ބޭރު ކުޅިވަރު

އިދިކޮޅު ކުޅުންތެރިއަކަށް ދުވަހަކު ވެސް ގަސްދުގައި އަނިޔާއެއް ނުކުރަން: ކޮސްޓާ

ވަރުގަދަކޮށް ކުޅުުނު ނަމަވެސް، އިދިކޮޅު ކުޅުންތެރިއަކަށް ދުވަހަކު ވެސް ގަސްދުގައި އަނިޔާއެއް ނުކުރާ ކަމަށް ޗެލްސީގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި މިދިޔަ މަހު ލިވަޕޫލްއާ ދެކޮޅަށް ޗެލްސީ ކުލުނު މެޗުގައި ލިވަޕޫލްގެ އެމްރޭ ޗާންގެ ފައިމައްޗަށް ކޮސްޓާ ފައިން އެރުމާ ގުޅިގެން، ކޮސްޓާ ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިހާރު އެ ތިން މެޗުގެ ސަސްޕެންޝަން ވަނީ ހަމަވެފަ އެވެ.

"އަހަރެން ކުޅެނީ ވަރަށް ވަރުގަދަކޮށް. އެކަމަކު ދުވަހަކު ވެސް ނުބައި ނިޔަތެއްގައި ކުޅުންތެރިއަކަށް ޗެލެންޖެއް ނުކުރަން،" ކޮސްޓާ ބުންޏެވެ. "އަހަރެން ރެކޯޑްތައް މިހާރު ވެސް ބަލާ. އަހަރެންގެ ފަރާތުން ދުވަހަކު ވެސް އެހެން ކުޅުންތެރިއަކަށް ނުރައްކާތެރި އިންޖަރީއެއް ކުރިމަތިވެފައެއް ނޯންނާނެ."

އެތުލެޓިކޯ މެޑްރިޑް އިން ޗެލްސީ އަށް މިދިޔަ އަހަރު ބަދަލުވި ކޮސްޓާ ބުނީ އިދިކޮޅު ކުޅުންތެރިންގެ ފަރާތުން އޭނަ އަށް ކުރިމަތިވާ ހަމަލާތަކަށް މާ ހަރުކަށި ފިޔަވަޅު އަޅާންޖެހޭ ކަމަށެވެ.

"އިންގްލެންޑްގައި އަހަންނަށް އަމާޒުވާ ބައެއް ޓެކަލް ތަކަކީ ސްޕެއިން ލީގުގައި ނަމަ ރަތް ކާޑެއް. އެކަމަކު އަހަރެން މިހާރު އެކަމަށް ހޭނިއްޖެ. އިނގިރޭސި ލީގުގައި ކުޅެވީ ވަރަށް ވަަރުގަދަ، ފިސިކަލް ޑިފެންޑަރުން،" ކޮސްޓާ ބުންޏެވެ. -- ބީބީސީ