ޔޫރޯ 2016

އަހަންނަށް ނުކުޅެވުނު، އާ ކޯޗަށް އޮތީ އުނދަގޫ މަސައްކަތެއް: ހާޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އައިސްލޭންޑް އަތުން އިންގްލޭންޑް ބަލިވި މެޗުގައި އޭނާ އަށް ވެސް ރަނގަޅަށް ނުކުޅެވުނު ކަމަށާއި ޓީމާ ހަވާލުވާ އާ ކޯޗަކަށް އުނދަގޫ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ކީޕަރު ޖޯހާޓް ބުނެފި އެވެ.

"ކޯޗު ޒިންމާ ނަގައިފި. އެކަމަކު އަހަރެން ބުނާނީ ކުޅުންތެރިން ވެސް އެވަރަށް ޒިންމާ ނަގަންޖެހޭނެއޭ. އަހަރުމެންނަށް ރަނގަޅަށް ނުކުޅެވުނު. އަހަރެން ވެސް ރަނގަޅަށް ނުކުޅޭ. އަހަރުމެންގެ ހުރިހާ ޕްލޭނެއް މަސައްކަތްކުރޭތޯ ބެލި،" ހާޓް ބުންޏެވެ.

އޭނާ ބުނީ އައިސްލޭންޑްގެ ހުރިހާ ކަމެއް އިންގްލޭންޑަށް އެނގޭނެ ކަމަށާއި ނަމަވެސް މޮޅުވާން ބޭނުންކަމަށް ބުނުން ފިޔަވައި އެއްވެސް ކަމެއް އަމަލީ ގޮތުން ދެއްކިފައިނުވާ ކަމަށެވެ. އަދި 2-1 އިން ފުރަތަމަ ހާފުގައި ބަލިވުމުން މެޗުގެ ތެރެއަށް އެނބުރި ނާދެވުނު ކަމަށް ވެސް ހާޓް ބުންޏެވެ.

"އާ ކޯޗަކަށް ކުރަންޖެހިފައިމިވަނީ ވަރަށް އުނދަގޫ މަސައްކަތެއް. މި ޓީމު މަސައްކަތް ކުރި. އެކަމަކު ކާމިޔާބެއް ނުވި. މިއީ އެންމެންވެސް މި ޓީމު ހަނދާން ކުރާނެ ގޮތް. މިކަން ބަދަލު ކުރަން އާކޯޗަށް އުނދަގޫ މަސައްކަތެއް ކުރަންޖެހޭނެ،" ހާޓް ބުންޏެވެ.