ފާއިތުވެދިޔަ ހަތް ދުވަހަކީ އިނގިރޭސީންނަށް ހިތާމަވެރި ހަފުތާއެކެވެ. މިއިން ދުވަހަކު ނުކުރާހާ ގިނަ އުއްމީދުތަކެއްގައި ތިއްބައި ހިތާމައިގެ ވިލާގަނޑެއް އައިސް މުޅި އިނގިރޭސިވިލާތް މިވަނީ ބައްދާލައިފަ އެވެ. އެއްވެސް ޕްލޭނެއް ނެތުމުން ނާކާމިޔާބީ އަކަށް ފަހު ނާކާމިޔާބީ އެއް ކުރިމަތިވެ މުޅި ގައުމު އެވަނީ ސައިވެފަ އެވެ.
އިނގިރޭސީންނަކީ ޔުނައިޓެޑް ކިންގްޑަމްގެ ދިދައިގެ ދަށުގައިވާ ހަތަރު ގައުމެވެ. ވޭލްސް އާއި އުތުރު އަޔަލޭންޑާއި އިންގްލޭންޑްގެ އިތުރުން ސްކޮޓްލޭންޑެވެ. އެކަމަކު އިނގިރޭސީންނޭ ބުނުމުން މިބަސް މައިގަނޑުގޮތެއްގައި އަމާޒުވާ ބަޔަކީ އިންގްލޭންޑެވެ.
އިނގިރޭސީންގެ ހިތާމަތައް ފެށުނީ ބޮޑުވަޒީރު ކޭވިޑް ކެމަރަން ބައިކޮޅަށް ޖެހި ގޯލުންނެވެ. ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާމެދު ވޯޓް ނަންގަވާނެ ކަމަށް ވިދާޅުވީ އަމިއްލަފުޅަށެވެ. އެ ވޯޓުގައި އޭނާ ބޭނުންވީ އީޔޫގައި އިނގިރޭސިން ދެމިއޮތުމަށެވެ. އެކަމަކު ތަފާތަކުން ނާކާމިޔާބުވުމުން ރައްޔިތުންގެ އިތުބާރު އޭނާ އަށް ނެތްކަމަށް ނިންމެވީ ވެސް އަމިއްލަފުޅަށެވެ. ޕާޓީގެ ގިނަ ބަޔަކު އެދިއެދި ތިއްބައި އިސްތިއުފާދެއްވާނެކަން އިއުލާނުކުރެއްވީ އެވެ.
ކެމަރަންގެ އިސްތިއުފާ އަށް ފަހު އެންމެ އަވަހަަށް އިސްތިއުފާ ދެއްވީ އިނގިރޭސި ގައުމީ ކޯޗު ރޯއި ހޮޖްސަން އެވެ. ކުޑަކުޑަ އައިސްލޭންޑް އަތުން ލަދުވެތިގޮތަކަށް އިންގްލޭންޑް ބަލިވުމުން އޭނާ އިސްތިއުފާ ދެއްވީ އެކަން ނުކޮށްފިނަމަ މަގާމުން ވަކިކުރާނެ ކަން ވެސް އެނގިހުރެ އެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މެޗަށް ދިޔައިރު ހޮޖްސަން ވަނީ ބަލިވެއްޖެނަމަ އިސްތިއުފާ އިއުލާނު ކުރުމަށް ބަޔާނެއް ވެސް ތައްޔާރުކޮށްފަ އެވެ.
މެޗަށް ފަހު އޭނާ ޕްރެސް ކޮންފަރެންސް ދޫކޮށް ޗޭންޖިން ރޫމަށް ދިޔައީ ނޫސްވެރިން ސުވާލު ކުރަމުން ދަނިކޮށެވެ. އިސްތިއުފާ ދެމުން ހޮޖްސަން ބުނީ "މިއީ އެހެން މީހަކު ހުނަރުވެރި ކުޅުންތެރިންނާ ހަވާލުވާންވީ ވަގުތު،" ކަމަށެވެ.
އިނގިރޭސިން ޔޫރޯއިން ކެޓުމަކީ މުޅި ގައުމަށް ވެސް ބޮޑު ލަދުވެތިކަމެކެވެ. އެމީހުންނަކީ ފުޓްބޯޅަ އުފަންކުރުވި ކަމަށް ދައުވާ ކުރާ މީހުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ މަޝްހޫރު ލީގު އޮވެމެ، ފުޓްބޯޅައިގައި ލިބުނު ކާމިޔާބީއެއްނެތެވެ. އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ބާއްވައިގެން 1966 ގައި ކިރިޔަކިރިޔާ ލިބުނު ވޯލްޑް ކަޕް ފިޔަވައި ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ވެސް އެ މީހުން ކުޅުނު ހަނދާން ހުރި މީހުން މަދެވެ.
މިފަހަރުގެ ޔޫރޯއިން އިންގްލޭންޑް ކަޓުވާލި ކުޑަކުޑަ އައިސްލޭންޑަކީ އިނގިރޭސިން ކައިރިން ބޯޅަ ކުޅެން ދަސްކުރި ބައެކެވެ. ވަސީލަތުގެ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުން ވެސް އެތައް ހާސްބައި މި ދެ ގައުމު ތަފާތެވެ. އެ ގައުމުގެ އާބާދީ އަކީ 330،000 އެވެ. މިއީ އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ. އައިސްލޭންޑްގެ ޓީމުގެ 23 ކުޅުންތެރިންގެ އަގަކީ އެންމެ 31 މިލިއަން ޕައުންޑެވެ. މިއާ ހިލާފަށް ރެއަކަށް 500 ޕައުންޑް ހޭދަކުރަންޖެހޭ އަގުބޮޑު ހޮޓަލުގައި ތިބި އިނގިރޭސި ކުޅުންތެރިންގެ ޖުމުލަ އަގު 330 މިލިއަން ޕައުންޑަށް އަރަ އެވެ.
މެޗަށް ފަހު އިނގިރޭސި އެފްއޭއިން ނެރުނީ ވެސް ހިތާމަވެރި ބަޔާނެކެވެ. އެ ބަޔާނުގައި އޮތީ ގައުމު ހިތާމަކުރަމުންދާއިރު ނަތީޖާއާ މެދު އެމީހުން ވެސް ހިތާމަކުރާ ކަމަށެވެ. ބަލިވީ މަތިވެރި އުއްމީދެއްގައި ތިއްބާ ކަމަށެވެ.
މިހާރު ދެން އޮތީ ކެޕްޓަން ވޭން ރޫނީގެ ނިންމުމެވެ. ގައުމީ ޓީމަށް 115 މެޗު ކުޅެދީ ޑޭވިޑް ބެކަމްގެ ރެކޯޑާ ހަމަހަކުރި ނަމަވެސް މުޅި މެޗުގައި ވެސް އެންމެ ބޮޑަށް ހާސްވެ، މާޔޫސްވެފައި ހުރީ އޭނާ އެވެ. މި ނާކާމިޔާބީގެ ސަބަބުން ރޫނީ ކެޕްޓަން ދޫކޮށްލުން ނުވަތަ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމަފާނެ ކަމަށް ވެސް އިނގިރޭސި ބައެއް ރިޕޯޓަރުން އުއްމީދު ކުރެ އެވެ. އެހެންވެއްޖެނަމަ އަނެއްކާ ވެސް އެއީ ބޮޑު ހިތާމައެކެވެ.