ބޭރު ކުޅިވަރު

ސަޕޯޓަރުން ހިތްހަމަނުޖެހުމަކީ މައްސަލައެއް ނޫން: އެންޗަލޮޓީ

ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމަކީ މައްސަލަެއެއް ނޫން ކަމަށާއި އެއީ ފިކުރުބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނެފި އެވެ.

ސްޕެއިން ލީގުގައި ރޭ ޑިޕޯޓިވޯ ލަކަރޫންޔާ އަތުން 2-0 އިން މޮޅުވެ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް އިން ލީޑު ފުޅާކުރި ނަމަވެސް، ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ބޮޑަށް އަމާޒުވީ އެންޗަލޮޓީ އާއި ރެއާލްގެ ގޯލްކީޕަރު އިކާ ކަސިއަސްއަށެވެ. ސަޕޯޓަރުން ހިތްހަމަނުޖެހުނީ މިދިޔަ ހަފުތާގައި އެތުލެޓިކޯ މެޑްރިޑް އަތުން 4-0 އިން ރެއާލް ބަލިވުމުންނެވެ.

"ސަޕޯޓަރުން އަހަންނާއި ޓީމާމެދު ހިތްހަމަނުޖެހުމަކީ މައްސަލައެއް ނޫން. ޑާބީ މެޗަކުން 4-0 އިން ބަލިވުމަކީ ގަބޫލްކުރަން ދަތި ނަތީޖާއެއް. އަހަރެމެންނަށް އެނގޭ އެ މެޗުގެ މުހިންމުކަން އަދި ސަޕޯޓަރުންގެ މުހިންމުކަން. ނަތީޖާތައް ގޯސްކޮށްދާއިރު ޓީމަށް ތަރުހީބު ދިނުމަކީ އުނދަގޫކަމެއް. ސަޕޯޓަރުންނަށް ޝުކުރު އަދާކުރަންޖެހޭ ބަލިއިރު ވެސް ޓީމަށް ސަޕޯޓަރު ދިނީތީ،" އެންޗަލޮޓީ ބުންޏެވެ.

އިސްކޯ އާއި ބެންޒެމާ ޖެހި ލަނޑުތަކާއެކު ޑިޕޯޓިވޯ އަތުން މޮޅުވެ، ރެޢަލް ވަނީ ތާވަލްގެ ދެވަނައިގައި އޮތް ބާސެލޯނާގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. އެކަމަކު ލީގުގައި މިރޭ ބާސާ ކުޅެ މެޗުން އެ ޓީމު މޮޅުވެއްޖެ ނަަމަ ރެއާލްގެ ލީޑު އަނެއްކާ ވެސް އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

އެންޗަލޮޓީ ބުނީ ޑިޕޯޓިވޯ އަތުން މޮޅުވިޔަސް، މިއީ ފަސޭހަ މެޗެއް ނޫން ކަމަށެވެ. އަދި މެޗުން މޮޅުވީ ސަޕޯޓަރުންގެ އެހީތެރިކަމާއެކު ކަމަށެވެ.

"މިއީ ފަސޭހަ މެޗެއް ނޫން. މެޗުގެ ބައެއް ވަގުތުތަކުގައި އަހަރެމެންނަށް ރަނގަޅަށް ކުޅެވުނީ. މި މެޗުން އަހަރެމެން މޮޅުވީ ސަޕޯޓަރުންގެ އެހީ ލިބިގެން،" އެންޗަލޮޓީ ބުންޏެވެ. -- އީއެސްޕީއެން