ބޭރު ކުޅިވަރު

އަދިވެސް ގައުމީ ޓީމަށް ކުޅޭނަން: ރޫނީ

އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނެ ކަމަށް އިނގިރޭސި ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ. އޭނާ މިހެން ބުނީ ކުޑަކުޑަ އައިސްލޭންޑް އަތުން ބަލިވެ، 2-1 އިން ލަދުވެތި މި ނަތީޖާއާއެކު އިނގިރޭސީން ޔޫރޯއިން ކަޓާފައި ވަނިކޮށެވެ.

"އަހަރެން އަދިވެސް ކުޅެން ބޭނުން. އިންގްލޭންޑަށް ކުޅުމަކީ އަހަރެން ދެކޭގޮތުގައި ބޮޑު ޝަރަފެއް. އަހަރެން މިހުރީ ދެން ކޯޗަކަށް އަންނާނީ ކާކުތޯ ބަލަން. އަހަރެން ޓީމަށް ނަގައިފިނަމަ އަހަރެން ކުޅޭނަން،" 31 އަހަރުގެ ފޯވަޑް ބުންޏެވެ.

ރޭގެ މެޗާއެކު ޑޭވިޑް ބެކަމް ގައުމީ ޓީމަށް ކުޅެފައިވާ 115 މެޗުގެ އަދަދާ ރޫނީ ވަނީ އެއްވަރުކޮށްފަ އެވެ. އޭނާ ބުނީ އައިސްލޭންޑަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅީ އިނގިރޭސިން ކަމަށާއި ނަމަވެސް ދަނޑުމަތީގައި އެކަން ނުދެއްކުނު ކަމަށެވެ.

"އެމީހުން ދެ ގޯލު ޖެހީމަ ދެން އަހަރުމެންނަށް އެއްވަރު ނުކުރެވުނު. މިއީ ވަރަށް ހިތްދަތި ނަތީޖާއެއް. ކޯޗު ވަރަށް މަސައްކަތް ކުރި. އޭނާ މެޗަށް ފަހު ކުޅުންތެރިން ގާތު ބުނި އިސްތިއުފާދިން ވާހަކަ. ވަކިވަކިން އެންމެނަށް ޝުކުރު އަދާކުރި. އަހަރުމެން މި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އޭނާ ކޮށްދިން މަސައްކަތަށް ޝުކުރުވެރިވަން. މިގޮތަށް ބަލިވި ނަމަވެސް އޭނާ ކޮށްދިން މަސައްކަތްތައް ހަނދާން ކުރަންޖެހޭނެ،" ރޫނީ ބުންޏެވެ.

މެޗުގައި ރޫނީ ދެއްކި ކުޅުމާމެދު ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. މެޗު ފަށައިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިން ނަމަވެސް ޖެހިގެން އައި މިނިޓްގައި އައިސްލޭންޑް ލަނޑު ޖެހީ ރޫނީ އަށް ރަނގަޅަށް ކުޅުންތެރިން މާކް ނުކުރެވުމާއި ޓީމު އޮގަނައިޒް ނުކުރެވިގެން ކަމަށް އިނގިރޭސި ކުރީގެ ކުޅުންތެރިން ފާހަގަކޮށްފައިވެ އެވެ.