭޝަންތަކެއް ފިޔަވައި ދުރަކަށް ނުދެވެއެވެ.
ކޮންމެއަކަށް މި ބުރުގެ ތެރެއަށް އަޅުގަނޑު އަތުލާރާލާއިރު ފުރަތަމަ ވެސް އަންނަނީ އެމްޑީޕީއެވެ. ދެން ވެސް އަންނަނީ އެމްޑީޕީއެވެ. ޖޯޝުއާ ޕްރޮޖެކްޓް ގުޅެނީ ވެސް އެމްޑީޕީ އާއެވެ. ރޯ އާއި ޖީއެމްއާރް ގުޅެނީ ވެސް އެމްޑީޕީ އާއެވެ.
އެމްޑީޕީގެ ލީޑަޝިޕްގައި އިންސްޓިންކްޓް ކިލާ ހުރި ބޭފުޅަކު އެބަ ހުންނެވި އެވެ. އެމްޑީޕީއާ ގުޅިފައިވާ ދިމަދިމާގައި އަފްރާޝީމްގެ "މެންސް ރެއާ" ކަށް ވާންޖެހޭ ސަބަބު އޮތް މީހުން އެބަތިއްބެވެ.
ކްރިމިނަލް އިންވެސްޓިގޭޝަންގެ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅަކާއި އިންޓެލިޖެންސްގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ މީހަކު މަރާލައި އެ ސިޔާސީ ކާޑަކަށް ހެދުމުގެ މެންޓަލިޓީ އެމްޑީޕީގެ ބައެއް ހާޑް އެލެމެންޓްތަކުގައި އެބަހުއްޓެވެ. އެކަމަކު ޖާއަށްވުރެ ދުރަށް ނުދެވި ބުރު ހުއްޓެނީ އެވެ.
އާއިލާގެ މެންބަރަކު ޖަލަށް ގެންގޮސް އެމްޑީޕީން ބޭނުންވާ ގޮތަށް ހުމާމް މައުލޫމާތު ދިން
ހުމާމަކީ އަފްރާޝީމްގެ ގާތިލު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ހުމާމްގެ "މެންސް ރެއާ" އެސްޓަބްލިޝްއެއް ނުކުރެވެ އެވެ.
މި މައްސަލާގައި ރައީސް ޔާމީނަށް ތުހުމަތު ކުރަންޖެހޭ ސަބަބެއް ނެތެވެ. އެއާ ހިލާފަށް އެމްޑީޕީއާ ގުޅޭ އެތައް ސަބަބެއް ފެންނާން އެބަހުއްޓެވެ. ނެތީ ހެއްކެވެ. އެއީ އަދީބު ކަމަށް ބަލަންޏާ ވެސް ހުމާމާ ބައްދަލު ކުރެއްވި ކުރުމާއި އޭނާ ވެސް އަޑީގައި ހުރެ، ރައީސް ވަހީދުގެ ސަރުކާރުގެ ތެރެއަށް ވަން އެމްޑީޕީގެ ގަދަފަދަ ފަރާތެއްގެ ފަންޑިންއާއެކު (ރައްކާތެރި ކަމަށްޓަަކައި ނަން އުނިކޮށްފައި) އަފްރާޝީމްގެ އާއިލާގެ މެންބަރަކު ޖަލަށް ގެންގޮސް ހުމާމާ ބައްދަލު ކުރުވައި އެމްޑީޕީން ބޭނުންވާ ގޮތަށް ހުމާމް ލައްވާ ވާހަކަ ދައްކުވައި އެ އާއިލާ "ކައްކުވާލި" އެވެ. އޭގެ ތެރޭގައި ޔާމީނާ ގުޅުވައި ދެއްކި ވާހަކަތައް ހިމެނެ އެވެ.
"ބައްދަލު ކުރުވި، އެ ބައްދަލުވުމާއެކު އާއިލާގެ މެންބަރު ވަނީ އޭގެ ތެރެއަށް ޕުލްވެފައި، އެއީ އެކަންވާނެ ވެސް ގޮތް، ބައިވަރު ފެކްޓާސްތައް އެއްތަނަކަށް ޖާމާވުމުން އާއިލާ ނުވަތަ އާއިލާގެ ބައެއް މެންބަރުންނަށް އެގޮތް ވެދާނެ، ނޫންތޯ؟" މައްސަލައިގެ މައުލޫމާތު ރަނގަށް އެނގި ހުރި ބޭފުޅަކު ވިދާޅުވި އެވެ. އަދި އަފްރާޝީމާ ގާތް ކަމެއް އޮތް އެހެން ބޭފުޅަކު ވެސް މިވާހަކަ ވިދާޅުވެ ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަށްފަހު ޖަލުން އަފްރާޝީމްގެ ބޭބެ އަބްދުއް ނާސިރު ގެއަށް އައީ ވަރަށް ބޮޑަށް މި ސަރުކާރާއި ޔާމީން ދެ ރުޅި އައިސްގެން ހުރެއެވެ.